އެމެރިކާ ޑޮލަރު ގަންނަން ބޭނުންތޯ؟

Loading

Facebook
Twitter
WhatsApp

އަހަރެމެން އެމެރިކާޑޮލަރު ފަހާ ދުވަމުންދާއިރު ދުނިޔޭގެ އެންމެ ބޮޑެތި ފައިސާވެރިން ޑޮލަރު ގަންނަން ބޭނުންވޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި މިވަގުތު ދުނިޔޭގައިތިބި އެންމެ ބޮޑެތި މަހުޖަނުން ބުނަނީ ކީކޭތޯ ބަލާލަމާ ހިނގާށެވެ.

ޑޮލަރުގެ ވަރުގަދަ ރަސްކަމުގެ ތަޚުތުގެ ފައިތައް ފަނިކައި ފީކުރަމުން އެބަގެންދާ ކަމަށް ޖުމުލަ ގޮތެއްގައި ދުނިޔޭގެ އެންމެބިޔަ މަހުޖަނުން ވިދާޅުވަމުން އެބަ ގެންދެއެވެ. ފައިތައް ބިނދިގެން ވެއްޓޭނެ ދުވަހެއް ބުނަން ނޭންގުނަސް އެކަންތައް ހިނގަމުންއެބަ ދެއެވެ. އަދި އެ ފަނިތައް މަރާލެވޭނެ ގޮތެއްވެސް މިހާތަނަށް ހޯދިފައެއް ނެތެވެ.                                                                  

އެމެރިކާ ޑޮލަރާއި ދެކޮޅަށް ހިންގޭ ޙަރާކާތްތައް ފުޅާވެ ޗައިނާއިން ބޭރުގައުމުތަކާއި އެކު ކުރަމުން ގެންދާ ވިޔަފާރީގައި މިހާރުވެސް އެމެރިކާ ޑޮލަރަށް ވުރެން ކުރީގައި އުޅެނީ ޗައިނާގެ ޔުއާނެވެ. އަދި ޔޫކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން ރަޝިޔާއިން ކުރާ ބޭރުގެ ވިޔަފާރިތަކުގައި އެންމެ ގިނައިން ބޭނުންކުރަމުން ގެންދާ ފައިސާއަކީވެސް ޗައިނާގެ ޔުއާނެވެ.                                                                

ޑޮލަރުގެ ބޭނުން ކުޑަކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއާމެދު މަހުޖަނުން ބުނާއެއްޗެއް ބަލާލަމާ ހިނގާށެވެ.                                                                

ދަ ޓެލްސާއާއި ސްޕޭސް އެކްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިލޯންމަސްކްގެ އިންޒާރަކީ އެމެރިކާއިން ގައުމުތަކަށް މެދުވެރިކުރާ އިގްތިސާދީ ފިއްތުންތަކެކޭ އެއްފަދައިން ޑޮލަރަކީވެސް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން ހުއްޓާލާށެވެ. 

މިހާރުވެސް ދުނިޔޭގެ ބާޒާރުގައި ޑޮލަރގެ ބޭނުން ކުޑަކުރަން ކުރަމުންގެންދާ މަސައްކަތުގެ އަސްލު ބިނާވެފައި އޮތީ މި ސަބަބުގެ މައްޗަށެވެ. އިކޮނޮމިސްޓް ޕީޓަރ އޮންގް ގެ ޓްވީޓަކަށް ވީޑިއޯކޮށް ދިން ޖަވާބުގައި އިލޯން މަސްކް ބުނެފައިވަނީ އެމެރިކާ ޑޮލަރުގެ ބޭނުން ކުޑަކުރަން ކުރަމުންގެންދާ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށާއި އަދި އެއީ ހަގީގަތެއްކަމަށެވެ. ދުނިޔޭގެ ބާޒާރުގައި 2001 ވަނަ އަހަރު އެމެރިކާ ޑޮލަރ %73 ވެރިކަންކުރިއިރު މިހާރު އެ އަދަދު %47 އަށް ވެއްޓިއްޖެއެވެ. އެއްވެސް ފައިސާއަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފިނަމަ ގައުމުތަކުން އެހެން ގޮތްތައް ހޯދަން ފަށާނެ އެއްޗެއްކަން ދަނަންޖެހޭނެއެވެ.          

ބިލިއަނަރ ސްޓޭންލީ ޑްރޫކެން މިލަރ ފިނޭންޝަލް ޓައިމްސް އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ އެމެރިކާއިން އިންޓެރެސްޓް ރޭޓްތައް ދަށްކުރުމާއި އެމެރިކާޑޮލަރަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުންނާއި އަދި ދުނިޔޭގެ ބާޒާރުގައި ޑޮލަރު ނޫންފައިސާއިން ކުރެވޭ މުޢާމަލާތުތަކުގު އެއްބަސްވުންތައް ވައިގާ ހިފަމުން ދިއުމާއިއެކު ޑޮލަރުގެމައްޗަށް ބަރޯސާވުން ކުޑަކުރަން އެޅުނު ފިޔަވަޅަކީ ރަނގަޅު މަގަށް އެޅުނު ފިޔަވަޅެއް ކަމުގައެވެ.                                                          

ބްރިޖްވޯޓަރގެ ފައުންޑަރ ރޭ ޑެލިއޯގެ ނަޒަރުގައި ޑޮލަރަކީ ދަރަންޏެކެވެ. އެހެންވީ މިލްކިއްޔާތުގައި ޑޮލަރ ހުރުމަކީ މަރުކަޒީބޭންކުގެ ރައުޔުގައި އެމީހަކަށް އެ ހުރެވުނީ ޑޮލަރގެ ދަރަންޏަކަށް ނިކުމެވިފައެވެ.

ޑޮލަރު ގަތުމުގެ ޝައުގުވެރިކަން ކުޑަވަމުންދާ އެއް ސަބަބީ މިއެވެ. މިސާލަކަށް އެމެރިކާއިން ރަޝިޔާގެ 300 ބިލިއަން ޑޮލަރުގެ މިލްކިއްޔާތު އެހުރީ ހިފަހަށްޓާފައެވެ. އެފައިސާއިން އެއްވެސް މުޢާމަލާތެއް ނުކުރެވޭގޮތް ވެފައެވެ. ނަތީޖާއަކަށް މިވަނީ އެމެރިކާގެ ދަރަނި އަދާކުރުމުގެ ބޭނުމުގައި ޑޮލަރު ވިއްކަން  ގަންނާނެބާ ގަންނާނެބާ ގޮވަމުން ދުވިޔަސް ބައިނަލް އަގްވާމީ ބާޒާރުގައި އެ އަޑު އަހާމީހުން ބޮޑުތަނުން މަދުވަމުން ދިއުމެވެ.                           

ފަރަންސޭސީ ރައީސް މެކްރޯން ވިދާޅުވަނީ ޔޫރަޕުން އެމެރިކާޑޮލަރަށް ބަރޯސާވުން ކުޑަކުރަން ޖެހޭ ކަމަށެވެ. އެހެންނޫނީ ދުނިޔޭގެ އިގްތިސާދީ ބޮޑު ދެބާރުގެ މެދުގައި ޔޫރަޕް ތާށިވެގެންދާއިރު ޔޫރަޕްގެ އިގްތިސާދު ރަނގަޅުކުރަން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.                                     

ވެންޗަރ ކެޕިޓަލިސްޓް ޗަމަތު ޕެލިހަޕިޓިޔާ ދެކޭގޮތުގައި ބައިނަލް އަގްވާމީ ބާޒާރުގައި ޗައިނާގެ ޔޫއާންގެ ބޭނުން ބޮޑުވަމުންދިޔަކަމުގައިވިޔަސް ޑޮލަރުގެ ރިޔާސަތު ނިމިގެންދާނެއެކޭ ނުބުނެވޭނެއެވެ.          

ގޯލްޑްމަން ސެކްސްގެ ވިސްނުމުގައި ޑޮލަރުގެ ބޭނުންކުޑަކުރަން ދެކެވޭ ވާހަކަތަކުގައި ކުރެވޭ ކަންތައްތަކަށް ވުރެން މާ އަޑުގަދައެވެ. ޑޮލަރުގެ ބޭނުން ކުޑަވަމުންދާ ކަމަށް ހީކުރެވެނީ ދުނިޔޭގެ ބާޒާރުގައި އާންމުކޮށް ކަންތައް ހިނގާ އުސޫލުންނެވެ. މީގެ އިތުރުން ޑޮލަރުގެ ބޭނުން ކުޑަކުރުމަށްޓަކައި އޭޝިޔާގެ މަރުކަޒީ ބޭންކުތަކުން މިދިޔަ އަހަރު ގިނަ އަދަދެއްގެ ޑޮލަރ ވިއްކާލުންވެސް މިކަމުގައި ކޮންމެވެސް ވަރެއްގެ ޙިއްސާއެއް ނެތެކޭވެސް ނުބުނެވޭނެއެވެ.

ވައިޓްހައުސްގެ ކުރީގެ އިގްތިސާދީ މާހިރު ޖޯސެފް ސުލިވާން ވިދާޅުވަނީ ބްރިކްސް ގައިހިމެނޭ ގައުމުތަކުން ވިޔަފާރި ކުރުމުގައި އާންމު ފައިސާއެއް ތަޢާރުފް ކުރުމަކީ ޑޮލަރުގެ ބާޒާރަށް ކުރިމަތިވާނެ ނުރައްކަލެކެވެ. އެފަދަ ޙާލަތެއްގައި އެމެރިކާ ޑޮލަރުގެ ވަރުގަދަރިޔާސަތު ދުނިޔޭގެ ބާޒާރުން މަޑުމަޑުން ނަމަވެސް ނެތިގެންދާނެއެވެ.      

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެކިވަޑައިގަންނަވާގޮތުގައި މެލޭޝިޔާއިން އެމެރިކާޑޮލަރު ފަހަތުން ދުވަންޖެހޭ ސަބަބެއް ނެތެވެ.ސިންގަޕޯރ އަދި ޗައިނާއާއި މެލޭޝިޔާގެ ވިޔަފާރީގައި މެލޭޝިޔާގެ ރިންގިޓް ބޭނުންކުރަން މިހާރުވެސް ވަނީ ފެށިފައެވެ.އަދި ވަރަށް އަވަހަށް ސައުތުއޭޝިޔާގެ ހުރިހާ ގައުމަކުން އެގައުމެއްގެ ފައިސާއިން އަނެއްގައުމަކާއި ވިޔާފާރި ކުރާނެކަމަށެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް