ބަންގާޅު ކަނޑުގައި އަންޒަމާން ކައިރީގައި ވަކިން އޮންނަ ގްރޭޓް ކޮކޯ ޖަޒީރާއަކީ މިޔަންމާރ
(ބަރުމާ) ގެ ރަށެކެވެ. އެ ރަށުގައި 1990 އިންފެށިގެން ޗައިނާއިންޖާސޫސީ ޙަަރަކާތްތައް ހިންގަމުން ގެންދާކަމަށް ވަނީ ތުޙުމަތު ކުރެވިފައެވެ. ނަމަވެސް މިހާތަނަށް އެކަން އޮތީ ކަށަވަރު ނުކުރެވިފައެވެ. ނަމަވެސް މިހާރު އަނެއްކާވެސް އެކަންތައް މިވަނީ ފެންމަތިވެފައެވެ.
ޗެތަމް ހައުސް ތިންކްޓޭންކުން ހާމަކޮށްފައިވާ ސެޓެލެއިޓް ފޮޓޯތަކުން ފެންނަގޮތުގައި އެރަށުގައި 2300 މީޓަރުގެ ދިގު ރަންވޭއަކާއި ރާޑަރ ސްޓޭޝަނަކާއި މަތިންދާ ބޯޓުފަހަރު ބާއްވާނެ ހޭންގަރާއި އަދި އޮފީސް އިމާރާތެއް ތަރައްގީކުރެވެމުން އެބަ ދެއެވެ. އަދި އެތަނުގާ އޮންނަ ކުޑަ އެހެން ރަށަކަށް ފާލަމެއްވެސް އަޅަމުން އެބަގެންދެއެވެ.
މިޔަންމާ (ބަރުމާ) އިން ޗައިނާގެ ގްލޯބަލް ސެކިއުރިޓީގެ މަޝްރޫއަށް ތާއީދުކުރުމާއި ތައިވާނުގެ މައްސަލާގައި ޗައިނާގެ ކޮޅަށް ބުރަވުމާއި އަދި ޗައިނާ އާއިއެކު ވަރަށް ގާތްގުޅުމެއް ބާއްވަން ބޭނުންވިޔަސް ކޮކޯ އައިލެންޑްގައި ހިނގަމުންދާ ޙަރަކާތްތަކުގައި ޗައިނާއާއި ދިމާލަށް އިނގިލި ދިއްކުރެވިދާނެ ހެއްކެއް މިހާތަނަށް ލިބިފައިނުވާކަމަށް ޗެތަމް ހައުސްގެ ރިޕޯރޓުގައި ބުނެފައިވެއެވެ.
2020 ވަނައަހަރު މިޔަންމާރުގެ ޖުމުލަ ދަރަނީގެ %40 ( 10 ބިލިއަން އެމެރިކާ ޑޮލަރ ) އަކީ ޗައިނާއިން ނަގާފައިވާ ދަރަންޏެވެ.އެހެންވީމާ ބެއިޖިންގ ކަހަލަ ރަޙްމަތްތެރިއަކު މިޔަންމާރަށް ވަރަށް ބޭނުން ވާނެއެވެ.
ގްރޭޓް ކޮކޯ އައިލޭންޑަކީ 11 ކިލޯމީޓަރުގެ ދިގު ރަށެކެވެ. ދުނިޔޭގައި ކަނޑުމަގުން ދަތުރުކުރާ ބިޔަ ބޮޑެތި ބޯޓުފަހަރުވެސް ހިމެނޭ ގޮތުގައި އެންމެ ކާރޫބާރު ބޮޑު އެއް ކަނޑުއޮޅިކަމުގައި ބެލެވޭ މަލާކާ ސްޓްރެއިޓް ކައިރީގައި އޮވެފައި އިންޑިއާގެ އަންޒަމާނާއި އެންމެ 55 ކިލޯމީޓަރު ކައިރީގާ އޮތުމުން އެ ރަށުގެ ޚާއްސަކަމައި މިލިޓްރީ ސްޓޭޝަން ކުރުމުގެ ބޭނުން ބޮޑުވެގެން ދެއެވެ.
2021 ވަނައަހަރު މިޔަންމާރގެ ސިފައިންގެ ބާރުގައި ވެރިކަންވައްޓާލުމަށްފަހު އެގައުމުން ޗައިނާގެ ފަރާތަށް ލެނބުންވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ޖަސޫސީ މަޢޫލޫމާތު ފޯރުކޮށް ދިނުމާއި
ލިބުންވެސް ހިމެނެއެވެ.
ކޮކޯ އައިލެންޑުގެ ތަރައްގީ ކުރިއަށްދާގޮތުން ޗައިނާއާއި ގުޅި ލާމެހިފައިވާ މުޅިން އާ އެއަރބޭސް އަކާއި އިންޑިއާއިން ކުރިމަތިލާން ޖެހިދާނެއެވެ.ނިއުދިއްލީން ގެންދަނީ އެކަން ހިނގަމުންދާގޮތް ވަރަށް ގާތުންބަލަމުން ކަމަށާއި އެރަށުގައި ފާރަލުމުގެ މަގާމެއް ބެއިޖިންގެ އެހީގައި ތަރައްގީ ކުރަމުން ގެންދާކަމުގެ ޝަކުވާ ނިއުދިއްލީން މިޔަންމާރަށް ހުށައެޅިކަމަށް ބުލޫމްބާރގުން މަޢުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް ޗައިނާއިން ބުނަމުން ގެންދަނީ އެއީ ދޮގެއް ކަމަށެވެ.
މިޔަންމާރުގައި ޗައިނާއިން ހިންގަމުން ގެންދާ ބޮޑެތި މަޝްރޫޢު ތަކުގެތެރޭގައި ޗައުކްޕޫގައި ތަރައްގީ ކުރެވޭ ބޮޑު ބަނދަރުގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ. މި ބަދަނރުގެ ސަބަބުން ކާރޫބާރުބޮޑު މަލާކާ ސްޓްރެއިޓުއަށް ނުވަދެ ބަންގާޅު ކަނޑުގެ ސަރަޙައްދުން ޗައިނާއަށް ލިކުވިފައިޑް ގޭހާއި ތެލުގެ ބާވަތްތައް އެތެރެކޮށް ބޭރުކުރެވޭނެ މަގެއް ތަނަވަސްވާނެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޔުނިވަރސިޓީ އޮފް ޕީސްގެ މިޔަންމާރ ކަންޓްރީ ޑިރެކްޓަރ ޖޭސަން ޓަވަރ ބުނެފައިވާގޮތުގައި ޗައިނާއިން މިޔަންމާރަށް އިގްތިސާދީ ގޮތުންނާއި ބައިނަލް އަގްވާމީ މައިދާނުގައި ފޯރުކޮށްދޭ އެހީތަކުގެ ސަބަބުން މިޔަންމާރގެ ސިފައިންގެ ފަރާތުން ޗައިނާއަށް ޖާސޫސީ މަޢުލޫމާތު ލިބިލިބި ހުންނާނެކަމަށް ބުނެވިދާނެއެވެ. މިސަބަބަށްޓަކައި ކޮކޯ އައިލެންޑުގެ މަޝްރޫއަކީ އެ ސަރަޙައްދުގެ ސެކިއުރިޓީއަށް ކުރިމަތިވާނެ ގޮންޖެހުމަކަށްވެ އަދި އިންޑިއާ އާއި ޗައިނާއަށްވެސް އިތުރު ބޮލުރިހުމަކަށް ވެދާނެއެވެ.
ބައެއް ތަޖްރިބާކާރުން ދެކޭގޮތުގައި ކޮކޯ އައިލޭންޑުގެ މަޝްރޫއުން މިޔަންމާރ ސިފައިން ޙާސިލުކުރަން ބޭނުންވާ މަގްސަދަކީ އިންޑިއާ ޢާއި ޗައިނާއިންވެސް އިގްތިސާދީ އަދި ސިޔާސީގޮތުން މަންފާހޯދުމެވެ. އަންޒަމާނާއި ނާގަބާރު ޖަޒީރާތަކަށް ޗައިނާއިން ހިންގާފާނެ ޖާސޫސީ ފާރަލުމަކަށް އިންޑިއާއިން ފުރުސަތު ދޭކަށް ބޭނުމެއް ނުވާނެކަން މިޔަންމާރުގެ ސިފައިންނަށް ވަރަށްރަނގަޅަށް އެނގެއެވެ. މިއީ ދިއްލީއާއެކު ވާހަކަދައްކަން ބޭނުންކުރެވިދާނެ ހަތިޔާރެއްކަންވެސް އެމީހުންނަށް އެނގެއެވެ.
މިޔަންމާރުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުން ހުއްޓުމަކަށް ގެނެސް އަސީރުން ބަދަލުކުރަން ޔުނައިޓެޑް ނޭޝަންސްގައި ނެގުނު ވޯޓުގައިވެސް އިންޑިއާއި ރަޝިޔާއާއި އަދި ޗައިނާއިން ބައިވެރި ނުވާކަން ފާހަގަކުރެވެއެވެ.
One Response
އެމީހެއްގެ ބާރުހުރިވަރަކުން މިހާރު ދުނިޔޭގައި އުޅެވާނީ. އެކަން އެމަރިކާއިން ބުނެދެމުންދާތާ ގަރުނުތަކެއް ވެއްޖެއެވެ. ވީމާ ދެން ޗައިނާ އާއި ރަޝިޔާގެ ގަރުނުކަމަށް ބަލާނީއެވެ. ދެކޮޅުހަދާމީހެއްގެ ބޮލުގައި ތަފާލެއް ޖެހީމާނިމުނީއެވެ. އެއީ އެމެރިކާ ދަސްކޮށްދީފާވާގޮތެވެ.