އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމުގެ މައްސަލައިގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވާން މިއަދު ނިންމަވައިފިއެވެ.
އެމްއާރްއެމްއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް އަދި ނުނިންމައެވެ. ނަމަވެސް އެ ޕާޓީގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހަޅައި އެމްޑީޕީއާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އެމްއާރްއެމްގެ ކައުންސިލުގައި ރައީސް ޞާލިޙަށް ތާއީދުކުރަން ބޭނުންވެވަޑައިނުގަންނަވާ މެންބަރުން އެބަ ތިއްބެވިއެވެ.
ރައީސް ޞާލިޙަށް ތާއީދުކުރުމަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ އެ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރްއެމްގެ 11 ބޭފުޅަކު ވަނީ އެ ޕާޓީން ވަކިވާން ނިންމަވައިފައެވެ. އެ ބޭފުޅުން ވަކިވާން ނިންމީ އެތެރޭގެ ކަންކަން ހުރި ގޮތުން ދެން އެކުގައި ކުރިއަށް ދެވޭނެކަމަށް ފެނިވަޑައިނުގަންނަވާތީއެވެ. އެ ހުރިހާ ބޭފުޅުންނަކީ ވެސް ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ގެންނަން ތާއީދުކުރައްވާ ބޭފުޅުންނެވެ.
އޭގެތެރޭގައި އެމްއާރްއެމްގެ ސްލޮޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބެވި ތިން ބޭފުޅަކާއި އެގްޒެކެޓިވް ޑިރެކްޓަރުންނާއި އެ ނޫން ވެސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ވަކިވާން ނިންމި ބޭފުޅުންގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުޙައްމަދު ނަދީމް ވެސް ހިމެނިވަޑައިގަންނަވައެވެ.
One Response
މިއަކު ކަމެއް ނެތެއްނޫންތޯއެވެ. ފަރިސްއަށް ކޮންވޯޓެއްތޯ ލިބޭނީ؟ ބައްޕައަށްވެސް އަދިވެސް މާގިނަވޯޓް ލިބެނެއެވެ. ކޮންމެމީހަކުވެސް ބޭނުންވާނީ ވަޒީފާއެވެ. ޕާޓީތަކާއި މީހުން މިހާރު ގުޅެނީވެސް މޯހިރުން ކަމެއްވޭތޯއެވެ. ގައުމުދެކެލޯބިން ދީނަށްޓަކާ ކާކުތޯ މިހާރު މިސަކަރާތް ޖަހާނީ. ޕާޓީގެ ވެރިޔާއަށްވެސް. ހުރިހާ ކަރަޕްޝަނެއް ބޭއިންސާފެއް ވަރިހަމަނޫންތޯއެވެ. ވީމާ ވަޒީފާ ގެއްލުވާލަން ބޭނުންވާނެ މީހުން 1% ވެސް މިހާރަކު ނެތެވެ. ވެރީ ސޮރީ!