ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ފިޔަވައި ދައުލަތެއް ހިންގުމަށް ދައުލަތުގެ ދުޝްމަނުން ތިބެފައި ދުނިޔޭގެ ތާރީޚުގައި ވެސް ނެތް ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރައީސް ޞާލިޙްގެ ސަރުކާރުން އަމަލުކުރެއްވި ގޮތާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކާއި ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުންނާއި ގުޅިގެން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.
ޗާގޯސް މައްސަލައަށް އަލިއަޅުވައިލައްވަމުން ޑރ.މުނައްވަރު ވިދާޅުވީ އެ މައްސަލަ އިޓްލޮސްއަށް ހުށަހެޅި ހިސާބުން ފެށިގެން ރާއްޖެއިން އުޅުނީ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ހަމަހަމައަށް ބަހައިނުލެވިގެން ކަމަށެވެ.
ޑރ.މުނައްވަރު ވިދާޅުވީ އެ ކަނޑުގެ ސަރަހައްދަކީ ދިވެހިންގެ އިގުތިސާދާ ގުޅިފައިވާ ދިވެހިން މަސް ބޭނުމަށް ބޭނުންކުރަމުން އައި ސަރަހައްދެއްކަން އިޓްލޮސްގެ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ފާހަގަކުރައްވައިފައިނުވާ ކަމަށެވެ.
މޮރިޝަސްއަކީ މަސްވެރިކަން ކުރާ ގައުމެއް ނޫން ކަމަށާއި އެ ގައުމަކީ މުޅިން ވެސް އެހެން ގައުމުތަކުގެ މީހުންނަށް އެ ގައުމުގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަން ލައިސަންސް ދޫކުރާ ގައުމެއް ކަމަށްވާއިރު އެފަދަ ބަޔަކަށް ކަނޑުގެ ބައެއް ދޫކޮށްލި ވާހަކަ ނުދެއްކީ ކީއްވެތޯ ވެސް ޑރ.މުނައްވަރު ސުވާލު އުފެއްދެވިއެވެ.
ހަމައެހެންމެ ޗާގޯސްއަކީ ބަޔަކު ދިރިއުޅޭ ތަނަކަށްނުވާއިރު އިގުތިސާދީ ޚާއްސަ ސަރަހައްދަކީ އިންސާނީ އިގުތިސާދީ އިޖުތިމާއީ މަފުހޫމެއް ކަމަށާއި މީހުން ދިރިނޫޅޭ ތަނަކަށް އިގުތިސާދީ ޚާއްސަ ސަރަހައްދު ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ވަކާލާތު ކުރެވެން އޮއްވައި އެ ނުކުތާ ވެސް ރާއްޖެއިން ފާހަގަ ކުރައްވާފައިނުވާ ކަމަށް ވެސް ޑރ.މުނައްވަރު ވިދާޅުވިއެވެ.
“ދައުލަތެއް ހިންގަން ދައުލަތުގެ ދުޝްމަނުންތައް ދުނިޔޭގަ ތާރީޚުގަ ވެސް ތިބެފައެއް ނެތް.“ އޭނާ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދުޝްމަނުންނަކީ ރައީސުލްޖުމްހޫރިއްޔާއާއި ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރު ކަމުގައެވެ.
ރާއްޖެއާއި ޗާގޯސްއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ޚާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާ 95,000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މީގެކުރިން އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެއެވެ.
މޮރިޝަސްއިން ހުށަހެޅި މައްސަލާގައި އިޓްލޮސްއިން މިދިޔަ ހުކުރު ދުވަހު ނިންމީ ދެ ގައުމުން 200 ނޯޓިކަލް މޭލު ނެގުމުން ފުށުއަރާ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ސަރަހައްދެއް ލިބިގެންވާ ކަމަށެވެ.