އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް ރަސްކަން ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެކަން ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ރަސްގެފާނު ޗާލްސްގެ ކޮރޮނޭޝަން ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް ރަސްކަން ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
މިއުވާން އިތުރަށް ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ކޮމަންވެލްތު ލީޑާސް އިވެންޓާއި ގައުމުތަކުގެ އިސްވެރިންނާއެކު ބާއްވާ ރިސެޕްޝަނެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ޞާލިޙް ވަނީ ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތުގެ ޖަނާޒާގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.