އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ވެލުއޭޝަނެއް ހަދަން ނިންމައި، އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
އޭއައިއޭގެ ވެލުއޭޝަނެއް ހަދަނީ މިހާރު ހުރި މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ގެވޭނެ ގޮތް ތަކެއް ހޯދާށެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) އާ އެއްގޮތަށް އޭއައިއޭ ވެލުއޭޝަން ހަދައި ދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދޭން ޝައުގުވެރިކަން ފާޅު ކުރަން ޖެހެނީ މި މަހުގެ 24 ވަނަ ދުވަހުގެ ކުރިންނެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އޭއައިއޭއަކީ ސަރުކާރާއި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިން ހިއްސާ ވެގެން އުފެއްދި ކުންފުންޏެކެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިންމާފައި ވަނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް، އައްޑޫ އެއާޕޯޓުގައި އޮތް ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއިން ވަނީ ނުކުމެފަ އެވެ. އަދި އެ ކުންފުނީގައި އޮތް އެމްއޭސީއެލްގެ 10 ޕަސެންޓް ހިއްސާ ދޫކޮށްލުން އަވަސް ކުރަން ފިނޭންސް މިނިސްޓްރީގައި އެދެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނޯ ނިންމާފަ އެވެ.