މުހައްލިލުން ދެކޭގޮތުގައި ޔޫކްރެއިންގެ ހަނގުރާމައަށް ނިމުމެއް ގެނައުމަށްޓަކައި ޗައިނާއާއި ޔޫކްރެއިންގެ ލީޑަރުން ދެއްކެވި ވާހަކަފުޅުތަކާއި ޗައިނާއިން ހުށައެޅި ތަޖްވީޒަކީ ކީވް އަށާއި ހުޅަނގަށް ބަލާގަނެވޭނެ އެއްޗެއް ނޫނެވެ.
މިދިޔަ ބުދަދުވަހު ޝީ ޖިންޕިންގ އާއި ޒެލެންސްކީގެ އެއްގަޑިއިރަށް ދެމިގެން ދިޔަ ވާހަކަތަކަކީ ހަނގުރާމަ ފެށުނީއްސުރެން މިހާތަނަށް ހުޅަނގަށް ތަޢީދުކުރާ ލީޑަރަކާއެކު ޗައިނާއިން އެންމެ ފުރަތަމަ ވާހަކަ ދެއްކި ފަހަރެވެ.
ޗައިނާގެ ރައީސަކީ މޮސްކޯ އާއިއެކު ގާތް ރަނގަޅު ގުޅުމެއް ބާއްވަވާ ބޭފުޅަކަށް ވެފައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުން ކުށްވެރި ކުރަން އިންކާރު ކުރެއްވިނަމަވެސް ސުލްޙައިގެ ވާހަކަތަކަށް ފުރުސަތު ހޯއްދަވަން ޗައިނާއިންބޭނުން ވާނެއެވެ،
ބެއިޖިންގ އިން ބުނާގޮތުގައި ފެބްރުއަރީ މަހު ޗައިނާއިން އެކުލަވާލި 12 ޕޮއިންޓުގެ މައްޗަށް އެކުލެވޭ ސުލްޙައިގެ ތަޖްވީޒުގެ މައްޗަށް ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވިކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
އެމެރިކާގެ ތިންކްޓޭންކް ހަޑްސަން އިންސްޓިޓިއުޓުން ހާމަކުރާގޮތުގައި ހަނގުރާމައިގެ މިހާރުގެ ޙާލަތާބެހޭ ގޮތުން އެއްޗެއް ބުނުމަކީ ފަސޭހަކަމެއް ނޫނެވެ.
އެހެންނަމަވެސް ޔޫކްރެއިނުން ހަނގުރާމައިގާ ގެންގުޅެމުންދާ އުސޫލުތަކަށް ސިޔާސީ ގޮތުންނާއި މިލިޓަރީ ގޮތުން ރަނގަޅު ބަދަލުތަކެއް އެބަ ގެންނަން ޖެހެއެވެ. އަދި ހަނގުރާމައިގެ މައިދާނުން ކާމިޔާބީތަކެއް ޙާސިލުކުރެވުނަސް ޔޫކްރެއިންގެ ބިންތައް އަބުރާލިބި މުޅި މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނީސިޔާސީ ގޮތުންނެވެ. މިކަން ގަބޫލުކުރަން ޖެހޭނެއެވެ.
މިވަގުތުވެސް ޔޫކްރެއިނަށް ހުޅަނގުގެ ހަތިޔާރު ނިހާޔަތަށް ބޭނުމެވެ. ހުޅަނގުގެ ބައެއް އިސް ލީޑަރުން ދެކިވަޑައިގަންނަވާ ގޮތުގައި ޔޫކްރެއިނަށް ހުޅަނގުގެ ހަތިޔާރާ ނުލައި ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެއެވެ.
އެމެރިކާއިން މިހާތަނަށް އެތައްބިލިއަން ޑޮލަރެއްގެ އެހީ ޔޫކްރެއިނަށް ދީފާވާއިރު އެމެރިކާގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ކުރި ދިރާސާއެއްގައި ބައިވެރިވި މީހުންގެ ތެރެއިން %26 ދެކެނީ މާބޮޑަށް އެހީތެރިވެ ދެވޭ ކަމަށެވެ.
ބައެއް ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ސިޔާސީގޮތުން ޙައްލެއް ހޯދުމުގެ ބޭނުމުގައި އެ އަދަދު ކުރިއަށް އޮތްތަނުގައި އަދިވެސް އިތުރުވާނެއެވެ.
ތައިވާނުގެ މުޙައްލިލަކު ކަމުގައިވާ ޖީން ފްރާންސިސް ޑި މެލިއޯ ދެކޭގޮތުގައި ގްލޯބަލް ގަވަރނެންސްގައި އުފެދިފައިހުރި ތަފާތުތައް ނައްތާލަން މަސައްކަތްކުރަން ޗައިނާއިން ބޭނުންވެއެވެ.
އެއީ ސުލްޙައިގެ ވާހަކަތަކުގައި އިސްރޯލެއް އަދާކުރުމުގެ ރީތި ނަން ލިބިގަތުމަށްޓަކައެވެ. އެހެންވީމާ ޗައިނާގެ 12 ޕޮއިންޓުގެ ސުލްޙައިގެ ހުށައެޅުމާ ދޭތެރޭ ވާހަކަ ދައްކަން ފަށާނެކަމާމެދު ޝައްކެއް ނެތެވެ.
ޙައްލުކުރަން އެންމެ އުނދަގޫ ވާނީ ޔޫކްރެއިންގެ ސަޙަރައްދުގެ މައްސަލައެވެ. ޗައިނާއިން ދެކޭގޮތުގައި ޔޫކްރެއިންގެ ސަރަޙައްދަކީ ކޮބައިކަމެއް ނޭގެއެވެ. 2014 ގައި ކްރީމިއާ ޕެނިންސުލާ ރަޝިޔާބެ ބާރުގެ ދަށަށްގެނެސް އާންމު އިންތިޚާބު ބާއްވައި ރަޝިޔާއިން ވަނީ އެއީ ރަޝިޔާގެ ތަނެއް ކަމުގައި ސިއްކަ ޖަހާފައެވެ.
އެކަމަކު ޔޫކްރެއިން އެކަން ގަބޫލެއް ނުކުރެއެވެ. ފެބްރުއަރީގެ ހަނގުރާމައި މިހާތަނަށް ހަތަރު ސަރަޙައްދެއް ހަމަ އެ ބީދައިން ރަޝިޔާގެ ތަންތަން ކަމުގައި ވަނީ ކަނޑައަޅާ ނިންމާފައެވެ. އެކަމަކު ރަޝިޔާގެ ނިންމުން ޔޫކްރެއިނުން ގަބޫލެއް ނުކުރެއެވެ.
ކާރނަގީ އެންޑޮވްމެންޓް ފޮރ އިންޓަރނޭޝަނަލް ޕީސް ގެ ރިސާރޗަރ ޑޭން ބެއަރ ގެ ނަޒަރުގައި ޗައިނާއަކީ އިތުބާރުކުރެވޭ މީޑިއޭޓަރެއް ނޫނެވެ. އެއީ ކޮންމެ ޙާލެއްގައިވެސް ރަޝިޔާގެކޮޅަށް ބުރަވާނެތީއެވެ.
ސުލްޙައިގެ ވާހަކައަށްޓަކައި ވަގުތީގޮތުން ހަނގުރާމަ ހުއްޓުވާލަން ޗައިނާއިން ބާރު އަޅާނެއެވެ. އެކަމަކު އޭރުވެސް ރަޝިޔާގެ ސިފައިން ތިބޭނީ ޔޫކްރެއިންގެ ސަރަޙައްދުތަކުގައެވެ. މިކަމަށް ޔޫކްރެއިން އެއްބަހެއް ނުވާނެއެވެ.
ރަޝިޔާއިން ގަބޫލުކުރާ ހަމަތަކެއްގެ މަތިން ސުލްޙަވެރި ޙައްލަކަށް ރަޝިޔާއިން ތައްޔާރުކަމުގައި ކްރެމްލިންގެ ސްޕޯކްސްޕަރސަން ދިމިތުރީ ޕެސްކޯވް ރިޕޯރޓަރުންނަށް ވިދާޅުވިއެވެ. އެކަމަކު އެމެރިކާއިން ބުނަނީ ސުލްޙައިގެ ވާހަކަތައް ފެށޭނީ އެކަމަށް ރައީސް ޒެލެންސްކީ ތައްޔާރު ވީމައެވެ.
One Response
މުހައްލިލުންނަކީވެސް ހުޅަނގުން މުސާރަދީފައި ތިބޭ ބަޔަކަށްވީމާ އަބަދުވެސް ރައުޔު ނެރޭނީ ހުޅަނގަށް ފަހިވާގޮތަށެވެ. ޔޫކްރެއިންގެ ހަނގުރާމަ ހުއްޓިއްޖެނަމަ ބިލިއަން ބިލިއަން ޑޮލަރުގެ ވިޔަފާރި ވަގުތީ ގޮތުންނަމަވެސް ހުއްޓުމަކަށް އައީއެވެ. އެހެންވީމާ އެކަމަށް މަގުފަހިވެދާނެގޮތަކަށް ރައުޔެއް ނުލިބޭނެއެވެ