5 ކިލޯ ޑްރަގް އެތެރެކުރި އިންޑިއާ މީހާއަށް އިނގިރޭސި އަދި ހިންދީ ބަސް ވެސް އެނގޭކަމަކަށް ނުވި

Loading

Facebook
Twitter
WhatsApp

ވައިގެމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ އަންހެން މީހާއަށް އިނގިރޭސި އަދި ހިންދީ ބަސް ނޭނގޭ ކަމަށް ބުނާތީ ތަހުގީގު ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެއްޖެއެވެ.

މިދިޔަ އޭޕްރީލްމަހުގެ 12 ވަނަ ދުވަހު އިތިއޯޕިއާއިން ރާއްޖެއައި އިންޑިއާގެ 56 އަހަރުގެ އަންހެެނެއްގެ އަތް ދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް އަދި ލަގެޖުން ފެނުނު ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައެވެ. އެ ތަކެތީގެ ބަރުދަނުގައި 5.3 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ޖެހީ 3 ދުވަހެވެ. އޭނާގެ ބަންދަށް 3 ދުވަސް ޖެހީ އޭރު އޭނާއަށް ތަރުޖަމާނަކު ހަމަޖެހިފައިނުވާތީ އެކަމަށް ރިއާޔަތްކޮށް, ދެން ބޭއްވޭ މަޖިލީހެއްގައި ތަރުޖަމާނަކާއެކު ހާޒިރުކުރުމަށް އައިއޯއަށް އިލްތިމާސްކޮށްފައެވެ.

އެ މުއްދަތު ހަމަވުމާއެކު އޭޕްރީލް 16 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަމުރުކުރީ 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ. އެ ދުވަހުގެ މަޖިލީހުގައި ފުލުހުން ވަނީ އޭނާއަށް ދައުލަތުން ވަކީލަކު އައްޔަންކުރުމުގެ ކަންކަން އޮންނަ ގޮތް އޮޅުންފިލުވައިދީފައިވާ ކަމަށް ބުނެފައެވެ.

ލަލްތުލަންޕަރި ނަމަކަށް ކިޔާ އެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ތިންވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރީ މިއަދުއެވެ. އޭނާގެ ބަންދަށް މިއަދު އިތުރުކުރީ 5 ދުވަހެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާއަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދީފައިވީ ނަމަވެސް އޭނާއަށް އިނގިރޭސި އަދި ހިންދީ ބަސް ވެސް ނޭނގޭ ކަމަށާއި އެހެންކަމުން ވަކީލާ މުއާމަލާތު ކުރުމުގައި ދަތިތަކެއް ވެސް ހުރި ކަމަށް ފާހަގަކުރި ކަމަށެވެ. 

“ތަރުޖަމާނު މެދުވެރިކޮށް ދައްކާ ވާހަކަތައް ވެސް ތުހުމަތުކުރެވޭ މީހާއަށް ފަހުމު ނުވާކަން ފާހަގަކުރެވޭ.“

ކުރު މުއްދަތެއްގައި ބަންދުގައި ބެހެއްޓުމަށް ނިންމީ މި ކަންކަމަށް ރިއާޔަތްކޮށް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

Loading

One Response

Leave a Reply to ބަހެއްނުދަންނަ މީހާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް