ފުރާންސުގެ ފިލްމު ކިއުޓީސް ތުރުކީގެ ސައިޓުން ނެގުމަށް ތުރުކީން ނެޓްފްލިކްސްއަށް އަންގައިފި

Loading

Facebook
Twitter
WhatsApp

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ގެންނަ ކަންކަން ޕްރޮމޯޓު ކުރާ ފިލްމެއްކަމަށްބުނެ، ފުރާންސުން ތައްޔާރުކޮށްފައިވާ ފިލްމު ކިއުޓީސް ތުރުކީގެ ސައިޓުން ނެގުމަށް ތުރުކީގެ މީޑިއާގެ ކަންކަން ބަލަހައްޓާ އާރު ޓީ ޔޫ ކޭއިން ނެޓްފްލިކްސްއަށް އަންގައިފިއެވެ.

އާރު ޓީ ޔޫ ކޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކިއުޓީސް ނުވަތަ ފްރާންސް ބަހުންނަމަ މިގްނޯން، ތުރުކީގެ ސައިޓުން ނެގުމަށް ނެޓްފްލިކްސްއަށް އަންގާފައިވާކަމަށެވެ.

ތުރުކީގެ މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޕޮލިސީން މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި “ އެ ފިލްމުގެ ސަބަބުން ކުދިންނާއި ދޭތެރޭ ފަރުވާ ކުޑަކޮށް ނަހަމަގޮތުގައި ކުދިންގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިވެ، ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ނުރަނގަޅު އަސަރު ކުރާނެ“ ކަމަށެވެ. އެ ފިލްމަކީ ކުޑަކުދިންގެ ފިލްމެއްކަމަށް ހީނުވާ ކަމަށާއި، އެއީ 18 އަހަރުންމަތީގެ މީހުން ބެލުމަށް ދަރަޖަ ކުރަންޖެހޭ ފިލްމެއްކަމަށް ދެކޭކަމަށް ވިދާޅުވެފައިވެއެވެ.

އެ ފިލްމު ނެޓްފްލިކްސް އިން ފުރަތަމަ ތަޢާރަފްކުރީ ކުދިންގެ އުމުރާއި ގުޅޭ ވާހަކައެއް އަންނަން އުޅޭ ކަމަށް ބުނެއެވެ. އެ ފިލްމު އުފައްދާފައިވަނީ އެމީ ކިޔާ 11 އަހަރުގެ އަންހެން ކުއްޖަކު ބޭއަދަބީ ނެށުން ނަށާ ގުރޫޕެއްގެ ނެށުމަށް ހިތްކިޔައިގެން އުޅޭ ވާހަކައަށެވެ. “ އެ ގްރޫޕާއި ގުޅުމުގެ އުއްމީދުގައި އާއިލާގެ އާދަކާދަތައް ދޫކޮށް، އޭނާގެ އަންހެންވަންތަކަން ބޭނުން ކުރަން ފަށާ“، މިއީ ފިލްމުގެ ކުރު ޚުލާސާއެވެ.

އެކަމަކު މި ފިލްމު ދައްކާ މަންސަތަކުން މިވާހަކަތައް ބަދަލުކޮށް ބުނަމުންދަނީ ސެނެގާލްގެ މުސްލިމު އާއިލާއަކަށް އުފަން އެމީ މިނިވަން ވިސްނުމުގެ ނަށާ ގުރޫޕެއްގެ ނެށުމަށް ހިތްކިޔައި، އޭނާގެ އާއިލީ އާދަކާދަތަކާއި ދެކޮޅު މަޖާ އުފާވެރި ދިރިއުޅުމެއް އިޚްތިޔާރު ކުރީއެވެ.

ތުރުކީގެ ބްރޯޑްކާސްޓު ކުރުމުގެ ކަންކަން ބަލަހައްޓާ އާރު ޓީ ޔޫ ކޭއަށް ވަނީ އޮންލައިން ޓީވީ މަންސަތަކާއި ނެޓްފްލިކްސް ފަދަ ސްޓްރީމްކުރާ މަންސަތަކުން ދައްކާ ތަކެތި ސެންސަރު ކުރުމުގެ ބާރު ދީފައެވެ. އެއީ މިދިޔަ އަހަރު ތަންފީޒުކުރަންފެށި އާގާނޫނާއި ގުޅިގެންނެވެ.

ގައުމުގެ އަމާންކަން ދެމެހެއްޓުމަށާއި، މީހުންގެ ކިބައިގައި ހުންނަ ރަނގަޅު އަސާސްތައް ދެމެހެއްޓުމަށް މިފަދަ ގާނޫނެއްގެ މުހިއްމުކަން ވަރަށްބޮޑުކަމަށް މިފަދަ ނޭދެވޭ ކަންކަން ހުއްޓުވަން ވަކާލާތު ކުރާ މީހުން ބުނެއެވެ. “ އެ ފިލްމުން އަޅުގަނޑުމެންގެ ކުދިންނަށް ދަސްކޮށްދެނީ އެކުދިންގެ މައިންބަފައިންނާއި ދެކޮޅުވެރިވުމަށް. މައިންބަފައިންނާއި ދަރިންގެ ގުޅުން ހަލާކު ކުރަން މަސައްކަތްކުރާ އެއްވެސް އެއްޗެއް ތުރުކީއަކުން ގަބޫލެއް ނުކުރާނެ“.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް