ބޮޑު ދެގެރި ތަޅަންޏާއި ކައްގަލަށް ބާރުކުރާނޭ!

160

އެމްޑީޕީގެ ބޮޑުން ވެރިކަމާހެދި ކޯޅުން – ބޮޑުދެގެރި ތަޅަންޏާއި ކައްގަލަށް ބާރުކުރާނޭ މިއީ ފެނިފައިވާ ޙަގީގަތެކެވެ. ނިމިދިޔަ ޔާމީނުގެ ސަރުކާރު ނިމިދިޔައީވެސް މައުމޫނާއި ކޮއްކޯފުޅު ޔާމީނުގެ ތެޅުމާއި ކޯޅުމާއި ހެދިއެވެ. ދާދި ފަހަކަށް އައިސް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަނީ ރައީސް ސޯލިޙުގެ އެންމެ ބާރުގަދަ އިކޮނޮމިކް މިނިސްޓަރ ފައްޔާޒާއި ދޭތެރޭ ފާޅުގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި ފައްޔާޒްއަކީ މިސަރުކާރުގެ ” ބުރޯ ” ކަމަށްވެސް ހިފެހެއްޓުމެއްނެތި ގޮވަމުންނެވެ. ބެސްޓު ފުރެންޑުން ބައިއަޅާގޮތަށް އެހެން ކުޑަ ޕާޓީގަކާއި އެކު ކޯލިޝަން ހަދައިގެން ހަނި މާޖިންނަކުން ވެރިކަން ލިބި އެސަރުކާރުގެ ވަޢުދުތަކުން މާބޮޑު ކަމެއްނުވެ އަދި އަމުދުން ވެރިކަމަށް ދެއަހަރު ނުފުރެނީސް މި ދެބޭފުޅުންގެ ކޯޅުންގަނޑު މިދަރަޖައަށް މިދިޔައީ ކީއްވެގެންބާވައޭ މިއީ ގިނަ ރައްޔަތުން މިއަދު ކުރާ އެންމެބޮޑު ސުވާލެވެ. އެމްޑީޕީގެ ތެރޭގައި މިފަދަ ބޮޑު ދެބަސްވުމެއް އުފެދުމުގެ ސިއްރަކީ ކޮބާ ބާވައެވެ.

ރައީސް ނަޝީދުވަނީ މިނިސްޓަރ ފައްޔާޒުއާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމަށް ވެއްދުމަށް، މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިދިޔަ މަހުގެ ކުރީކޮޅު ފާޅުގައި ކުރައްވާފައެވެ. ނަމަވެސް މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި ޗުއްޓީއަށް ދިޔަ އިރުވެސް މިކަން ވަނީ ވަކި ކޮޅެއްގައި ނުޖެހި، މަޖިލީހުގެ ތަޅުމަށް ވެއްދޭގޮތް ނުވެފައެވެ. ރައީސް ސޯލިޙުގެ ބަސްފުޅަކީ ފައްޔަޒުގެ މިނިސްޓަރުކަން މަޖިލީހުގެ ތެރެއިންވެސް ދިފާޢުކުރައްވާނަމެވެ. އެނާ (ފައްޔާޒް) އަކީ ތިމަންނަ އެއްމެ އިތުބާރުކުރާ ވަޒީރެވެ. ނަޝީދުގެ ޖަވާބަކީ އެމްޑީޕީގެ ތެރޭގައި “ބުރޯ” އެއް އުފެދުނަކަ ނުދޭނަމެވެ. މިހިރީ އިއްޔެ އެމްޑީޕީ އަށް މަޖިލިސް ގަނޑުކޮށް ދިން ޢާންމު ފަރުދުންގެ ވަރަށްބޮޑު ކަންބޮޑުވުންތަކެވެ.

 

މިކޯޅުމުގެ ތެރެއިން އަނެއްކާވެސް އިއްޔެ އިވިގެން ދިޔައީ މުޅިން އާ ވާހަކަތަކެކެވެ. އެއީ ރައީސް ނަޝީދު އާދެ، އެމްޑީޕީގެ ރައީސް މިކަމުގައި ދޫ ދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަން ހާމަކުރެއްވުމެވެ. އެމަނިކުފާނުގެ ބޮޑު މެޖޯރެޓީ އޮންނަ އެމްޑީޕީގެ ޤައުމީ މަޖިލީހަށް މިނިސްޓަރ ފައްޔާޒު އިސްމާއިލު ( އެމްޑީޕީގެ “ބުރޯ”) މަގާމުން ދުރުކުމުގެ މައްސަލަ ވައްދާ، އެމްޑީޕީގެ ތެރެއިން މިކަމާއި މެދު ގޮތެއް ނިންމުމަށް ރައީސް ނަޝީދު ހުށަހަޅުއްވަން ނިންމެވި ޚަބަރެވެ. ރައިސް ސޯލިޙުގެ ބާރުގައި މަޖިލިސްގެ ތެރެއިން ފައްޔާޒު ދުރުނުކުރެވުމަސް ދެން އެޖެއްސެވީ ފަހުކުޅިކަމުގައި އެމްޑީޕީގެ ސޯލިޙު ފެކްޝަންގެ ބޮޑެއް ވިދާޅުވެ ދެއްވިއެވެ. އެހެނީ ގައުމީމަޖިލީހުން ގޮތެއް ފާސްކުރުމުން ދެން ރައްޔަތުންގެ ގޭގައި ތިބޭ އެމްޑީޕީ މެމްބަރުންނަށް އެގޮތަކަށް ޢަމަލުކުމަށް ޕާޓީގެ މަމްދޫބުނަށް ލާޒިމުކުރާނެތީއެވެ.

 

މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިކަން އެއީ މިއަދުގެ ބޮޑު ސިއްރެވެ. މިނިސްޓަރ ފައްޔާޒުއާއި ދެކޮޅަށް، ރައީސް ނަޝީދު އާއި އޭނާގެ ބައިވެރިން ތެދުވެ ހައްދަވަން މިއުޅެނީ ކިހިނެއްތޯއެވެ. މަޖިލީސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕެއްގައި، ޕާޓީއަށްޓަކާވެސް ފައްޔާޒު މަޤާމުން ދުރަށް ޖެހިލަން ޖެހޭކަމަށް ނަޝީދު ބުނެފައިވާ ކަމުގައި ވެއެވެ. ޚަބަރު ބުނާގޮތުން ނަޝީދު މިވަޤުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތު ގައެވެ. އިނގިރޭސިވިލާތަކީ އެމަނިކުފާނުގެ ސިޔާސީ އެޑްވައިޒަރުންނާއި ފަންޑިންގް ޖަމާޢަތްތަށް އެންމެގިނަ ގައުމުކަމުގައި ބެލެވެއެވެ.

ކަންމިގޮތަށް ހިނގަމުން ދާއިރު، ރައީސް ނަޝީދަށް މައްސަލައަކަށް ވެގެން އުޅުއްވަނީ ފައްޔާޒު “ބުރޯ” އަކަށް ވާން އުޅުއްވާތީކަމަށް ނަޝީދުގެ ސަޕޯޓަރުން ދަނީ ތަކުރާރުކޮށް ފާޅުގައި ބުނަމުންނެވެ. ފައްޔާޒް އަކީ މިސަރުކާރުގެ ތެރޭގައި އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާކަން އެންމެންވެސް ދަނެއެވެ. އަދި އެހެންމެ އެއްމެ ރުންކުރު ރުޅިގަދަ ވަޒީރުކަމުގައިވެސް އަނެއް ފެކްޝަންގެ ބޭފުޅުން ވިދާޅުވެއެވެ. ކުރީ ސަރުކާރުގައި، ކުޑަ ދުވަސްކޮޅެއްގެ ތަރޭގައި ގަދަބާރާއި ނުފޫޒު ހޯއްދަވާ، “ބުރޯ” އަކަށްވެފައިވަނީ އަޙުމަދު އަދީބުއެވެ. އާދެ، ރައިސް ޔާމީނުގެ އެންމެ އަރިސް އޭރުގެ ޓުއަރިޒަމް މިނިސްޓަރ އެވެ. އެފަދަ ބޭފުޅަކު އެމްޑީޕީގެ ތަރާގައި އުފެދުނަ ނުދެއްވާނެކަމުގައި ނަޝީދު ވިދާޅުވެއެވެ. ރަނގަޅަށް ވިސްނާލުމުން އެގެނީ އެއީ ބޮޑުވެގެންވާ ސަބަބެއް ނެތިއެއްވެސް ނޫންކަމެވެ. ދިވެހިރާއްޖޭގެ ސިޔާސީ ކުޅިގަނޑު ދިރާސާ ކުރަށްވާ ގިނަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި “ބުރޯ” އަކީ ނުރައްކާތެރިކޮށް ކުޅިގަނޑު ކުޅުއްވާ ވަރަށް ނުފޫޒުގަދަ ރަޙުމުކުޑަ ނުރައްކާތެރި މީހެކެވެ. އަދި ބޮޑު “ވަގެއް” ވެސް މެއެވެ. ވީމާ މިކަން އެން ގާތުން ދެކެ ގަބޫލުކުރައްވާނެ އެއްބޭފުޅަކީ ރައީސް ނަޝީދު ކަމުގައި މިދެންނެވި ދިރާސީ ބޭފުޅުން ވިދާޅުވެއެވެ. އެހެނީ ރައިސް ނަޝީދުގެ އަމިއްލަ ބަސްފުޅުންނަމަ ” ބުރޯ” އަކީ ސިދާ އެބޭފުޅާ ޕީޕީއެމް ހަލާކުކޮށްލުމަށްޓަކައި އިންދި ފަންޏެކެވެ. ވީއިރު އެފަދަފަންޏެއް އެމްޑީޕީގައި އެޅިޔަނުދެއްވަން ކުރެއްވެންއޮތް ހުރިހާ މަސައްކަތެއްް ކުރައްވާނެތާއެވެ؟

 

މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވަނީ، ސަރުކާރުން ބޭނުންވާ ކަންކަމުގައި، މަޖިލީހުގެ މެންބަރުންނަށް ގުޅުއްވާ ހައްދަވާ ކަމަށެވެ. އަދި އެކަން އަދިވެސް އެގޮތަށް ކުރައްވާނެ ކަމަށް ފައްޔާޒުވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް ނަޝީދުއާއި ދެކޮޅަށް، ރައީސް ސޯލިހު ވަނީ ފާޅުގައި ތެދުވެ ވަޑައިގަންނަވާ، ފައްޔާޒުއަށް އިތުބާރު އޮތްކަމަށް ޕަބުލިކުގައި ހާމަކުރައްވައިފައެވެ. ހަމަ އެގޮތަށް އެމްޑީޕީގެ އާންމު ގިނަ މެންބަރުންވެސް ފައްޔާޒުއާއި އެކު ތިބިކަން ހާމަކުރެއްވިއިރު، އެމްޑީޕީއަކީ ނަޝީދުގެ ހަރުމުދަލެއް ނޫން ކަމަށް އެޕާރޓީގެ މެންބަރުންތަކެއްވެސް ދަނީ ބުނަމުންނެވެ. ސަރުކާރުގެ އެތެރޭގައި އުފެދިފައި މިކޯޅުންގަނޑު ނިމޭނީ ރައީސް ނަޝީދަށް ހިތިކޮށްތޯ، ނުވަތަ ފޮނިކޮށްތޯ ބެލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ. މިހާތަނަށް ރިޕޯޓު ދައްކާގޮތުން ނަޝީދުވަނީ ހަތެރެއް ސުމަކުން ބަލިވެފައެވެ.

 

 

2 ހިޔާލުތައް

  1. ވެރިކަމަކީ އެކަހަލަ އެއްޗެކެވެ. މައުމޫނާއި ޔާމީނު ދެބެއިން ތޮޅުންގަޑު ފެނިފައިވުމުނެ މަށެއް ތިކަމަކާ ޙައިރާނެއް ނުވެއެވެ. ނަމަވެސް މި ކޮވިޑް ދަނޑިވަޅުގައި އަންނި އާއި އިބޫ ވެރިކަމާ ހިފަންވެގެން ރައްޔަތުންނަށް ނިކަމެތިކަން ދިމާވުން އެއީ ވަރަށް ނިކަމެތިގޮތެކެވެ. އަދި މި ހާސްކަމުގެ ތެރެއަށް އިންޑިއާވަދެ އަހަރެމެނަށް ނުސަކާވަރަށް ގައުމުގެ ލަގަނު އަތްދަށުލުމަކީ ނުރައްކާތެރި ކަމެކެވެ. ވެރިކަމާއިހެދި ނުތޮޅެން ނަޝިދަށް ނަސޭޙަތްދެއްވާށެވެ.

  2. ބޮޑު ދެގެރި ތަޅަންޏާއި ކައްގަލަށް ބާރުކުރާނޭ ހަސަންބެވެސް މަކައިރީ ވަރަށް ކުރިންވެސް ބުންޏެވެ. ދެން ނިމިދިޔަ ސަރުކާރުގައިވެސް ހަމަ މިހެން ޖެހިސަކަރާތް ގޮވީ އެވެ. މިހާރު ހަމަ އަސްލު މިގައުމުގެ ހަމަނުޖެހުން ގުޅިފައިވަނި ކުރީގެ ރައިސް ނަޝީދުއާއިކަން ޝައްކެއްނެތް މިންވަރަށް އެނގި ގައިމުވެއްޖެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ