ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ.
މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ އިތުރުން ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ޙުސައިން ރިޟާއާއި އެމްއެންޕީގެ ފަރާތުން ޢަލީ އަރީފެވެ.
ވޯޓުލުން ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ހެނދުނު 08:00 އިން ހަވީރު 16:00 ގެ ނިޔަލަށް ކަމަށްވިޔަސް, މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތު 17:00 އާ ހަމައަށް އިތުރުކޮށްފައެވެ.
މި އިންތިޚާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު, ވޯޓުލާފައިވަނީ 2755 (%80.4) މީހުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް 06 ފޮށްޓެއް ބެހެއްޓިއެވެ. އެއީ ގުރައިދޫގައި 2 ފޮށި, މާފުށީގައި 2 ފޮށި, ގުޅީގައި އެއް ފޮށި އަދި މާލޭގައި އެއް ފޮށްޓެވެ. އޭގެތެރެއިން އެއް ފޮށި ފިޔަވައި ދެން ހުރި ހުރިހާ ފޮށިތަކުން ވެސް ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ޝާޒްއެވެ.
އެމްޑީޕީން މި ގޮނޑި ކާމިޔާބު ކުރިއިރު, ސަރުކާރުން ވަނީ މި އިންތިޚާބަށް ނުފޫޒު ފޯރުވައިފައެވެ. އެ ގޮތުން އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން އިއުލާނުކުރުމާއެކު, ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު އިއުލާނުކޮށް އިންތިޚާބު ފެށެން ދެ ދުވަހަށްވެފައި އޮއްވައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައެވެ.
މީގެއިތުރުން ޑްރަގް ބެހުމާއި, ފައިސާ ބެހުމާއި, ވަޒީފާ ބެހުމާއި, ވަޒީފާގެ ބިރުދެއްކުމާއި, ދައުލަތުގެ މުދަލާއި ފައިސާ ކެމްޕޭނުގައި ބޭނުންކުރުންފަދަ ތުހުމަތުތައް ވަނީ ކުރެވިފައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް މީގެކުރިން ހުންނެވި އިބްރާހިމް ރިޟާ އަވަހާރަވުމާ ގުޅިގެންނެވެ. އިބްރާހިމް ރިޟާ އަވަހާރަވީ މިދިޔަ ފެބްރުއަރީ 23 ވަނަ ދުވަހު މެލޭޝިޔާގައެވެ.
One Response
30 އަހަރުން ނުވި ތަރައްޤީ މިވެރިކަމުގެ 4 އަހަރުންވެސް ލިބިއްޖެ.. ނުފޫޒު ފޯރުވިޔަސް ނުވިޔަސް މިފަހަރު އެމް،ޑީ،ޕީ މިގޮނޑި ނަގާނެކަން މާކުރިންވެސް އިނގޭ..