ޗައިނާއާއި އިންޑިއާއިން މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައިނުވާ ދެގައުމު ގުޅޭ ސަރަޙައްދުން ޓިބެޓްގެ ދެ އަވަށެއް ސިޓީ ފެންވަރަށް ތަރައްގީކުރަން ޗައިނާއިން ކުރާ މަސައްކަތަކީ އެ ސަރަޙައްދަށް އަތްގަދަކުރަން ކުރަމުންގެންދާ މަސައްކަތެއް ކަމަށާއި އޭގެ ސަބަބުން ދެގައުމުގެ މަސްލަޙަތު އިތުރަށް ގޯސްވެދާނެކަމަށް ބެލެވެން ފަށައިފިއެވެ.
ބައެއް މުޙައްލިލުން ދެކިވަޑައިގަންނަވާ ގޮތުގައި މި ހަފްތާގައި ހިނގާދިޔަ ޗައިނާއާއި އިންޑިއާގެ ދެބަސްވުމާއި ގުޅިގެން ޗައިނާ ސަރުކާރުން ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގެ ދެކުނުގައި އިންޑިއާގެ ބާރުގެ ދަށުގައިވާ ބައެއް ސަރަޙައްދުތައްވެސް ހިމެނޭގޮތުގައި ޗައިނާގެ ނަންތައްދީ އަލުން އަމިއްލައަށް ޗާޓް ކުރެހުމަކީ އެ ސަރަޙައްދު ތަކަކީ ޗައިނާގެ ސަރަޙައްދު ތަކެއްކަމަށް ޢިއުލާންކުރުން ފަދަ ކަމެއްކަމުގައި އިންޑިޔާއިން ދެކެއެވެ.
މިކަމާގުޅޭ އެއްވެސް ތަފްސީލެއް ޗައިނާއިން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެ ސަރަޙައްދު ތަރައްގީކުރުމަކީ ލޯކަލް ސަރުކާރަށް ބާރުތަކެއް ދިނުންކަމުގައި މުޙައްލިލުން ފާހަގަކުރެއެވެ. ޗައިނާގެ ޝެންހާއި އިންސްޓިޓީއުޓް އޮފް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ސީނިއަރ ފެލޯ ލިއު ޒޮންގްޔީ ދެކޭގޮތުގައި ޗައިނާއިން އެ ސަރަޙައްދު ސިޓީ ފެންވަރަށް ތަރައްގީ ކުރުމުން އެ ސަރަޙައްދުގައި ޗައިނާގެ ބާރު ގަދަވެގެން ދާނެއެވެ. އަދި ޗައިނާއިން އެ ސަރަޙައްދަށް ގިނަ ވަސީލަތްތައް ވެސް ގާއިމް ކުރާނެއެވެ.
މިދިޔަ ހޯމަދުވަހު އެ ސަރަޙައްދުތައް ސިޓީ ފެންވަރަށް ތަރައްގީ ކުރާނެކަން ޢިއުލާން ކުރުމުގެ އެއްދުވަސް ކުރިން އެސަރަޙައްދުގެ 11 ތަނެއްގެ ނަންވެސް ވަނީ ބަދަލުކޮށްފައެވެ. އޭގެތެރޭގައި އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ބައެއްވެސް އެއީ ދެކުނު ޓިބެޓްކަމުގައި ވަނީ ޗައިނާއިން ބަލާފައެވެ.
އިންޑިއާގެ ޚާރިޖިއްޔާގެ ފަރާތުން އަރިންދާމް ބަގްޗީ ވިދާޅުވީ ޗައިނާއިން ކިޔާފައިވާ ނަންތައް އިންޑިއާއިން ގަބޫލު ނުކުރާނެކަމަށެވެ. މިއީ ޗައިނާއިން ނަންތައް ބަދަލުކުރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ކޮންމެ އެއްޗެއް ކިޔަސް އަރުނާޗަލް ޕްރަދޭޝް އަކީ އިންޑިއާގެ ތަނެކެވެ. އެ ޙަގީގަތް ދުވަހަކުވެސް ބަދަލެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް އޭގެ އިރުކޮޅެއްފަހުން ޗައިނާގެ ޚާރިޖިއްޔާއިން ވިދާޅުވެފައިވަނީ ދެކުނު ޓިބެޓްގެ ސަރަޙައްދަކީ ޗައިނާގެ ސިޔާދަތު ފުރިހަމަޔަށް ހިނގާނެ ތަންތަން ކަމަށާއި އެތަންތަނުގެ ނަމަށް ބަދަލު ގެނެސްފައިވަނީ ޗައިނާއަށް ލިބިދޭ އިޚްތިޔާރުގެ ތެރޭންކަމަށެވެ.
ފާއިތުވެގެން ދިޔަ އަހަރުތަކުގައިވެސް އިންޑިއާއި ޗައިނާއިން އެއޮއްދިގު 3200 ކިލޯމީޓަރުގެ ބޯޑަރ ލައިންގެ މައްސަލާގައި ދެގައުމުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
އެންމެފަހުން ޗައިނާގެ ސަރަޙައްދުކަމަށް އެގައުމުން ބުނަމުން ގެންދަނީ ދެކުނު ޓިބެޓް ކަމަށެވެ. އެކަމަކު މިހާރު އެއީ އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ދެފަރާތުގެ ކުރިމަތިލުން ތަކެއް ތަވާންގް އޭރިޔާގައި ހިނގައި ދެފަރާތުގެ ސިފައިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ޗައިނާއާއި އިންޑިއާގެ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގެ ހުޅަނގު ބިތުގައި ވެސް އެތައްހާސް ކިލޯމީޓަރަކަށް ދެމިގެންދާ ސަރަޙައްދު ތަކުގައިވެސް ދޭތެރޭ ދޭތެރޭން ވަރުގަދައަށް ދެފަރާތުން ޙަމަލާ ބަދަލުކުރެވެމުން ދެއެވެ. މި ސަރަޙައްދުގެ ގަލްވާން އަދި ލަޑާކްގައި 2020 ވަނައަހަރުވެސް ވަރުގަދަ ޙަމަލާތަކެއް ވަނީ ބަދަލު ކުރެވިފައެވެ.
މިދިޔަ ހޯމަދުވަހު ޓިބެޓްގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގެ އިރުމަތީ ސަރަޙައްދުގެ މިލިންއާއި ކްއޯނާ ވެސް ސިޓީފެންވަރަށް ތަރައްގީ ކުރުމަށްފަހު ސީދާ ސަރަޙައްދީ ސަރުކާރުން ހިންގާގޮތަށް ހަމަޖެހޭނެކަމަށެވެ.
މިދެ ސަރަޙައްދުގައި އިންޑިއާއަށް ކުރިމަތިވާގޮތަށް އޮންނަ 180 ކިލޯމީޓަރުގެ އޭރިއާއެއްގައި ފަންސަވީސް ހާސް ވަރަކަށް މީހުންގެ އާބާދީއެއް ދިރިއުޅެމުންގެންދެއެވެ. މިދެ ސަރަޙައްދުގެ ވެރިކަން ކުރާރަށް ލާސާ އޮންނަނީ ޓިބެޓުން ޒިންޖިއާންގަށް އޮންނަ ހައިވޭއާއި ގުޅިފައެވެ. އަދި އެމީހުން އަމިއްލަ އެއަރޕޯޓެއްވެސް އޮވެއެވެ.
ކޯނާ އޮންނަނީ ހުޅަނގު ދެކުނުން ތަވާންގް ސެކްޓަރުން ބޫޓާނާ އިންވެގެންނެވެ. މިސަރަޙައްދު އެއްބަޔަކީ އިންޑިއާގެ ތަނެއްކަމަށް ބުނާއިރު އަނެއްބަޔަކީ ޗައިނާގެ ތަނެއްކަމަށް ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހު އިންޑިއާއިންވެސް އަރުނާޗަލް ޕްރަދޭޝްވެސް ހިމެނޭގޮތުގައި އެސަރަޙައްދުގެ ހަތަރު ސްޓޭޓަކާއި އިންވެގެން އޮންނަ ގިނަ އަވަށްތަކެއް ތަރައްގީކުރުމަށް ކަނޑައަޅައި އެކަމަށް 584 މިލިއަން އެމެރިކާ ޑޮލަރުވެސް ވަނީ ހަމަޖައްސާފައެވެ.