މެދުއިރުމަތި އެއްބައިވަންތަ ކުރުމުގެ މަސައްކަތް

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ ގައުމުތައް އެކުވެރި ކުރުމަށްޓަކައި ސަޢޫދީ އެރޭބިޔާގެ ވަލީއަޙްދުމުޙައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތާއި ދޭތެރޭ ދުނިޔެ ޙައިރާންކޮށްލައިފިއެވެ.

ކުރީގައި ބައެއް ގައުމުތަކާއިއެކު އުފެދިފައިވާ ދެބަސްވުންތައް އެއްފަރާތްކޮށް އެމަނިކުފާނު ދެން އަޅުއްވާނެ ފިޔަވަޅަކީ ކޮބައިކަންވެސް ދުނިޔެއަށް އަންދާޒާ ނުކުރެވޭކަހަލައެވެ. 

އެންމެ ފަހުން ވަލީއަޙްދު ވިދާޅުވެފައިވާ ބަސްފުޅެއް އަޑުއަހާލާއިރު އިވިގެންދަނީ ސަޢޫދީއަށް ބޭނުންވާގޮތް ދެނެގަތުމުގައި އެމެރިކާގެ އެހީ ބޭނުންފުޅު ނުވާކަމަށާއިއެކަންތައްތައް އެނގިވަޑައި ގަންނަވާ ކަމަށް ވިދާޅުވަމުންދާ ބަސްފުޅު ތަކެވެ.  އެއީ ތެލުގެ ބާޒާރުގެ އުފެއްދުމާއި ތެލުގެ ބާޒާރުގައި އަގުތަކާއި ކުޅުން ކަމުގައިވިޔަސް ނުވަތަ އީރާނާއެކު ގުޅުން ބަދަހިކުރުން ކަމުގައިވިޔަސް އެކަމުގައި އެމެރިކާއިން ދެކޭގޮތް ބަލަން ބޭނުންފުޅު ނުވާކަމަށެވެ.        

ވަލީ އަޙްދުގެ ސިޔާސަތުގެ މައިގަނޑު ބިނާކުރައްވާފައި ވަނީ 2030 އަށް ކަނޑައޅުއްވާފައިވާ ލަނޑުދަނޑި ޙާސިލް ކުރެއްވުމެވެ. އޭގެތެރޭގައި ސަރަޙައްދުގެ ބައެއް ގައުމުތަކަށް ވާދަކުރާނެ ގޮތެއްގައި ސަޢޫދީ އެރޭބިޔާވެސް ޓްއަރިޒަމް އަށް ހުޅުވާލުން ހިމެނެއެވެ.                                             

ވަލީއަޙްދުގެ ވިސްނުން ބަދަލުވެގެން ދިޔައީ 2019 ވަނައަހަރު އަރާމްކޯގެ ތެލުގެ ވަސީލަތްތަކަށް ދިން ގެއްލުން ބޮޑު ޙަމަލާއާއި އަދި އީރާނުގެ ވަސީލަތްތަކަށް އިސްރާއީލުން ދިން ޙަމަލާތަކާ ގުޅިގެންނެވެ. 

އެމެރިކާއިން ސަޢޫދީ އެރޭބިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ އެއްބަސްވުމެއް ގާއިމްވެފާއޮތް އިރު ސަޢޫދީ އެރޭބިޔާގެ އިގްތިސާދުގެ މައިނާރު ބުރިކޮށްލިއިރު އެމެރިކާއަށް ފޯރުކޮށްދެވުނީ ކޮން ރައްކާތެރި ކަމެއްތޯ ވަލީއަޙްދު ސުވާލުކުރެއްވިއެވެ.

ކުރިއަށްއޮތް ތަނުގައި އަރާރުންވެ ތަޅާފޮޅާ ބައެއްގެ މެދަށް ސަޢޫދީ އެރޭބިޔާ ވަންނަން ބޭނުން ނުވާކަމަށްވެސް ވަލީއަޙްދު މުޙައްމަދު ވިދާޅުވަމުންގެންދަވައެވެ. 

ސަޢޫދީ އެރޭބިޔާގެ މުޙައްލިލު އަބްދުލް އަޒީޒު ސާޣިރު ވިދާޅުވެފައިވަނީ ސަޢޫދީ އެރޭބިޔާއިން ބޭނުންވަނީ އެހެން ހުރިހާކަމެއް އެއްފަރާތް ކުރުމަށްފަހު ހަމައެކަނި އެގައުމައިގެން ކުރިޔަށް ދާށެވެ.

ސަޢޫދީގެ ވިސްނުންހުރީ އެމެރިކާގެ މައްޗަށް ލެނބިގެން ތިބުމުގެ ބަދަލުގައި އީރާނާއި ސީރިޔާއާއި އެކުވެސް އެކުވެރިކަމުގެ ގުޅުން ގާއިމްކޮށްގެން ކުރިއަށް ދިއުމަށެވެ. މިއަންނަ މޭ މަހުގެ ތެރޭގައި ސަޢޫދީގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ އެރެބްލީގުގެ ވެރިންގެ ބައްދަލުވުމަށް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ދައުވަތު އަރުވަން ސަޢޫދީންވަނީ ގަސްދު ކޮށްފައެވެ.

އަދި އެމެރިކާއިން ކޮންމެގޮތަކަށް ވިސްނި ކަމުގައި ވިޔަސް ޗައިނާ ގުރޫޕިންގެ ސެންހާއި ކޯޕަރެޝަން އޯގަނައިޒޭޝަންގައި ބައިވެރިވުމަށްވެސް ސަޢޫދީން އޮތީ މިހާރު ނިންމަވާފައެވެ. ސަޢޫދީ އެރޭބިޔާއިން ޗައިނާއާއި އެމެރިކާއާއެކު ގުޅިގެން ކުރިޔަށްދާންވެސް ބޭނުމެވެ. އެކަމަކު ދެން ސަޢޫދީ އެރޭބިޔާއަކީ ބޮޑު ދެބާރުގެ މެދުގައި ފިތި ތާށިވާނެ ގައުމެއް ނޫންކަމުގައެވެ.

އަހަރެންމެންގެ ގައުމަކީ ސުޕަރޕަވަރެއް ނޫނެވެ. އެކަމަކު ބައިނަލް އަގްވާމީ އިގްތިސާދުގައި އަހަރެމެންގެ ދައުރު އަހަރެމެން ބޭނުންވާ ގޮތަކަށް އަދާކުރާނަމެވެ.                                                              

ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ކަރބީ ހޯމަދުވަހު ވިދާޅުވެފައިވަނީ އެމެރިކާއާއި ސަޢޫދީ އެރޭބިޔާގެ ތަފާތު ވިސްނުންތަކެއްހުރިނަމަވެސް ދެގައުމަށް ބޭނުންވާ ކަންކަމުގައި މަޝްވަރާ ކުރެވެމުން ދާކަމަށެވެ.ސަޢޫދީން ގެންގުޅުއްވާ ތެލާބެހޭ ސިޔާސަތަށް އެމެރިކާ އެއްބަސް ނުވާކަން ހާމަވެފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހުވެސް ސަޢޫދީ އިސްވެ ޙަރަކާތްތެރި ވަމުންގެންދާ އޯޕެކް އާއި ރަޝިޔާވެސް ހިމެނޭ އޯޕެކް ޕްލަސް އިން ވަނީ ތެޔޮ އުފައްދާ މިންވަރުން ދުވާލަކު 1.16 މިލިއަން ފީފާ މަދުކުރަން ނިންމާފައެވެ. މިކަމާވެސް އެމެރިކާ އޮތީ ރުޅިއައިސްފައެވެ.                                                           

ގަލްފް ރިސާރޗް ސެންޓަރުން ހާމަކުރާގޮތުގައި އޯޕެކްގެ މި ފިޔަވަޅަކީ އެމެރިކާއާއި ހުޅަނގަށް ޚިދުމަތްކޮށް ދިނުމުގެ ބަދަލުގައި އޯޕެކް ގައުމުތަކުން އެގައުމުތަކުގެ ފައިދާއަށްޓަކައި ކަންތައްކުރަން ހޯދާދެވުނު ރަނގަޅު ފުރުސަތެކެވެ.

ބައެއް ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ތެޔޮއުފައްދާ ގައުމުތަކުގެ ބަހަކީ “ އަހަރެމެންނަކީ އެންމެފުރަތަމަ ސަޢޫދީ އެރޭބިޔާއޭ ބުނެވޭ ތެލުގެ މާރކެޓެކެވެ. ދުނިޔެއަށް ޖެހޭ އޮޔާއި ވައިގެ ތެރޭގައި އަހަރެމެންނަށް ފައިދާ ބޮޑުވާނެ ގޮތްތައް ދެނެގަތުމަކީ އަހަރެމެން ކުރާކަމެއްގެ ގޮތުގައި އޮތުން ބޭނުމެވެ.      

ވޯޝިންގްޓަންގައި ހުންނަ މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ޑިފެންސް ޕްރޮގްރާމުގެ ޑިރެކްޓަރ ބިލާލް ސާބް ވިދާޅުވެފައިވަނީ މިފަހަކަށް އައިސް އެމެރިކާއާއި ސަޢޫދީ އެރޭބިޔާއާއި ދެމެދު ބިނާކުރެވެނިވި އެއްވެސް މަޝްވަރާއެއް ބޭއްވިފައެއް ނެތެވެ. 

ނަތީޖާއެއްގެ ގޮތުން އެމެރިކާއާއި އީރާނާ ދެމެދު ހިނގާ މައްސަލަތަކުގެ ތެރެއަށް ސަޢޫދީން މިހާރު ވަންނާކަށް ބޭނުމެއް ނޫނެވެ. މިދިޔަ އާދީއްތަ ދުވަހުވެސް އިސްރާއީލުން ސީރިޔާއަށް ދިން ޙަމަލާތަކުގައި އީރާނުން މަދަދުލިބޭ އައުޓްޕޯސްޓުތަކަށް ގެއްލުންތަކެއް ލިބުނެވެ. 

މިފަދަ ޙަމަލާތަކުގައި އެމެރިކާއިން އިސްރާއީލް ރުއްސަންގެންގުޅޭ ސިޔާސަތާއެކު ޙަމަލާތައް ފުޅާވެގެން ހިނގައްޖެނަމަ މުޅި ސަރަޙައްދުވެސް ނުރައްކާތެރި ވެއްޓަކަށް ބަދަލުމުގެ ފުރުސަތު ހުޅުވިގެން ހިނގައިދާނެއެވެ. އެފަދަ ޙާލަތުތަކުގައި އެމެރިކާއިން ސަޢޫދީ ދިފާއުކޮށްދޭނެ ކަމަށް އެމީހުން މިހާރު ގަބޫލެއް ނުކުރެއެވެ.

ބްރޫކިން އިންސްޓިޓިއުޓުގެ ޝާދީ ޙަމީދު ދެކިވަޑައިގަންނަވާ ގޮތުގައި ގަލްފުގެ ގައުމުތަކުން އެމެރިކާ ފެޔަށް ޖެހެމުންދާ ކަމަށް ސަޢޫދީން ބުނަމުންގެންދާ ބުނުމަކީ މުޅިން ދޮގެއްނޫނެވެ. 

ސަޢޫދީ އެރޭބިޔާއިން އެމެރިކާގެ އެންމެބޮޑު ވާދަވެރިޔާއާއިއެކު ގުޅުން ގާއިމްކުރަމުން ގެންދިއުމަށް އެމެރިކާ ނުރުހިފާ ތިއްބަސް ސަޢޫދީއާއި އިދިކޮޅަށް އެއްވެސް ކަމެއް ނުކުރެއެވެ. ސަޢޫދީން އުންމީދުކުރަނީ އީރާނާއެކު ގުޅުން ބަދަހިކުރުމުން އީރާނުންވެސް އެގޮތުގައި ދެމިތިބޭނެ ކަމަށެވެ. އަދި އީރާނުން ސަޢޫދީއަށް ގޯނާ ނުކުރާނެކަމަށެވެ.                                           

ރިޔާޒާއި ބެއިޖިންގ ރަޙުމަތްތެރި ގުޅުމާއިމެދު އެމެރިކާއިން އޮތީ ނިދި ގެއްލިފައެވެ. އެކަމަކު އެމެރިކާއިން ބުނަމުން ގެންދަނީ ޗައިނާއިން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ގަލްފުގެ ގައުމުތަކާއިއެކު އެމެރިކާއިން އޮންނަގުޅުން ކުޑަނުކުރެވޭނެ ކަމަށެވެ.                                                     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް