ރާއްޖޭގައި އަމިއްލަވަންތަ ދައުލަތެއް އޮތްކަމާމެދު ނާޒިމް ސުވާލު އުފައްދަވައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި އަމިއްލަވަންތަ ދައުލަތެއް އޮތްކަމާމެދު ސުވާލުއުފައްދަވައި މޯލްޑިވްސް ނެެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވާހަކަފުޅު ދައްކަވައިފިއެވެ.

އެމްއެންޕީން ކުރިއަށްގެންދާ ”ނުއިވޭ އަޑުތައް“ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ރޭ ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް, ޚާއްސަކޮށް ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް އިޝާރަތް ކުރައްވައި ނާޒިމް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު މިއަދު ފެންނަނީ ވަކި ގައުމެއްގެ ”އުނގަށް“ ވެއްޓިފައިވާ ތަން ކަމަށާއި ވަކި ގައުމެއްގެ ގޮނޑިކޮއްކޮއަކަށްވެ, ޚާރިޖީ ސިޔާސަތުތައް ދީލާލާފައިވަނީ އެ ގައުމެއް އެދޭ ގޮތަށް ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރަކަށް މިއަދު ހުންނެވީ އެހެން ގައުމަކަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅަކަށްވާއިރު, މިފަދަ ވާހަކަފުޅެއް ވިދާޅުވެފައިވާ ބޭފުޅަކު އެ މަގާމުގައި ހުންނަވައިގެން ޚާރިޖީ ގޮތުން ރާއްޖޭގެ ސަލާމަތް ކަށަވަރުކުރެއްވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި ވެސް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުުރުން ރާއްޖޭގެ ވިޔަފާރިއާ އިގުތިސާދު ވެސް މިއަދު ހަމަ އެގޮތަށް އެއް ގައުމެއްގެ އަތްދަށަށް ގޮސްފައިވާ ކަމަށާއި އެ ގޮތުން އަސާސީ ކާޑުގެ ތަކެތި ލިބެނީ ހަމައެކަނި އެއްމެ ގައުމަކުން ކަމަށް ހަމަޖެހިފައި އޮތުމަކީ ނުރަނގަޅު ކަމެއް ކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހުރިހާ ސިޔާސަތެއްގައި މިއަދު މި އޮތް ސަރުކާރުގެ ބާރެއް ނެތްކަމަށާއި އެ ސިޔާސަތުތައް ބައްޓަންވެގެން އަންނަނީ އެހެން ގައުމަކުން އެދޭ ގޮތަށް ކަމަށް ވާތީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ބިރުވެރިކަމަށް ހުށަހެޅިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ އދ. ގައި ރާއްޖެއިން ބައިވެރިވީ އަމިއްލަ މިނިވަން ދައުލަތެއްގެ ގޮތުގައި އެފަދަ ދައުލަތެއް ދުނިޔެއަށް ތަމްސީލު ކުރުމަށް ކަމަށެވެ. ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވެ ދައުލަތުގެ ޚާރިޖީ ސިޔާސަތު ދޯދިޔާވެ, ވަކި ގައުމެއްގެ ބަހަށް ދޫވެ ގޮސް ރާއްޖެއަކީ މިހާރު އަމިއްލަވަންތަ ދައުލަތެއްތޯ ސުވާލުކުރާ ހިސާބަށް ހިނގައްޖެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޚާރިޖީ ސިޔާސަތު އޮންނަންވާނީ ބެލެންސްކޮށް ކަމަށެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތު ބައްޓަންވެގެންދާނީ ކޮންމެ ގައުމަކާ ވެސް ސަލާންކޮށްލެވޭ ހިސާބުގައި އޮންނަ ގޮތަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތު އެ ގޮތަށް ބައްޓަންކުރުމުން ގައުމުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރެވޭނެ ކަމަށާއި އެގޮތުން ރެކޯޑް ނެތް ބިދޭސީން ފޮނުވާލުމާއި ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހިންގެ މައްސަލަ ހއްލުކުރުން ފަދަ ކަންކަމަކީ ރަނގަޅު ޚާރިޖީ ސިޔާސަތެއް އޮވެގެން ކުރެވޭނެ ކަންތައްތައް ކަމުގައި ނާޒިމް ވަނީ ފާހަގަކުރައްވައިފައެވެ.

ފޮޓޯ: އެމްއެންޕީ

Loading

2 Responses

  1. ޔާމީނަށް ކުރިމަތި ނުލެވެންޏާއި ދެން އެންމެ ރަނގަޅުމީހަކަށް ފެންނަނީ ނާޒިމެވެ. އެހެނީ ދައުލަތެއް ހިންގޭނީ ދައުލަތެއް އެނގޭ ތަޢުލީމާއި ތަޖުރިބާ ބޭނުންވާނެތީއެވެ.

  2. ޚާރިޖީ ސިޔާސަތު ރަނގަޅުކުރުމުގެ ކުރިން މިގައުމުގެ ދާޚިލީ ސިޔާސަތު ރަނގަޅުކޮށްދެއްވަން މަސައްކަތް ކުރައްވާށެވެ. އޭރުން ރައްޔިތުންގެ ރުހުންވެސްލިބި ވެރިކަންވެސް ލިބޭނެއެވެ. ކީއްވެގެންތޯ ސަރުކާރުގެ މަތިބަރުކުރަން ނިކަމެތި އަމާގެ ފައްޓަރުބައި އޮތްތަން ހޯއްދަވަނީ. ކީއްވެގެންތޯ ރައްޔިތު މީހާއަށް ނުލިބޭ މަންފާލިބޭގޮތަށް ރައްޔިތުން މުސާރަދީގެން ވަޒީފާދީފައިތިބި ޚާދިމުން ގާނުނުހަދަން ފުރުސަތު ދީފައި އޮންނަނީ. ކީއްވެގެންތޯ ދައުލަތުގެ މުދާ ވަކިބަޔަކު ހިންގާ ކުންފުންޏެއްގެ މިލްކަކަށްވަނީ. ކީއްވެގެންތޯ ބޮޑެތި ރަށްތައް ހުރިއިރު އެ ރަށްތައް ތަރައްގީ ނުކޮށް ބިންހިއްކަނީ. ކީއްވެގެންތޯ ދިވެހިދައުލަތުގެ ގިނަ މިލްކިއްޔާތުތަކެއް ރައްޔިތުންނަށް ފައިދާނުކުރާގޮތަކަށް މުއްސަނދިންނަށް ދެމުންގެންދަނީ. ޚިއްވެތޯ…ކީއްވެތޯ.. އެތައް ހާސް ސުވާލެއް ރައްޔިތުން ކުރަމުން ގެންދާއިރު އަޅާނުލާ ތިޔަ ތިއްބަވަނީ. ދާޚިލީ ސިޔާސަތު ފުރަތަމަ ދިވެހިން ބޭނުންވާގޮތަށް ރަނގަޅުކޮށްދެއްވާށެވެ.

Leave a Reply to ކިއުންތެރިއެއް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް