ޅިޔަނާ, ބޮނދު ބުޑަށް ސައި!

Loading

Facebook
Twitter
WhatsApp

ސޮފުހާތައް ހަތަރު އަހަރު ކުރިއަށް ސޮއްސައިލާނަމެވެ. އެއްޗެއް ތަފުސީލުކޮށްދޭން އުޅޭއިރު, އެ އެއްޗެއް އައި ގޮތެއް ބަލައިލުމަކީ ވެސް އަޅުގަނޑު ހިތުން ނެތްކަމެއް ނޫނެވެ. އެ އެއްޗެއްގައި ހުރި ބުރަދަނެއް ވެސް ސާފުވާނީ އޭރުންތާއެވެ.

ގިނިކަންޏާ ނުކުމެވަޑައިގެން ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ގޮންޖައްސަވާލައްވައި އެމަނިކުފާނާ ވާދަކުރައްވާން ކެރިވަޑައިގަތް ލީޑަރެއް އޭރަކު ނެތެވެ. ބައިއަތު ހިއްޕަވައިގެން ނަމަވެސް އޭރު ތިއްބެވި ސިޔާސީ ލީޑަރުން ބޭނުންވެވަޑައިގަތީ ޔާމީން ބަލިކުރެއްވުމަށެވެ. އެ ގޮތުން އޭރު ތިއްބެވި ލީޑަރުން ގުޅިވަޑައިގެން ހެއްދެވި ކޯލިޝަނަކުން ޔާމީންގެ މައްޗަށް ކުރި ހޯއްދެވިއެވެ. 

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 233889 މީހުން ވޯޓުލާފައިވާއިރު ގިނިކަންޏާ ނުކުމެވަޑައިގަތް ރައީސް ޔާމީން 96052 (%41.60) ވޯޓު ހޯއްދެވިއެވެ. ނަމަވެސް އޭރު ތިއްބެވި ސިޔާސީ ލީޑަރުންނާއެކު ނުކުމެވަޑައިގެންނެވި އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 134705 (%58.40) ވޯޓެވެ. ތަފާތަކީ %16.8 އެވެ. 

މިހާހިސާބުން އޮތް ސުވާލަކީ އެ %58 ވޯޓަކީ ހަގީގަތުގައި ވެސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި ވޯޓުތޯ ކުރަންޖެހޭ ސުވާލެވެ. ނުވަތަ އެ ހުރިހާ ވޯޓަކީ ކޯލިޝަނަށް ލިބުނު ވޯޓުތޯ ކުރަންޖެހޭ ސުވާލެވެ. ޖަވާބު ވަރަށް ވެސް ސާފެވެ.

ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ ހަމަ ބުއްދިން ވިސްނައިފިނަމަ, ރައީސް ޔާމީންގެ ދައުރުގައި ތަރައްގީ ކުރިއަށް ދިޔައީ ފަތުއަޑުކިޔާފައިކަން ގަބޫލުކުރެވޭނެއެވެ. އެކަން ގަބޫލުކުރެވުނު ނަމަވެސް އިމްރާނާއި ހާމާނާއި މަލްއޫނާއި މައުމޫނާއި ދެން ވެސް ތިއްބެވި މޫނުތައް ނުކުމެވަޑައިގެން ވަގެއްގެ ލޭބަލު ޔާމީންގެ އިސްތަށިފުޅުގައި އެޅުވީއެވެ. އަނެއްކޮޅުގައި ހުންނެވީ ރަސޫލާ (ޞޢވ) ދުއާ ދެއްވާފައިވާފަދަ ވެރިއެެއް ކަމަށް ރައްޔިތުންނަށް ސިފަކޮށްދެއްވީއެވެ.

ޕާޓްނަރުން ދެއްކެވި ދަޅަތަކަށް ގިނަ ރައްޔިތުން ހެއްލުނީއެވެ. އެ ގޮތުން ބަދަލެއް ގެންނަންޖެހޭ ކަމަށް ރައްޔިތުންނަށް ފެނުނީއެވެ. ޔާމީން ނޫން ގޮތެއް ބޭނުންވީއެވެ. ޔާމީން ނޫން ގޮތެއް ބެލިއިރު އިތުރު ގޮތެއް ވެސް ނެތެވެ. އޭރު ހުންނެވީ އެންމެ ކެންޑިޑޭޓެއްކަމުން ތިލަފަތަށް ވޯޓު ދޭން މަޖުބޫރުވީއެވެ.

މި ހުރިހާ ކަމަކަށް ވިސްނާއިރު ހަގީގަތުގައި ރައްޔިތުން ވޯޓު ދިނީ ޞާލިޙަކަށް, ކޯލިޝަނަކަށް ނޫނެވެ. 

ދަންބެރަށް ވުރެ ތަގުޑި ވެސް ދިގުވެއްޖެ ދެއްތޯއެވެ. އަސްލު މައުޟޫއުއަށް ޖެހިލަމާ ހިންގަވާށެވެ. 

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކޮށްޓަވައިދެއްވި މަގުން ހިންގަވައިގެން ވެރިކަމަށް ވަޑައިގަތްތާ މާގިނަ ދުވަސްތަކެއްނުވެ ފެނިގެންދިޔައީ ޕާޓީތެރޭގައި ތިބި ސިޔާސީ ގޮތުން “ޅަ ކުދިންގެ“ ބަހަށް ހެއްލިވަޑައިގެން ނަޝީދަށް ވެސް ހަރާންކޯރުވެވަޑައިގަތް މަންޒަރެވެ. ޕާޓީގެ މެނިފެސްޓޯ “ބޮލާލައި“ ޖެއްސެވި ތަނެވެ. މުޅި ޕާޓީގައި ތިބި “ހަރުކުލައިގެ މީހުން“ ބޭރުކުރައްވައި ޕާޓީ ދެބައިކޮށްލައްވައި “ފުނޑައިލި“ މަންޒަރެވެ. 

މިފަދަ ވާހަކައެއް ދެކެވޭތީ ހަނދާނަން އަންނަނީ ނައިފަރު ދޮހޮއްކޮގެ ލަވައެއްގެ ތަންކޮޅެކެވެ. 

“ރަނގަޅު ގެރިބަކަރި ވެސް ދަނެޔޭ, އެއަށް ކާންދީ އުޅޭ މީހުން“ 

ގެރިބަކަރިއަށް އެކަން އެނގުނަސް އެކަމެއް އެނގިވަޑައިނުގަތްތާއެވެ. ތެދެކެވެ. “ގުއި ނުދެކޭ ކާޅަށް ގުއި ފެނުމުން“ ވަނީ ވެސް އެކަހަލަ ގޮތެކެވެ.

މިދިޔަ އަހަރުއްސުރެ ދައްކަވަނީ ކޯލިޝަނެއްގެ ތެރެއިން ދެވަނަ ދައުރަކަށް ވަޑައިގަންނަވާ ވާހަކަފުޅެވެ. ކޯލިޝަނާއެކު އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމުގެ ވާހަކަފުޅެވެ. ވިދާޅުވަމުން ގެންދެވީ ޕާޓީތައް ތިމަންމަނިކުފާނާ އެކުގައި ތިއްބަވާނެ ކަމުގައެވެ.

މިހާ ހިސާބުން ކޯލިޝަން ހައްދަވަން ބޭނުންވެވަޑައިގަތް މަގުސަދު ދަންނަވައިލިޔަ ދެއްވާށެވެ. ތިމަންމަނިކުފާނާ ވާދަކުރައްވާނެ ކެންޑިޑޭޓުން މަދުކުރުމެވެ. އެހެނީ ކޯލިޝަން ޕާޓްނަރުން ތިމަންމަނިކުފާނުގެ މޯހިރުގައި ތިއްބަވާފައި އަދި އިންތިޚާބުގައި ތިމަންމަނިކުފާނަށް އެންމެ ބޮޑު ގޮންޖެހުމަކަށްވާނެ ކެންޑިޑޭޓް ޖަލުގައި ހުންނެވުމަކީ ވަރަށް ވެސް ބޮޑުތަން ފަސޭހަވެގެންދާނެ ކަމެކެވެ.

ޔާމީން ޖަލުގައި ހުންނެވިއިރު, ޕީޕީއެމްއަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ލަޔާގަތާއި ގާބިިލިއްޔަތު ހުރި އެހެން ކެންޑިޑޭޓަކު ނުނެރެވޭނެކަމީ މެންދުރުގެ އިރު ފަދައިން ތިމަން މަނިކުފާނަށް ޔަގީންވެވަޑައިގަންނަވާ ކަމެކެވެ. 

ދެން ތިއްބެވީ ކާނަލް މުޙައްމަދު ނާޒިމާއި އުމަރު ނަޞީރުފަދަ މިލިޓަރީ ބޭބޭފުޅުންނެވެ. ހަމަގައިމުވެސް ޕީޕީއެމްއަކީ އެ ބޭފުޅުންގެ ފަހަތަށް އަރާނެ ޕާޓީއެއް ނޫންތާއެވެ.

މި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ހިސާބެއް ޖައްސަވާއިރު, ކުޅިފަސް ހޯއްދަވާކަށް ތިމަންމަނިކުފާނަށް ދައްޗެއް ނުވާނެއެވެ.

އެ ގޮތުން ޕާޓްނަރުންނަށް ދައުވަތު ވެސް ދެއްވައިފިއެވެ. ޕާޓީއެއްގެ ސިފަ ނުޖެހޭ ކުޑަކުޑަ އަދާލަތުން ފިޔަވައި މިވީހާ ތަނަށް އާނބަހެއް ބުނެފައެއް ނުވެއެވެ. މައުމޫން ޢަބްދުލްޤައްޔޫމް އިޖާބައެއް ނުދެއްވިއެވެ. ހަމަހިލާ އިޖާބައެއް ނުވެސް ދެއްވާނެއެވެ. އަމުދުން އަރިހުގައި ހުންނަވާކަށް މަހުޖަނު ވެސް ބޭނުންވެވަޑައެއް ނުގަތެވެ. 

މިނުއްވާނީ މިނުއްވި ނާޅިއަކުންނޭ ވިދާޅުވެ, ހަ ކުޅި ކުރިޔަށް ކުޅުއްވައި, ބޮނދު ބުޑަށް ސައި ކިޔުއްވާފައި ރައީސް މުޙައްމަދު ނަޝީދު ވެސް “ބޯޖެހިތާ ނަގޫ ޖަހާފައި“ ވަޑައިގެން މަހުޖަނުގެ މޯހިރަށް އަރުއްވައިފިއެވެ. ދެން އޮތީ ހައެއްކަ މަސް ދުވަހޭ ހައްދަވާނެ އެއްޗެއް ހައްދަވާށޭ, “ރޯހަމެއް ނުފެޅޭނޭ“ ކިޔާފައި އެމްޑީޕީގެ އެއްބައި ވެސް ފިލާ ރައްކާވެއްޖެއެވެ.

އަރިހުގައި ތިއްބެވީ މަގާމު ދިފާއުކުރަން ތިބި ހައެއްކަ “ސޮހޮލުން“ ނެވެ.

ކަތިވަޅި ގެއްލި ކޮށި ދަނޑު ގެއްލި މަރިޔަނބު ވެސް ގެއްލުނީއެވެ.

Loading

4 Responses

    1. ލިއުންތެރިޔާގެ ބުރާންތިކަމާއެ ހަމަގައި އަޅުގަނޑު ޔާމީނައް ވޯޓްނުދިނީ އިންސާފެއްނެތަތީ އަނިޔާވެރިކަންއިސްކުރާތީ ވަކަންވެސްކުރީމަ މައުމޫނުގެ ދިގުތިރިސް އަހަރު މިނިސްޓަރުކަމާ މެންބަރުކަމާ ކުންފުނިތަކު ޗެއާމަންކަމާ ކުރެއްވިއިރު ތަރައްޤީގެ ގޮތުންކަމެއް ނުކުރވުނު ރާއްޖޭގެ އާމުދަނީ 7ބިލިއަނައްވުރެން އިތުރެއްނުވި ކޮބާތޯ އަދީބަށް ސަނާކިޔާ ހެދި ލަވަތަކާއި ޅެންތައް މިދައުރުގާ އަދީބުގެހިއްސާ ނުވާ ޔަރައްޤީގެ އެއްވެސްކަމެއް ނުހިގައޭކިއަގެން ކޮބާ ކާނަލުނާޒިމައްހެދިގޮތް ފަޑިޔާރުގެއަކީ ޖަލުގެކުޑަގޮޅިކަމަށް ހަދައި އަދީބައްހުކުންކުރިގޮތް ސިޔާސީގޮތުން މީހުން ނައްތާލަން ކުރިމަސައްކަތް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް