1979 ގައި އީރާނުގައި މިހާރުގެ އިންގިލާބީ ސަރުކާރު އުފެދުމުގެ މާކުރިން 1950 ގައި އޭރުގެ އީރާނުގެ ޝަހެންޝާހު މުޙައްމަދު ރިޒާ ޕަހެލަވީގެ ޒަމާނުގައި އެމެރިކާއާއި އެކު ރަޙްމަތްތެރިކަމުގެ މުޢާހަދާއެއްގައި އީރާނާއި އެމެރިކާއިން ސޮއިކުރިއެވެ.ނަމަވެސް އިސްލާމިކް އިންގިލާބީ ސަރުކާރު އައުމާއިއެކު އެމެރިކާއާއި އީރާނުގެ ރަޙުމަތްތެރިކަމުގެ ގުޅުންތައް ވީދެން ފަށީއެއެވެ.
އެންމެ ފަހުން 2018 ވަނައަހަރު އެމެރިކާއިން އެ މުޢާހަދާއިން އެކަހެރިވިކަން ޢިއުލާންކުރިއެވެ.
އީރާނުގެ ކުންފުނިތަކުގެ މިލްކިއްތުތައް 1950 ގެ ރަޙުމަތްތެރިކަމުގެ މުޢާހަދާއާއި ޚިލާފަށް އެމެރިކާގެ ކޯޓުތަކުން ހިފޭއްޓި މައްސަލަ ފުރަތަމަ ފަހަރު ދުނިޔޭގެ ކޯޓަށް އީރާނުން ހުށައެޅީ 2016 ވަނައަހަރުގައެވެ.
އެމެރިކާގެ ކޯޓުތަކުން ޙުކުމް ކޮށްފައިވަނީ ހިފޭއްޓިފައިވާ އީރާނުގެ ފައިސާ އާއި މިލްކިއްޔާތު ތަކުން ލިބޭ ފައިސާ ޓެރަރިސްޓް ޙަމަލާތަކުގައި މަރުވެފައިވާ އެމެރިކާމީހުންގެ ޢާއިލާތަކަށް ބަދަލު ދިނުމަށް ބޭނުން ކުރުމަށެވެ. އެހެންނަމަވެސް އީރާނުން އޭރުވެސް ބުނަމުން ގެންދިޔައީ ދުނިޔޭގައި ހިނގަމުންދާ ޓެރަރިޒަމްގެ ޙަރަކާތްތަކާއި އިރާނާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
ދަ ހޭގުން މާރޗް 30 ވަނަދުވަހު ރޮއިޓާސް އިން ޚަބަރު ދީފައިވާ ގޮތުގައި ބުރާސްފަތިދުވަހު ދުނިޔޭގެ ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އީރާނުގެ ކުންފުނިތަކުގެ ފައިސާއާއި މިލްކިއްޔާތުތައް ހިފޭއްޓުމަށާއި ޓެރަރިޒަމް ޙަމަލާތަކުގައި މަރުވެދިޔަ އެމެރިކާމީހުންގެ ޢާއިލާތަކަށް ބަދަލު ދިނުމަށް އެ ފައިސާ އާއި މިލްކިއްޔާތުތައް ބޭނުން ކުރަން އެމެރިކާގެ ކޯޓުތަކުން ކޮށްފައިވާ ޙުކުމަކީ ގާނޫނާ ޚިލާފް ޙުކުމެއްކަމަށާއި އަދި އެ ފައިސާއާއި މިލްކިއްޔާތުތައް ހިފޭއްޓުމުގެ ސަބަބުން އީރާނަށް ލިބުނު ގެއްލުމަށް އެމެރިކާއިން ބަދަލު ދޭން ޖެހޭނެކަމަށެވެ.
އެހެންނަމަވެސް ބަދަލު ދޭންޖެހޭ އަދަދު ކަނޑައެޅުމުގެ ބަދަލުގައި ކުރިއަތް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެ ގައުމުން ވާހަކަ ދައްކައިގެން އެ ޢަދަދާމެދު ގޮތެއް ނިންމުމަށް ޙުކުމްގައި އަމުރުކޮށްފައިވެއެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެކަން ހަމަނުޖައްސައިފިނަމަ ބަދަލު ހޯދާދިނުމަށް ދުނިޔޭގެ ކޯޓުން ދެވަނަފަހަރަށް އެ މައްސަލައިގެ ތެރެއަށް ވަންނާނެ ކަމަށްވެސް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

ދުނިޔޭގެ ކޯޓުގައި އެމެރިކާއިން ވަކާލާތުކުރަމުން ބުނެފައިވަނީ މިހާރު އެމެރިކާއަކީ އެބުނާ ޓްރީޓީ އޮފް އެމިޓީގެ ބައިވެރިއެއް ނޫންކަމަށާއި އެހެންކަމުން އެ މުޢާހަދާއަށް އަމަލުކުރުން އެމެރިކާއަށް ލާޒިމް ނުކުރެވޭނެ ކަމަށެވެ. މި ޒުވާބަށް ރައްދު ދެއްވައި ޝަރީއަތު މަޖިލީހުން ފަނޑިޔާރުން ވިދާޅުވެފައިވަނީ އެމެރިކާއިން އެ މުޢާހަދާއިން ވަކިވެފައިވަނީ އީރާނުގެ ފައިސާއާއި ވިޔަފާރި ކުންފުނިތަކުގެ މިލްކިއްޔާތުތައް ހިފޭއްޓި ފަހުން ކަމަށާއި އަދި އެމުޢާހަދާ އެމެރިކާ ސަރުކާރުގެ މައްޗަށް ހިނގާނެކަމަށެވެ.
ދުނިޔޭގެ ކޯޓުގެ ޙުކުމްގައި ދެންފާހަގަ ކޮށްފައިވަނީ އީރާނުގެ މަރުކަޒީ ބޭންކުގެ 1.75 ބިލިއަން އެމެރިކާޑޮލަރު ހިފާއްޓާފައިވާ މައްސަލައަކީ ވިޔަފާރި ކުންފުންޏަކާއިގުޅުން ހުރި މައްސަލައަކަށް ނުވާތީ އެ މައްސަލަބެލުމުގެ ގާނޫނީ ޙައިސިއްޔަތު އެކޯޓަށް ލިބިގެން ނުވާކަމަށެވެ. އަދި އެއީ ރަޙުމަތްތެރިކަމުގެ މުޢާހަދާގައިވެސް ބުނެފައިނުވާ ބާވަތުގެ މައްސަލައެއް ކަމަށެވެ.
ދުނިޔޭގެ ކޯޓުން ކުރާ ޙުކުމްތަކަކީ އެއަށް ޢަމަލުކުރަންޖެހޭ ޙުކުމްތަކެއް ނަމަވެސް އެޙުކުމް ތަންފީޒުކުރުމުގެ ބާރެއް އެކޯޓަށް ލިބިގެނެއް ނުވެއެވެ. މާޒީވެ ދިޔަ ތަނުގައި ދުނިޔޭގެ ކޯޓުގެ ޙުކުމްތަކަށް އެންމެ ގިނައިން ގޮންޖަހާފައިވާ މަދުގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލް ހިމެނެއެވެ.
One Response
އެމެރިކާ މީހުން ބޭނުންގޮތެއް ވާންވާނީ. އެއީ ޑިމޮކްރެސީއަކީ