އަންނަ ރިިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީއާ ގުޅިގެން ކުރިއަށް ދިއުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުން ނިންމައިފިއެވެ.
ރައީސް ނަޝީދުގެ މަންދޫބުން ރޭ ވަނީ ޖުމްހޫރީ ޕާޓީއާއެކު އެ ޕާޓީގެ މައި އިދާރާކަމަށްވާ މާފަންނު ކުނޫޒުގައި ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި “ފިކުރެއްގެ ދިރުން“ ފެކްޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރުއެވެ.
ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޯލިޝަންގެ މަޝްވަރާތަކަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އުފައްދަވާފައިވާ ކޮމެޓީގެ މެންބަރުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމާއި ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޟް ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންއެވެ.
ބައްދަލުވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޙަސަން ލަޠީފް ވަނީ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވައިފައެވެ.
ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެފަރާތުން މަޝްވަރާ ކުރެއްވީ ރައްޔިތުންގެ މަގުސަދުތައް ހާސިލުކޮށްދެވޭނެ ސިޔާސަތުތައް ކަނޑައެޅުމާ ބެހޭ ގޮތުން ކަމަށް ޙަސަން ވިދާޅުވިއެވެ.
“މިރޭ މި ކުރެވުނު މަޝްވަރާގައި އަޅުގަނޑުމެންނަށް ނިންމުނު އެއްކަމަކީ އެކުގައި މަސައްކަތް ކުރާއިރު, މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރަން ފެށުން.“ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވިދާޅުވިއެވެ.
ޖޭޕީއާއެކު ބޭއްވި ބައްދަލުވުމަށް ނަޝީދުގެ މަންދޫބުން ވަޑައިގެންނެވީ އެމްޑީޕީގެ ފަރާތުން ފަށާ މަޝްވަރާތަކެއް ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލުގެ ޖަވާބުގައި ޙަަސަން ވިދާޅުވީ އެމްޑީޕީގެ ރައީސަކީ ނަޝީދު ކަމަށާއި ބައްދަލުވުމަށް ވަޑައިގަތީ އެމަނިކުފާނު އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. އަދި އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރެއްވުމުގެ ބާރު ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސަށް ލިބިގެންވާ ކަމުގައި ޙަސަން ވިދާޅުވިއެވެ.
މީގެއިތުރުން ޙަސަން ވިދާޅުވީ ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވަނީ އެމްޑީޕީއަށާއި ޕާޓީގެ މެންބަރުންނަށް އެންމެ ފައިދާހުރި ގޮތެއް ހޯއްދެވުމަށް ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ރައީސް ނަޝީދުގެ މަންދޫބުންނާއެކު އިތުރު ބައްދަލުންތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
ފިކުރެއްގެ ދިރުމުގެ ވާހަކަ ދެކޮޅެއްނުޖެހޭ:
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގައި ވަނީ, ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި ވޯޓު ހޯދައި ދިނުމަށް މަސައްކަތް ކުރުމަކީ ޕާޓީގެ ކޮންމެ މެންބަރެއްގެ ވެސް މަސްއޫލިއްޔަތެއް ކަމަށެވެ. އަސާސީ ގަވާއިދަށް އަމަލުކުރުމަކީ ޕާޓީގެ މެންބަރުންގެ މައްޗަށް ލާޒިމުކަމެއް ކަމަށް 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ 63 ވަނަ މާއްދާއަށް ބަލާއިރު, އެ މާއްދާގެ (ހ) ގައި ވަނީ ކޮންގްރެސްއާއި ގައުމީ މަޖިލިސްއިން ކަނޑައަޅާ ޕާޓީގެ ސިޔާސަތުތައް ޕާޓީގެ ރައީސް ތަންފީޒުކުރަންޖެހޭނެ ކަމަށެވެ. (ނ) ގައި އޮތީ ގައުމީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ޕާޓީގެ ރައީސަށް ޕާޓީގެ ފަރާތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާ މަޝްވަރާ ހިންގިދާނެ ކަމަށެވެ.
އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރެއްވުމުގެ ބާރު ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސަށް ލިބިގެންވާ ކަމުގައި ޙަސަން ވިދާޅުވި ނަމަވެސް އެއީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. އަސާސީ ގަވާއިދުގެ (ނ) ގައި އޮތީ “ގައުމީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން“ ކަމުގައެވެ.
މިދިޔަ ފެބްރުއަރީ 15 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން އިގުރާރުވެފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީއަކާ ނުވަތަ ސިޔާސީ ލީޑަރަކާއި ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު އިއްތިހާދުވާން ފެނިއްޖެނަމަ އެ ފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވައިލުމަށާއި އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދިނުމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން އެ ގޮތަށް ފާސްކުރީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި 85 މެންބަރުންގެ ތެރެއިން 81 މެންބަރުންގެ ވޯޓާއެކުއެވެ.
ރާގު ބަދަލުވެއްޖެ:
ފިކުރެއްގެ ދިރުމުން ޖޭޕީއާ ގުޅެން ނިންމާފައިވާއިރު, އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެ ޕާޓީން އެހެން ޕާޓީތަކާ ކޯލިޝަން ހެދުމުން ސަރުކާރު ހިންގުން ގަޑުބަޑުވެއްޖެ ކަމަށެވެ. އަދި ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދި ޕާޓީއަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބަކީ އެއީކަމަށް ވެސް ނަޝީދުގެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ޞާލިޙް ކޯލިޝަން ހައްދަވާތީ ފާޑުވިދާޅުވާ ނަޝީދަށް ޤާސިމާއެކު ރާއްޖެއަށް ނުވަތަ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތް ހޯއްދަވައިދެއްވެވިދާނެތޯ މިއީ މިއަދު ކުރަންޖެހޭ ސުވާލެކެވެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ މާކުރިން ވެސް މި ސުވާލަށް ޖަވާބު ދެއްވައިފައެވެ.
އެ ގޮތުން 2019 ވަނަ އަހަރު ޤާސިމް މަޖިލިސް ކެމްޕޭން ފެށްޓެވުމާއެކު ނަޝީދު ވިދާޅުވެފައިވަނީ އެޖެންޑާ 19 ގެ ބޭނުމަކީ މަހުޖަނަކަށް ގައުމު ދިނުމެއް ނޫން ކަމަށާއި ރާއްޖެއަކީ ދިވެހިންގެ ރާއްޖެއެއް ކަމަށެވެ.
“ހައްދުންމަތީގައި އެންމެ މީހެއްގެ އަތް މައްޗަށް އަރާފައިވާ ރަށުގެ އަދަދު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަރިއަތޮޅަކަށް އެހެން އަތޮޅަކަށް ބަލާނެ ކަމެއްނެތް. މުޅި ރާއްޖޭގެ ތިރީސް, ސާޅީސް ރަށް އަމިއްލަ މިލްކިއްޔާތަށް ގެނުވާފައި, ތިމަންނާ ހެދި ޝިއާރުގައި މި ބުނަނީ ދިވެހި ބިން ތިމަންނާއަށޭ.“ މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ޝިއާރެއްގެ ގޮތުގައި ކަނޑައެޅި “ދިވެހި ބިން ދިވެހިންނަށް“ މި ޝިއާރާ ގުޅިގެން ނަޝީދު ވިދާޅުވެފައިވެއެވެ.
ސަންގު ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޞާލިޙްގެ ސަރުކާރަށް ފާޑުވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކައެއްގައި ވިދާޅުވެފައިވަނީ, ޤާސިމަށް ޖިޒީދީގެން ހިންގާ ވެރިކަމެއް ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ.
“ސަރުކާރުގެ މެޖޯރިޓީ އޮތީ ކަންނަންނޫރު އަލީ ރާޖާގެ. ކަންނަންނޫރު އަލީ ރާޖާގެ އިސްކޮށް ހުރީ ޤާސިމް އިބްރާހިމް, މިވަގުތު އޭނާއަށް ޖިޒީ ދޭންޖެހޭ. އޭނާއަށް އެއާޕޯޓުތަކާއި ރަށްތައް ދޭންޖެހޭ. ރައްޔިތުން ކޭތޯ ބަލާކަށް ނުޖެހޭ. އެގޮތަށް ޖިޒީދީގެން ހިންގާ ވެރިކަމެއް ރައްޔިތުން ބަލައެއް ނުގަންނާނެ.“ ނަޝީދުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޮންޑޭ ކުރިން ވިދާޅުވެފައިވެއެވެ.
ނަމަވެސް ނަޝީދަށް މިހާރު ޤާސިމް ވަރެއް ނެތެވެ. ދައްކަވަމުން ގެންދަވަނީ ދޮހޮއްކޮބޭގެ ލަވައެއްގައި ވިދާޅުވެފައިވާ, “މަރުވިއްޔާ ޝަރަފްގައި މަރުވާނަމޭ“ ކަހަލަ ވާހަކަފުޅުތަކެވެ. “މޮޔަވިއްޔާ އަސަރުގާ މޮޔަވާނަން“ ކަހަލަ ވާހަކަފުޅުތަކެވެ.
“އަޅުގަނޑުމެން މަގުމައްޗަށް ނެރެން ސަރުކާރުން ބޭނުންވަނީބާ. ޓިއާ ގޭސް ވެސް އަދި ކުޑަގޮޅިއާ އަނދަގޮނޑި ވެސް ވަރަށް ރަނގަޅަށް ދަންނަން. އަދިވެސް އޮވެވިދާނެ.“ ޤާސިމުގެ ދިފާއުގައި ދާދިފަހުން ނަޝީދު ވިދާޅުވެފައިވެއެވެ.
މިއީ ރަނުގެ ފުރުސަތު ކަމަށް ވިދާޅުވެ އިއްވެވި ފޮނި ބަސްތަކުގައި ޖެހިވަޑައިގެން ވަކިން ވާދަކުރަން ޤާސިމް ނިންމެވުމާއި, ޖޭޕީއާއެކު ކުރިއަށް ވަޑައިގަންނަވަން ފުރުސަތު ލިބިވަޑައިގަތުމަކީ މި ދަނޑިވަޅުގައި ނަޝީދަށް “ހުކުރު ހައްޖެއް ލިބުން“ (ކަމެއް ހީނުކުރާހައި މޮޅަށް ފަހިވުން) ފަދަ ކަމެކެވެ. މަންޒިލަށް ވާސިލުވެވަޑައިގަތުމަށް ކޮށްޓެވުނު ކުރު މަގެކެވެ. ހައްދަވާ ގޮތް ބައްލަވަން ތިބެމާ ބަހީއެވެ.
ފޮޓޯ: މިހާރު
2 Responses
އަބަދުވެސް ނަޝީދު ބޭނުންގޮތެއް ވާންޖެހޭނީ. އަރަތެއްދޯ. ހުރިހާ މުޑުދާރު ސިފައެއް މި ގައުމަށް ފާކުރުމުގެ ސަރުދާނު ތިއީ. ހަމަ އެހެންމެ ގާސިމަކީ ހިތްނުފުރެ މަހުޖަނެއް. އަބަދުވެސް ސަރުކާރު އުފައްދާ ވައްޓާލުން. ބޭނުން ވަގުތަކު ބެނުން ކަމެއް ސަރުކާރު މެދުވެރިކޮށް ނުވީމާ އެޖެހެނީ ކަންތަކާ. ދެން ފަކުރެއްގެ ދިރުމާއި ދައުލަތުން ބަދަލު ހޯދުމުގެ އައްޕަޔާއި ގުޅިގެން ސަރުކާރެއް އުފެއްދޭތޯ ބަލާށެވެ. ދީނޭ، ގައުމޭ. ރައްޔަތު މީހާ އޭ ނުކިޔާށެވެ. ކަލޭމެން ދެމީހުން ގޮވި ހަޔާތްވެސް ވަނީ އަޑުއިވި ފޫހިކަރުއްވާފައެވެ. ދެރައީ އެ ހަޔާތްތައް ގޮވާފަ އަނެއްކާވެސް ދައުލަތް ލޫޓުވަން ވެރިކަމުގެ ބާރު ހޯދަންވީމާ ދެމީހުން ލޯބިން މަރުވާތީއެވެ. ބަލަ ތިއީ ފޭކް މާސްޓަރުންނެވެ. ރައްޔަތުން ނިކަން ރަނގަޅަށް ނޯ އެކޭ ބުނާނޫއެވެ.
ލަދު ހަޔާތް ނެތުމީ ސިޔާސީ ކުޅީގެ މާސްޓަރު ސެޓްފިކެޓް ލިބުން ހެއްޔެވެ.