ޑރ.މުނައްވަރުގެ ފާޑުވިދާޅުވުން ރައީސް ޞާލިޙަށް: ތަރައްގީގެ މާނަ އެނގޭކަމާމެދު ވެސް ޝައްކު

Loading

Facebook
Twitter
WhatsApp

ދެވަނަ ދައުރެއް ދޭށޭ ވިދާޅުވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތަރައްގީގެ މާނަ އެނގިވަޑައިގަންނަވާތޯ ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ސުވާލު އުފައްދަވައިފިއެވެ.

އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޑރ.މުޙައްމަދު މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފައެވެ.

މ.ދިމްޔާތުގައި ބޭއްވި ބައްދަލުވުމުގައި ޑރ.މުނައްވަރު ވިދާޅުވީ އިވެމުންދަނީ ރައީސް ޞާލިޙް އިތުރު ދައުރެއްގައި ހުންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވާ ވާހަކަ ކަމަށެވެ. 

“ސުވާލަކީ ކުރެއްވެވުނު ވަރު މަދީތޯއޭ. ޚަރަދުކުރެވުނު ވަރު ކުޑައީތޯއޭ. ދެން އަނެއްކާ ވެސް އަޅުގަނޑުމެންގެ އަތުން [ޓެކްސް] ނަންގަވާވަރު މިންވަރު އިތުރުކުރައްވައި އިތުރު ބަޔަކަށް ބައްސަވަންވީތޯއޭ. ބައްސަވާ ނިމިއްޖޭ. އިނަފް އިޒް އިނަފް.“

ޑރ.މުނައްވަރުގެ ވާހަކަފުޅުގައި ވަނީ ސިޔާސީ އެކި ބޭނުމަށްޓަކައި މަގާމު އުފައްދަވައި މުސާރަ ދެއްވައި ރައްޔިތުންގެ ފައިސާ ބޭކާރުކުރައްވާކަން ވެސް ފާހަގަކުރައްވައިފައެވެ. އަދި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން އެއްވެސް ޚަރަދަކަށް ނުބައްލަވައި ދަތުރުފުޅުތައް ކުރައްވައި ރައްޔިތުންގެ ފައިސާ ބޭކާރު ކުރައްވަމުން ގެންދަވާކަން ވެސް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން އެބަޖެހޭ ސަރުކާރު ހިންގަވަން ތިއްބަވާ ބޭފުޅުން ޒިންމާދާރު ކުރަން. މިހާރު [ޓެކްސްގެ ގޮތުގައި] މި ދައްކަމުން އަންނަ ފައިސާއަކީ ކުރީގަ ދައްކަމުން އަންނަ ފައިސާތަކެއް ނޫން. ކުރީގަ ސީދާ ރައްޔިތުންގެ އަތުން ފައިސާ ނެގުމެއް ނެތް. [ރައްޔިތުންގެ އަތުން ނަގާ] އެ ފައިސާއަށް ޒިންމާވާންޖެހޭނެ. އެއީ ކުޅޭކުޅޭ އެއްޗެއް ނޫން. އެ ބޭފުޅުންގެ މައިންބައިފައިންގެ ތަރިކައެއް ނޫން. އެހެންވީމަ އެ ބޭފުޅުންނަށް ހިތުހުރި ގޮތަކަށް ރަށްޓެހިންނަށް މުސާރަ ދިނުމާއި އެހެން ކަންކަން ކުރުމަށް އެ ފައިސާ ބެހިގެން ނުވާނެ. ނުކުންނަން މަޖުބޫރުވަނީ އެ ގޮތަށް ކަންކަން ހިނގާތީ.“ 

މި ހުރިހާ ކަމެއްކޮށްފައި ވެސް ތަރައްގީގެ އެއްވެސް ކަމެއް ނުކުރެވޭ

ކަމަށް ވެސް ޑރ.މުނައްވަރު ވިދާޅުވިއެވެ. އަދި ތަރައްގީ އެ ލަފުޒުގެ މާނަ އެނގޭކަމާ ދޭތެރޭ ވެސް ޝައްކު އުފެދޭ ކަމަށް ޑރ.މުނައްވަރު ވިދާޅުވިއެވެ.

ރައީސްކަމާ ހަވާލުވެވަޑައިގެން ވިދާޅުވީ ޒީރޯ ޓޮލަރެންސެއްގެ ވާހަކަ ކަމަށާއި ނަމަވެސް ރައީސް ޞާލިޙަށް އެ ލަފުޒު ވިދާޅުވާން އެނގިވަޑައިގަންނަވާތޯ ވެސް ޑރ.މުނައްވަރު ވަނީ ސުވާލު ކުރައްވައިފައެވެ.

ސުވާލަކީ އެ ބަސް ކިޔަން އެނގޭ ބާވައޭ. މީ ޑިޓޮކްސްފިކޭޝަން ކަހަލަ ބަހެއް ނޫން.“ މީގެކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ޞާލިޙު “ޑިޓޮކްސްފިކޭޝަން“ މި ލަފުޒު ވިދާޅުވާން އުޅުއްވި ގޮތަށް އިޝާރަތް ކުރައްވައި ޑރ.މުނައްވަރު ވިދާޅުވިއެވެ.

ޑރ.މުނައްވަރު ވިދާޅުވީ ޒީރޯ ޓޮލަރެންސޭ ވިދާޅުވާއިރު އޭގެ މާނަ ރައީސް ޞާލިޙަށް އެނގިވަޑައިނުގަންނަވާކަން އެނގޭ ކަމަށެވެ. އަމަލުތައް ހުރީ އެނގިވަޑައިގަންނަވާ ކަހަލަ ގޮތަކަށް ނޫން ކަމަށާއި ޒީރޯ ޓޮލަރެންސްގެ ތެރެއިން ފުރަތަމަ ހިނގި ކަމަކީ އެއްބަނޑު އެއްބަފާ ކޮއްކޮއަށް އިސް މަގާމެއް ދެއްވުން ކަމަށެވެ.

މީގެއިތުރުން ޑރ.މުނައްވަރު ވަނީ ގާނޫނު ތަންފީޒުކުރެވުމުން ނުދާކަން ވެސް ފާހަގަކުރައްވައިފައެވެ.

“މި ވަގުތު އަޅުގަނޑުމެންނަށް ފެނިގެންދަނީ ވަށައިގެން ގާނޫނުގެ ބާރު ނެތެމުންދާ ތަން. ވަކި މީހަކަށް ވަކި ގޮތެއް ހަދަމުންދާ މަންޒަރު. އެއީ ދައުލަތެއްގެ ގޮތުގައި ގައުމު ދެމި އޮތުމަށް ކަން ހިނގަންވާނެ ގޮތެއް ނޫން. މި ވަގުތު ގައުމުގެ އިޖުތިމާއީ ފޭރާން އޮތީ ވާވެފައެއް ނޫން. ނެތި ހަލާކުވެގެން ގޮސްފައި. މި ދެންނެވި ކަންކަމަށް ބުރުއަރަމުންދާތީ އެއީ އަޅުގަނޑުމެން ނުކުމެ ހިންދެމިލަންޖެހޭ އެއް ސަބަބު.“ ޑރ.މުނައްވަރު ވިދާޅުވިއެވެ.

ޑރ.މުނައްވަރު ވިދާޅުވީ އޭނާއަކީ އެއްވެސް ބޭފުޅެއްގެ އޭޖެންޓެއް ނޫން ކަމަށާއި އިންތިޚާބަށް ކުރިމަތިލެއްވުމަށް ގައުމުގެ ހާލަތު “އަޅުގަނޑުމެންނަށް މަޖުބޫރުކުރީ“ ކަމަށެވެ. އަދި އެއްވެސް ބޭފުޅަކާއެކު އެއްވެސް ސިފައެއްގައި ޑީލެއް ނުހައްދަވާނެ ކަމަށާއި ޑީލު ހައްދަވާނީ ރައްޔިތުންނާއެކު ކަމަށް ވެސް ޑރ.މުނައްވަރު ވިދާޅުވިއެވެ.

ފޮޓޯ: ދައުރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް