ހޯރަފުށީގެ އާދޭސް އަޑުއައްސަވާ!

Loading

Facebook
Twitter
WhatsApp

ހއ.އަތޮޅުގައި މިވަގުތު ހުރި ދެ ރިސޯޓްގެ ތެރެއިން އެއް ރިސޯޓްކަމުގައިވާ، ޖޭއޭ މަނަފަރަކީ އަތޮޅުގެ ވަރަށް ގިނަ ޒުވާނުންތަކެއް، އެތައް އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރަމުން އައި ތަނެވެ. ޚާއްސަކޮށް މަނަފަރާއި އެންމެ ކައިރީގައި އޮންނަ ހޯރަފުށީ ދާއިރާގެ ރަށްތަކަށް ނިސްބަތްވާ ގިނަ ޒުވާނުންތަކެއް އެތަނުގައި ވަޒީފާ އަދާކުރަމުން އައި އިރު، ކޯވިޑްގެ ސަބަބުން ގިނަ ރިސޯޓްތަކެކޭ އެއްފަދައިން އެރިސޯޓުން ވެސް މުސާރަޔާއި އިނާޔަތްތައް ވަރަށް ބޮޑަށް ކުޑަކުރިއެވެ.

ނަމަވެސް ދާދި މިދާކަށް ދުވަހު ވަނީ އެއްވެސް ނޯޓިސް އެއް ދިނުމަކާއި ނުލައި 60 އަށް ވުރެން ގިނަ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އަންގައިފައެވެ. މީގެ ތެރެއިންވެސް ގިނަ އަދަދެއްގެ މީހުންނަކީ ހޯރަފުއްޓަށް ނިސްބަތްވާ މީހުންނެވެ.

ޝައްކެއްވެސް ނެތްގޮތުގައި މިއީ އެޒުވާނުންގެ އާއިލާތަކަށް، މި އުނދަގޫ ދަނޑިވަޅުގައި ދިން ވަރަށް ބޮޑު ނިކަމެތިކަމެކެވެ. އަނިޔާއެކެވެ. އެތަށް މަހެއް ވަންދެން ދިން ކުޑަ މުސާރައަށް ރުހިގެން، އެމުސާރައިން ޒުވާނުންގެ އާއިލާގެ ހަރަދުތައް ފޫބައްދާލައިގެން، ކެތްތެރިކަމާއިއެކު ތިއްބާ، އެތަށް އަހަރެއްވަންދެން މަސައްކަތްކުރި، އަމިއްލަ ރަށް ފިޔަވާ އެޒުވާނުން އެންމެ ލޯބިވާ ފަސްގަނޑުން މިއަދު މިވަނީ އެޒުވާނުން މަގުމަތި ކޮށްލައިފައެވެ.

މިކަމާއި ގުޅިގެން ހުކުރު ދުވަހު ހޯރަފުށީގައި ކުރިޔަށް ދިޔަ އެއްވުމުގައިވަނީ އެރަށުގެ ގިނަ ބަޔަކު ބައިވެރިވެފައެވެ. ރަށުގެ ރައްޔިތުން ހިފަހައްޓާލައިގެން ތިބި ބޯޑުތަކުން ވެސް އެމީހުންގެ އުދާސްތައް ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. ”ޖޭއޭ މަނަފަރަކީ ހޯރަފުށީގެ އެންމެ ގާތް އެއް މިތުރު“. ”ޖޭއޭ މަނަފަރަކީ އަހަރެމެން ވަރަށް ލޯބިވާ ރިސޯޓެއް“.

އެރަށުގެ ބައެއް މީހުން ހިފަހައްޓާލައިން ތިބި ބޯޑުތަކުގައި މިފަދަ އިބާރާތްތައް ލިޔެލާފައި ހުއްޓެވެ. މި ދަތި ހާލަތުގައި އެޒުވާނުންގެ އާއިލާތަށް ނިކަމެތިކޮށް ނުލުމަށް ތަކުރާރުގެ އިހުތިޖާޖުގެ ބައިވެރިން، ޖޭއޭ މަނަފަރުގެ މެނޭޖްމަންޓްގެ ކިބައިން އެދެމުން ގެންދިޔައެވެ.

މިނިންމުމާއި ގުޅިގެން ޖޭއޭ މަނަފަރުގެ މެނޭޖްމަންޓަށްވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ވަކި ކުރުމާއި، އަދި މުވައްޒަފުންގެ ތަޖުރިބާއާއި ޚިދުމަތަށް ނުބަލާ ހޯރަފުށީގެ ގިނަ ބަޔަކު ވަޒީފާއިން ކަނޑާލުމަކީ ޒާތީ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މިކަމާއި ގުޅިގެން ހޯރަފުށީ ދާއިރާގެ މެންބަރުވަނީ ކަނޑާލި މުވައްޒަފުންނާ ވާޗުއަލްކޮށް ބައްދަލުކޮށްފައެވެ. އަދި މުވައްޒަފުންގެ ޙައްޤުގައި ވަކާލާތުކުރުމަށް ވަކީލުންގެ ޓީމެއް ހަމަ ޖައްސާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޖޭއޭ މަނަފަރުން ކަނޑާލި މުވައްޒަފުންގެ މައްސަލަ ރަނގަޅު ގޮތަކަަށް ނިމި، އެމުވައްޒަފުންގެ ޙައްޤުތައް ލިބިގެން ދިޔުމަކީ ހޯރަފުށީގެ ގިނަ އާއިލާތަކެއްގެ އާދޭހެވެ. މިކަމަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދިނުމަކީ ވަޒީފާއިން ކަނޑާލި ހުރިހާ މުވައްޒަފުންގެ އާއިލާތަކުގެ ވެސް އުއްމީދެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް