އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާ އަނެއްކާވެސް ލޮކްޑައުން ކުރުމަށް އެޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ދެވަނަފަހަރަށް ޖަކާޓާ ލޮކްޑައުން ކުރމަށް އެޤައުމުގެ ސިއްޙީ ވުޒާރާއިން މިނިންމީ ކުއްލިއަކަށް ކޮވިޑް-19ގެ ކޭސްތަށް އެސިޓީގައި ފެތުރޭ މިންވަރު އިތުރުވެ، ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުންނެވެ. އަދި މިޙާލަތު ދިގުލައިގެން ގޮސްފިނަމަ ކަމާއިބެހޭ ފަރާތްތަކަށް ކޮންޓްރޯލް ނުކުރެވޭ ދަރަޖައަށްގޮސް މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މީހުން ގިނަވެ މަރުވާމީހުންގެ ޢަދަދު ގިނަވެދާނެތީކަމަށް އެވުޒާރާއިން ބުނެއެވެ. މިކަމާއިބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖަކާޓާގެ ގަވަރުނަރު އަނީސް ބަސްވިދާން ވިދާޅުވެފައިވަނީ ޖަކާޓާގެ ދެ އަވަށެއް ފިޔަވައި އެހެން ހުރިހާ އަވަށެއް ލޮކްޑައުން ކުރާނެ ކަމަށާއި، އަދި އެކަން ތަންފީޒް ކުރަން ފަށާނީ މިއަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.
މިލޮކްޑައުންގެ ތެރޭގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރތަކުގެ އޮފީސްތަށް ބަންދުވާނެކަމަށާއި އަދި ވިޔަފާރި ތަކާއި ރެސްޓޯރެންޓް ތަކާއި ޖިމް އަދި ސެލޫންފަދަ ޢާއްމުން އެއްވެ ޚިދްމަތް ހޯދާ ތަންތަން ބަންދުވާނެ ކަމަށް ގަވަރުނަރުވަނީ ވިދާޅުވެފައެވެ. އަދި މިލޮކްޑައުންގެ ތެރޭގައި މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުންވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ލޮކްޑައުން ކުރާ އަވަށްތަކުގެ މުނިސިޕަލް ކައުންސިލް ތަކުން ކަނޑައަޅާ ގޮތަކަށް ވަކި ވަކިން މިސްކިތްތަކުގައި ނަމާދުކުރަން ހުއްދަ ދިނުމުގެ ބާރު އަވަށް ތަކުގެ މުނިސިޕަލް ކައުންސިލް ތަކަށް ދެއްވާނެ ކަމަށް ގަވަރުނަރު އަނީސް ބަސްވިދާން ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން އެއްވެސް ބާވަތެއްގެ އެއްވުމެއް ނުބޭއްވޭނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
ދުނިޔޭގެ ނިސްބަތުން ބޮޑު އާބާދީއެއް އޮންނަ ޤައުމަކަށް އިންޑޮނޭޝިއާ ވާއިރު މިހާތަނަށް އެޤައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ދެލައްކައަށް އައްވުރެ މައްޗަށް އަރައިގެންގޮސްފައިވެއެވެ. އަދި މިހާތަނަށް އެޤައުމުން އަށްހާހަވުރެ ގިނަމީހުން ވަނީ ކޮވިޑް-19ގައި މަރުވެފައެވެ.
ކޮވިޑްގެ ކޭސްތަކަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން އިންޑޮނޭޝިއާ އޮތީ 23ވަނައިގައި ނަމަވެސް ދެކުނު އިރުމަތީ އޭޝިއާގެ ނިސްބަތުން ބަލާއިރު، ކޮވިޑް-19ގެ ކޭސްތަށް އެންމެ ގިނައީ އިންޑޮނޭޝިއާގައެވެ.
ޖަކާޓާގައި މިހާރު ކޮވިޑް ފެތުރޭވަރު ކޮންޓްރޯލް ކުރުމަށް އެސިޓީ ހަރުކަށި ފިޔަވަޅުތަކާއި އެކު ލޮކްޑައުން ކުރުމަށް އެޤައުމުގެ ސިއްޙީ ވުޒާރާއިންނާއި ކޮވިޑްގެ ކަންކަން މެނޭޖްކުރާ އިސްކޮމިޓީއިން ވަނީ ސަރުކާރަށް ލަފާއަރުވާފައެވެ. ދެހަފްތާއަށް ލޮކްޑައުން ކުރުމަށްފަހު ޙާލަތުބަލައި ލުއިދިނުމާއިމެދު ގޮތެއް ނިންމުމަށް ވެސް ވަނީ ލަފާދީފައެވެ.
ޖަކާޓާ ހަރުކަށި ފިޔަވަޅުތަކާއި އެކު ލޮކްޑައުން ނުކޮށްފިނަމަ ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ކޮވިޑްޖެހި ޙާލު ދެރަވެ ވެންޓިލޭޓަރަށް ލާންޖެހޭ މީހުންގެ ޢަދަދު ގިނަވެ ކަމާބެހޭ ފަރާތްތަކަށް ނުކަތާ ވަރުވެދާނެކަމަށް އެޤައުމުގެ ސިއްޙީ މާހިރުން ވަނީ ލަފާކޮށް އެކަމުގެ އިންޒާރު އެޤައުމުގެ ސިއްޙީ ވުޒާރާއަށް ދީފައެވެ.