ޗައިނާއިން ހުށައެޅި ސުލްޙައިގެ ޕްލޭން ހުޅަނގުން ބޮލާލާ ޖަހައިފި

Loading

Facebook
Twitter
WhatsApp


ޔޫކްރެއިންގެ ހަނގުރާމަ ހުއްޓާލައި ސުލްޙަ ގެނައުމަށް ޗައިނާއިން ހުށައެޅި ޕްލޭން ގަބޫލުނުކުރަން ޔޫރަޕިއަން ޔުނިއަނުން ނިންމި ނިންމުމުގައި އެމެރިކާއިންވެސް ސަޕޯޓްކޮށްފިއެވެ.

މީގެ އިތުރުން ޗައިނާގެ ބައެއް ކުންފުނިތަކުން އެ ހަނގުރާމައިގާ ރަޝިޔާއަށް މަދަދު ކުރާކަމުގެ ބަހަނާގައި އެކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަންވެސް ވަނީ ނިންމާފައެވެ.

ޔޫކްރެއިނާއި ރަޝިޔާގެ ހަނގުރާމައިގާ ގިނަ ގޮތްގޮތުން މިދިޔަ ހުކުރުދުވަހު އެމެރިކާއާއި ޗައިނާގެ ބަސްމަގު އޮތީ ހޫނުވެފައެވެ.ޗައިނާއިން ހުށައެޅި ސުލްޙައިގެ ތަޖްވީޒަށް ބަހުސްކުރަންބޭއްވުނު އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޚާއްސަބައްދަލުވުމުގައިވެސް ޔޫކްރެއިނަށް ކާމިޔާބުކޮށް ދޭނެކަމަށް އެމެރިކާއިން ގެންދިޔައީ ބުނަމުންނެވެ.

އެހެންނަމަވެސް ޗައިނާގެ ސަފީރު އެދިވަޑައިގަންނަވަމުން ގެންދެވީ ސުލްޙައިގެ ވާހަކަތަށް މަގުފަހިވެގެންދާނެ މާޙައުލެއް އެއްވެސް ޝަރުތަކާ ނުލައި ގާއިމްކޮށް ދެއްވުމަށެވެ. ސިޔާސީގޮތުން އެއްމޭޒަށް އައިސް ވާހަކަ ދެއްކުމުން މައްސަލަތައް ޙައްލު ކުރުމުގައި މިހާތަނަށްވެސް ވަރަށްގިނަފަހަރު ރަނގަޅު ނަތީޖާ އަކާއި ހަމަޔަށް ދެވިފައިވާކަން އދ. އަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ މިޝަންގެ ޝާޒޭދަފެއަރ ޑައި ބިންގް ތަކުރާރު ކުރައްވަމުންގެންދެވިއެވެ.

އަދި ސިޔާސީގޮތުން ދެކޮޅުވެރިފަރާތަށް އެއްމޭޒަށް ގެނައުމަކީ އުދަނގޫ ކަމެއް ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެނަސް މި ފިޔަވަޅު އަޅަން އެބަޖެހޭކަމަށް ވެސް ވިދާޅުވިއެވެ. އަދި ޗައިނާއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އަމިއްލައަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީއެއްގެ ގޮތުން މުޅި ދުނިޔޭގެ އިގްތިސާދު އިނދަޖެހި ބައެއް ގައުމުތައް ބަނޑަށް ޖެހެމުންދާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. މި މައްސަލައާއި ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން އިންޒާރު ދެއްވީ ޗައިނާ ބޭނުންވާފަދައިން މެމްބަރު ގައުމުތައް މޮޔަހެއްދުމުގެ ފުރުސަތު ނުދިނުމަށެވެ.

ސަބަބަކީ ވަގުތީގޮތުންނަމަވެސް ހަނގުރާމަ މެދުކަނޑާލައިފިނަމަ ރަޝިޔާއިން އިތުރު ހަތިޔާރު އެއްކުރުމަށް ފުރުސަތުގެ ބޭނުންކުރާނެތީކަމަށެވެ.                                     

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވާން ސީ އެން އެން ގައި ވާހަކަ ދައްކަމުން ހުކުރު ދުވަހު ޗައިނާއިން ހުށައެޅި 12 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްޙައިގެ ޕްލޭން ގަބޫލު ނުކުރާނެކަމަށް ވިދާޅުވުމަށްފަހު ހަމައެކަނި ފުރަތަމަ ނަންބަރުން ފުއްދާލިނަމަ މާރަނގަޅުވީސް ކަމަށް ބުނެމަލާމާތުގެ ރާގަކަށް ފާޑު ވިދާޅުވިއެވެ. 

އެ ޕްލޭންގެ ފުރަތަމަ ނަންބަރުގައި ބުނަނީ ކޮންމެ ގައުމަކުންވެސް އެހެން ގައުމުތަކުގެ ސަވްރަންޓީއަށް އިޙުތިރާމް ކުރަންޖެހޭނެ ކަމަށެވެ. ސުލްޙައިގެ ޕްލާންގައި ހިމެނޭ މުހިން އަނެއް ނުކުތާތަކުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމާއި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްނުކޮށް އެމެރިކާގެ އިސްނެގުމާއެކު ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އެންމެހާ ފިޔަޅުތައް ވަގުތުން އުވާލުން ހިމެނެއެވެ.            

ސުލިވާންގެ މަލާމާތްކުރުން އައިސްފައިވަނީ ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސަލާ ވޮން ޑަރ ލެޔެން އާއި ޖަރުމަނުގެ ޗަންސެލަރ އޮލާފް ސޯލްޒް ވެސް ޗައިނާގެ ސުލްހައިގެ ޕްލޭނުންވެސް ޗައިނާއޮތީ ރަޝިޔާއާއި އެކުގައިކަން ދޭހަވާކަން ހާމަކޮށްފައި ވަނިކޮށެވެ.

ޔޫރޭޝިއާ ގްރޫޕްގެ މުޙައްލިލުން ކަމުގައިވާ  ކްލޭޓަން އެލަން އާއި އަންނާ އެޝްޓަންވެސް ވިދާޅުވަނީ ޗައިނާގެ ސުލްޙައިގެ ޕްލޭން އޮތީ ރަޝިޔާގެ ކޮޅަށް މާބޮޑަށް ބަރުކޮށް ކަމަށެވެ. ސުލްޙައަށްޓަކައި ޗައިނާއިން އަޅަންބޭނުންވާ ފިޔަވަޅުތަކުން ކަނޑައެޅިގެން ހުޅަނގުގެ ސިޔާސަތަށް ފާޑުކިޔާފައި ނެތަސް ރަޝިޔާއަކީ ޗައިނާގެ ޒަމާންވީ އެކުވެރިއެއް ކަމަށާއި އެ އެކުވެރިކަން ދަމަހައްޓަން ބޭނުންވާ ކަމުގެ ކުލަވަރުތައް ފެންނަކަން ހާމަވެގެން ދާކަމަށްވެސް އެބޭފުޅުންގެ ރިސާރޗްގައި ހިމަނާފައިވެއެވެ.

ޗައިނާގެ ހުށައެޅުމަކީ ރައީސް ބައިޑަން ދެކިވަޑައިގަންނަވާގޮތުގައި ޗައިނާގެ ޙީލަތްތެރި ވިސްނުމެއްތޯ ކުރި ސުވާލުގެ ޖަވާބުގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާރބީ ހަމައެކަނި އިޝާރަތް ކުރެއްވީ ސުލިވާން ވިދާޅުވި ފުރަތަމަ ޖުމްލަ  “ ކޮންމެ ގައުމަކުންވެސް އެހެން ގައުމުތަކުގެ ސަވްރަންޓީއަށް އިޙުތިރާމް ކުރަންޖެހޭނެ ކަމަށެވެ ”. އިތުރަށް ވާހަކަ ދައްކާކަށް ބޭނުންފުޅެއް ނުވިއެވެ.                      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް