ސިޔާމްގެ އެމްޑީއޭގެ ތާއީދު ރައީސް ޞާލިޙަށް

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް, ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަން އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ. 

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ނިންމެވުން އަނބުރާ ގެންދެވިކަން ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. އެ ޕާޓީން އެ ދުވަހު ނިންމީ އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށެވެ.

އެއާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީކަމަށްވާ އެމްޑީޕީއާއި ޕީޕީއެމްއިން އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް އެ ޕާޓީއަށް ދައުވަތު ދިނެވެ. އެ ގޮތުން އެމްޑީއޭއިން އެ ދެ ޕާޓީއާއެކު ވެސް މަޝްވަރާކުރިއެވެ.

އެ ދެ ޕާޓީއަާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހު އެމްޑީއޭއިން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ރައީސް ޞާލިޙަށް ތާއީދުކުރަން ފެނިވަޑައިގަންނަވާކަމަށް ހުށަހެޅުއްވީ ސިޔާމެވެ.

ސިޔާމްގެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ 36 މެންބަރުންގެ ވޯޓާއެކުއެވެ.

އެމްޑީއޭއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާ ކޯލިޝަން ހެދި ނަމަވެސް 2018 ގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ހަދާފައެއް ނުވެއެވެ.

ޤާސިމާއި މައުމޫނު ހައްދަވާނީ ކިިިހިނެއް:

ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ތާއީދު ކުރުމަށް އެދިވަޑައިގެން އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީއަށާއި އެމްއާރްއެމްއަށް އަދާލަތު ޕާޓީއަށް ވެސް ރައީސް ޞާލިޙް ވަނީ ދައުވަތު ފޮނުއްވިއެވެ. އެމްޑީއޭގެ އިތުރުން ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމީ ޝައިޚު އިމްރާނުގެ އަދާލަތުން އެކަންޏެވެ.

ނަމަވެސް ޖޭޕީއާއި އެމްއާރްއެމްއިން އަދި ވަކި ގޮތެއް ނުނިންމައެވެ. 

ޤާސިމް އިބްރާހިމްގެ ޖޭޕީން ރިޔާސީ އިންތިޚާބާމެދު ގޮތް ނިންމާނީ މިއަދާއި މާދަމާ ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސަށް ފަހުއެވެ.

ޖޭޕީގެ ކޮންފަރެންސްގައި ޤާސިމް ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރާއިރު އެ މަނިކުފާނުގެ ވިސްނުންފުޅު ހުރީ ރައީސް ޞާލިޙްގެ ދައުވަތު ގަބޫލުކުރައްވާ ގޮތަށް ކަމަކަށް ނުބެލެވެއެވެ. އެހެނީ ޤާސިމް ވިދާޅުވީ ކޯލިޝަން ހަދަންވުމުން ކޮންމެ ބަޔަކަށް ވެސް ޖޭޕީ ވަރެއް ނޯންނަ ކަމަށާއި ނަމަވެސް އާޚިރުގައި ޖޭޕީއިން ދޭ އެހީތެރިކަމެއް ވެސް އޮންނަ ކަމަކަށް ނުވާ ކަމަށެވެ. 

“ކަންކަން ދާނީ ގިނަ ފަހަރަށް, ހަމަ ދިވެހިބަހުގައި ބުނެ އުޅޭ މިސާލެއް އަޅުގަނޑު ދަންނަވައިލާނަން. ކަނދި ކަމަނާގެ މަސް ތެލުލުމަށޭ, އާދެ މަސްކޮޅު މީރިއްޔާ އެއީ ކަނދި ކަމަނާގެ މޮޅުކަން. ރަހަ ގޯސްވެއްޖެއްޔާ އެއީ ކޮންމެވެސް އެހެން މީހެއްގެ މައްސަލައެއްް.“

ޤާސިމް ވިދާޅުވީ އެއީ ޖޭޕީއަށް އާ ތަޖުރިބާއެއް ނޫން ކަމަށާއި ޖޭޕީއިން ދާނީ އެ ތަޖުރިބާތަކުން އިބުރަތް ހާސިލު ކުރަމުން ކަމަށެވެ.

އެހެންކަމުން ބޮޑަށް ބެލެވެނީ ރައީސް ޞާލިޙަށް ނޫނެކޭ ބުނެ ޤާސިމް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. އަދި ޤާސިމް މިއަދު ދެއްކެވި ވާހަކަތަކުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއެކު މަސައްކަތް ކުރައްވައިފާނެ ކަމަށް ބެލެވެއެވެ. ނަޝީދު ވެސް ވިދާޅުވަނީ މިއީ ޤާސިމަށް ރަނުގެ ފުރުސަތެއް ކަމަށެވެ.

ރައީސް ޞާލިޙްގެ ދައުވަތާ ގުޅިގެން އެމްއާރްއެމްއިން ބުނީ އެކަމާ މަޝްވަރާ ކުރައްވަން ޕާޓީގެ ޒައީމް, ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ބޭނުންފުޅުވާ ކަމަށާއި, ނަމަވެސް ރައީސް މައުމޫން މި ވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައިކަމަށްވާތީ, އެމަނިކުފާނު ރާއްޖެ ވަޑއިގަތުމުން ބައްދަލުވުން ބާއްވާނެ ތާރީޚެއް ރައީސް ޞާލިޙާ ހިއްސާކުރާނެ ކަމަށެވެ.

“ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެމްއާރްއެމްގެ ސަޕޯޓަރުން އަންނަނީ, ފާރިޝް ރައީސް ކަމަށް ވާދަކުރެއްވުމަށް އެދެމުންނެވެ. ނަމަވެސް އެކަމާމެދު ފާރިޝް ވަކި ގޮތެއްް އަދި ނުނިންމަވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ޞާލިޙްގެ އިތުރުން ނަން ހިނގާ އެހެން ބައެއް ޕާޓީތަކުން ވެސް އެމްއާރްއެމްއާ ކޯލިޝަން ހަދަން މަޝްވަރާތައް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ވަގުތު ރާއްޖޭގެ މަސްރަހު އޮތް ގޮތަށް ބަލާއިރު ފާރިޝް ރައީސް ކަމަށް ވާދަކުރެއްވި ނަމަވެސް ދާނީ ފަނުފުލުންނެވެ. އެކަން ފާރިޝަށް ވެސް ގަބޫލު ކުރެއްވޭނެއެވެ. އެހެންކަމުން މިހާރު އޮތް ވަރަށް އެމްއާރްއެމް ބާއްވަން ބޭނުންނަމަ ބަޔަކާ ކޯލިޝަން ހެދުން ނޫން ގޮތެއް އޮންނާނެ ކަމަށް ނުބެލެވެއެވެ.

ފޮޓޯ: ދައުރު/މުޒައްޔިން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް