ދުބާއިއިން ފެންނަ ރަޝިޔާގެ މަޝްރޫޢުތަކާހުރެ އެމެރިކާގެ ނިއްކުރީގައި ގޮށްޖެހިއްޖެ

Loading

Facebook
Twitter
WhatsApp


2009 ވަނައަހަރު ދުބާއިއަށް މެދުވެރިވި މާލީ ގޮންޖެހުންތަކަށް 14 އަހަރު ވަމުންދާއިރު މިހާރު ފެންނަމުންދާ މަންޒަރުތައް މީޑިޔާތަކުގެކެމެރާތަކަށް ފެންނަނީ ކިހެނެއް ހެއްޔެވެ؟                   

މިހާރު އެފެންނަނީ ރަޝިޔާގެ މުއްސަނދިން ދުބާއިގާ ހިންގަން ނިންމާފައިވާ މުޅިން އާ މަޝްރޫޢު ތަކެއްގެ އިޝްތިހާރު ބިލްބޯޑުތަކެއް ހިފައިގެން  ސްކޫޓަރެއްގައި އަންހެނަކު ދުއްވާފައިދާ މަންޒަރެވެ. ދެން އެ ފެންނަނީ ދުބާއިގެ ވޯޓަރ ކެނަލް ތެރޭންލާފައި ދަތުރުކުރަމުންދާއިރު މީގެ ކުރިން ހިރަފުސްތެރޭގައި ވަޅުލެވިފައިއޮތް ބިޔަ އިމާރާތްކުރުމުގެ ވިޔަފާރި ކޮޅަށްތެދުވެ ގައިން ހިރަފުސްތައް ފޮޅާލައި އަލުން ފަށައިގަންނަ މަންޒަރެވެ. އަނެއްފަރާތުގައި އެހުރީ އެ މަޝްރޫއުތައް އިސްތިހާރުކޮށްދޭ ބިލް ބޯޑުތަކެވެ. 

މުގުލުގައި ތިބީ ރަޝިޔާގެ ފައިސާވެރިންނެވެ. ދުބާއިގެ މެރިނާ އަވަށާއި ޖުމެއިރާ ކޯރުގެ ސަރަޙައްދުން ކޮޅަށް ތެދުވަމުންދާ ބިޔަ ޓަވަރުތަކަކީވެސް ރަޝިޔާގެ ބިލިއަނަރުންގެ އިންވެސްޓްމެންޓްތަކެވެ.                                 

ޕްލެނެޓް ލެބުން މީޑިޔާއަށް ފޯރުކޮށްދިން ސެޓެލައިޓް ފޮޓޯތަކުން އެފެންނަނީ ޖަބަލް ޢަލީގައި 2009 ވަނައަހަރުން ފެށިގެން އަލުން ދިރުމެއް ލިބިދާނެކަމުގެ އެއްވެސް އުންމީދެއް ނެތިފާއޮއްވާ ރަޝިޔާގެ ބިލިއަންރުން މުޅިން އާ އުންމީދުތަކެއް އެރަށަށް ގެނެސްދީފައިވާ މަންޒަރެވެ.

މިކަހަލަ އެތައް އިންވެސްޓް މެންޓްތަކަކުން ދުބާއިއަށް މިއޮތީ ރޯދަމަހާއި އީދު އެކުއެކުގައި އައިސްފައެވެ. ރަޝިޔާގެ މުއްސަނދިންގެ ފައިސާތަކަށް ރަނގަޅު ބާޒާރެއް ހޯދިއްޖެއެވެ. ނަމަވެސް އެމެރިކާގެ ޓްރެޝަރީ ޑިޕާރޓްމެންޓަށް މިއީ ވަރަށް ނުރަނގަޅު ޚަބަރެކެވެ. 

އެމިރެޓްސް އެންމެ ބައިބޯ ޝަހަރަށް ރަޝިޔާގެ މިހުންގެ ގިނަ އަދަދެއްގެ ފައިސާއާއި އިންވެސްޓް މެންޓްތައް އައުމުގެ ސަބަބުންއެމެރިކާ ނިތްކުރީގައި ހުރި ރޫތައް ގޮށްޖެހެން ފަށައިފިއެވެ. ރަޝިޔާގެ މަހުޖަނުންނަށް އެމިރެޓްސްގައި އިންވެސްޓްމެންޓްތައް ހުޅުވާލުމުގެ ކުރިން އެމިރެޓްސް އިންވެސް އެމީހުންގެ ޝުހުރަތު ހިފާއްޓަން ޖެހޭނެކަމަށްބުނެ ފާޑުކިޔަން ފަށައިފިއެވެ.

 އެމީހުންނަށް ފުރުސަތު ހުޅުވާދިނީމާ ދެން މިވާގޮތަކީ ރަޝިޔާގެ ފައިސާ ހުޅަނގުގެ ގައުމުތަކަށް ފޯރުކޮށް ދިނުމުގައި އެމިރެޓްސްއިން އެއްގަމާއި ކަނޑު ހުރަސްކޮށް ފާލަމެއް އަޅާދެވުނީއެވެ. މިހާރުވެސް ފައިސާދޮވުމުގެ ތުޙުމަތުގެ އިނގިލި އެމިރެޓްސް އާއި ދިމާލަށް ދިއްކުރެވޭ ފަހަރުތައް އެބަ ފެނެއެވެ.                                                 

މީޑިއާތަކުން ބައެއް މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވިޔަސް ދުބާއި ސަރުކާރުން އަދި ޔުނައިޓެޑް އެރެބް އެމިރެޓްސްގެ ޚާރިޖީ އޮފީހުންވެސް ޖަވާބެއް ނުދެއެވެ.

ދުބާއިގެ އިގްތިސާދު ހިރަފުހުގެ ތެރޭގައި ވަޅުލެވިފައި އޮންނަތާ ސާދައަހަރުފަހުން އަލުން ދިރުމެއްލިބި ގައިން ހިރަފުސް ފޮޅާލައި ކޮޅަށްތެދުވެ ހިންދެމިލުމަކީ ހުޅަނގުން ދެކެންބޭނުންވި މަންޒަރެއް ނޫނެވެ. އަދި މިފަހަރުގެ އިންވެސްޓްމެންޓް ތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ރަޝީޔާގެ މަހުޖަނުން ކަމުގައި ވެގެން ދިއުމަކީ އަދި މާބޮޑަށް ހިތްދަތި ކުރުވާ ކަމެކެވެ.  

މަޝްހޫރު ރިއަލް އިސްޓޭޓް ވިޔަފާރީގެ ބްރޯކަރުން ކަމުގައިވާ ބެޓަރހޯމްސްގެ ޑިރެކްޓަރ ރިޗަރޑް ވެއިންޑް ބުނާގޮތުގައިމިދުވަސްވަރު ދުނިޔޭގެ ވަރަށް ގިނަ މަހުޖަނުން ގެންދަނީ އެމީހުންގެ ފައިސާ އިންވެސްޓްކުރާނެ ރައްކާތެރި  ބާޒާރެއް ހޯދަން މަސައްކަތްކުރަމުންނެވެ. ދުބައި އަކީ އެފަދަ މީހުންނަށް ރައްކާތެރި މާރކެޓެއް ކަމުގައި ދެބަސް ނުވެވޭނެއެވެ. 

އެހެންނަމަވެސް ތަނުގެ އަހުލުވެރިންގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީ މަސައްކަތް ތެރިންނަށް ވީމާ އުފެދޭ މައްސަލަތަކެއް ނެތެކޭ ވެސް ނުބުނެވޭނެއެވެ. މިހާރުވެސް ބައެއް ނިޝާނަތައް ފާހަގަކުރެވެން ފަށައިފިއެވެ. މިސާލަކަށް ދިރިއުޅުމުގެ އަގުތަކާއި އިމާރާތްތަކުގެ ކުލި މައްޗަށް ދިއުން މިހާރުވެސް ފާހަގަ ކުރެވިއްޖެއެވެ.އަދި މަސައްކަތުމީހުންނަށް ލިބޭ އުޖޫރައިން ކިހާދުވަހަކު ފުއްދާލެވިދާނެ ބާވައެވެ.                                                 

1968 ވަނައަހަރު އިނގިރޭސީން އަތުން ބައިކޮށްލާފާ ލިބުނު ހަމައެކަނި 7 ގަބީލާގައި އޭރު ދިރިއުޅެމުން ގެންދިޔަ މުޅި ޖުމުލަ އެއްލައްކަ އައްޑިހަހާސް ރައްޔިތުންގެ އަދަދު މިހާރު 9.2 މިލިއަން ރައްޔިތުން އާބާދީއަކަށް ބަދަލުވެގެން ދިއުމަކީ އަޖައިބަކަށް ނުވެ ނުދާނެއެވެ.

ހަމަގައިމުވެސް މިއީ ތަރައްގީގެ ނަމޫނާއެއް ކަމުގައި ބަލަން ޖެހޭނެއެވެ.ތެލުގެ މުއްސަނދިކަން އަބޫދާބީގެ ސަރަޙައްދަށް ފެތުރިފާ އޮތުމުން އެހެން އެމިރޭޓްތަކުގެ ބަލަދުވެރިއެއްގެ ބައިކުޅެނީ އަބޫދާބީންނެވެ. އަބޫދާބީ އަކީ މި ހަތް އެމިރެޓްސްގެ ވެރިކަންކުރާ ރަށެވެ. 

ވިޔަފާރީގެ މައި މަރުކަޒަކީ ދުބާއިއެވެ. އެމިރޭޓްސްގެ 9.2 މިލިއަން އާބާދީގެ ތެރެއިން 3.5 މިލިއަން މީހުން ދިރިއުޅެނީ ދުބާއި ގައެވެ. އޭގެ ތެރެއިން 1.1 މިލިއަން މީހުންނަކީ ބިދޭސީ މަސައްކަތު މީހުންނެވެ.ދުބާއިގެ ރިއަލް އިސްޓޭޓް ވިޔަފާރިއަކީ އެ ޝަހަރުގެ ޑޮމެސްޓިކް ޕްރޮޑަކްޓްގެ ގާތްގަނޑަކަށް 10% އެވެ. ކޯވިޑް 19ގެ ސަބަބުން ވަރަށް ބޮޑު ވަޅުގަނޑަކަށް ވެއްޓުމަށްފަހު މި ވިޔަފާރި 2022 ގައި ކުރިއަށްވުރެންވެސް މާބޮޑުތަން ރަނގަޅުވެއްޖެއެވެ.


2022 ވަނަ އަހަރު ގާތްގަނޑަކަށް ނުވަދިހަހާސް އިމާރާތް ވިއްކާލެވިފައި ވެއެވެ. ދިވެހި ރުކެއްގެ ނަމޫނާގައި ތަރައްގީ ކޮށްފައިވާ ޕާމް ޖުމެއިރާއަކީ ރިއަލް އިސްޓޭޓް ވިޔަފާރީގައި ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާ ސަރަޙައްދެކެވެ. އާންމުގޮތެއްގައި ދުބާއިގާ އެޕާރޓްމެންޓެއްގެ އަގު އުޅެނީ -/67000 އެމެރިކާ ޑްލަރުގެ ތެރޭގައެވެ. އަދި ވިލާއެއްގެ އަގަކީ -/276000 އެމެރިކާ ޑޮލަރެވެ. ވިލާއެއްގައި ކުއްޔަށް އުޅޭނަމަ އަހަރަކު ގާތްގަނޑަކަށް -/76000 އެމެރިކާ ޑޮލަރ ކުއްޔަށް ޚަރަދުކުރަން ޖެހޭނެއެވެ.                      

ދުބާއިއަށް މިފަހަރު މި ހެޔޮ ބަދަލު ގެނުވީ ރަޝިޔާގެ މުއްސަނދިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 1986 ވަނަ އަހަރު އުފަންވި ބެޓަރހޯމްސް އިން ހާމަކުރާގޮތުގައި ދުބާއި އިން ގެ އާއި އެޕާރޓްމެންޓް ގަތުމުގައި އެންމެ ކުރީސަފުގައި އުޅެނީވެސްރަޝިޔާއެވެ. އެހެންނަމަވެސް ރަޝިޔާގެ މަހުޖަނުން މިއަދާހަމަޔަށް ގަނެފައިވާ ގެދޮރުގެ އަދަދު ހާމަކޮށްފައެއް ނެތެވެ. ޔޫކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ ރައްޔިތުންވެސް އަންނަނީ ގިނަ އަދަދަކަށް ދުބާއި އިން ގެދޮރު ގަންނަމުންނެވެ.                                     

ދުބާއި ފާހަގަކުރެވޭ އަނެއް ދާއިރާއަކީ ޝިޕިންގ އެވެ. ގަލްފް ހަނގުރާމާއާއި އިރާން އިރާގް ހަނގުރާމައާއި މިފަދަ ކޮންމެ ހަނގުރާމައެއްގައި ދުބާއި އަދި ޖަބަލް އަލީ މުހިންމު ދައުރެއް އަދާކުރިއެވެ.              

ފާއިތުވެ ދިޔަ ޖެނުއަރީމަހުގެ ތެރޭގައި އެމެރިކާގެ ޓްރެޝަރީ ޑިޕާރޓްމެންޓުގެ ވަފުދެއް އެމިރެޓްސް އަށް ޒިޔާރަތްކުރިއެވެ. ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް މީޑިޔާ އާއި ވާހަކަ ދެއްކި އެ ޑިޕާރޓްމެންޓުގެ ވަރަށް އިސްބޭފުޅަކު ވިދާޅުވީ ރަޝިޔާއިން ދުބާއިއަށް ފައިސާ އޮއްސަމުން ގެންދަނީ ކަންބޮޑުވާ މިންވަރަކަށެވެ.

މިހާރުވެސް އެ ޑިޕާރޓްމެންޓުން އެމެރިކާގެ ރިއަލް އިސްޓޭޓް ވިޔަފާރިކުރާ ފަރާތްތަކަށް ރަޝިޔާގެ ސިއްރުކުރެވިފައިވާ ފައިސާގެ ނިޒާމަށް ފަރުވާތެރިވެ ތިބުމަށް އިންޒާރު ދީފައިވާނެއެވެ. އެހެންނަމަވެސް އެމެރިކާއާއި އެމިރޭޓްސްއާއި އެކު އޮންނަ ވިޔަފާރިއާއި ދިފާއީ ގުޅުންތަކުގެ ސަބަބުން އެމިރެޓްސް އަށް އީރާނަށް އަޅާކަހަލަ ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އެމެރިކާއިން އަޅާފާނެކަމަކަށް ނުބެލެވެއެވެ.                                     

Loading

3 Responses

  1. އަހަރެމެންރާއްޖޭގައި އެޕާރޓްމެންޓެއް ގަންނަން ލިބޭ އަގުން ދުބާއީން 3 އެޕާރޓްމެންޓް އެބަ ގަނެވޭދޯ. ރަޝިޔާމީހުންވެސް މިތަަނަށް ނާންނަނީ އެހެންވެގެންކަމަށްވެދާނެ.

  2. ރަޝިޔަ ގަދަދޯ؟ ޑުބޭގެ ސިޔާސަރުން ކޯއްޗެއް މި އެނގުނީ؟ ތިމާގެ ބެނުން އެއުރެންނަށް ވަރަށް މުހިންމުކަމުގައވާނަމަ ތިމާ އަށް މިނިވަންކަމާއި އެކު ޚާރިޖީ އަދި ދާޚިލީ ސިޔާސަތު ކުރިއަށް ގެންދެވޭނެކަމެވެ. އެހެނަސް ސަލާމްޖަހައިގެން ދިރިއުލޭ ނުވަތަ އަނެކާގެ އުނގަށް ވެއްޓިގަނެގެން ހިހޫތަނުން ކައިގެން އުޅޭ ވެރީނަށް ގައުމެގެ މިނިވަންކަންވެސް ސަލާމަތެއް ނުކުރެވޭނެކަމެވެ. ކާންދޭން މީހާ ބުނާހާ ގޮތަކަށް ނަށަން ޖެހޭނެ ކަމެވެ. މީގެ ރަނގަޅު މިސާލަކީ މިއަދުގެ ދިވެހި ސަރުކާރެވެ. އިންޑިޔާއަށްގޮސް ވިކި ހުސްވެފައެވެ. މިރުޙަބާ އިމެރެޓްސް!

  3. އިންސާނީ ތަބީއަތަކީ ސަލާންޖަހާމީހުންނާ ދުރުހެލިވެގެން އުޅުން. ވަރަށް މަދުފަހަރެއްގައި ރުހިގެން އެއްޗެއް ދޭނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް