ނާޒިމުގެ ނިޔަތް ސާފުވާނީ އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ގޮވައިލުމުން: ޠާރިޤް

Loading

Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބު ގާތްވެފައިވާއިރު, އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޖަލުގައި އޮންނެވުން ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ދެއްކެވި ވާހަކައާ ގުޅިގެން އޭނާގެ ނިޔަތާމެދު މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ސުވާލު އުފައްދަވައިފިއެވެ.

އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވަނީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޖަލުގައި އޮންނެވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ މަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

“ރައީސް ޔާމީން ޖަލުގަ އޮވެގެން ނުވާނެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ވާނެ އެ ބޭފުޅާއަށް. އެއީ އަޅުގަނޑު މިއަދު ގަބޫލުކުރާ ގޮތަކީ.“ ނާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިންސާފު ލިބެންޖެހޭ ކަމަށާއި އެ މަނިކުފާނު ޖަލުގައި އޮންނަވައިގެން ބާއްވާ އެއްވެސް އިންތިޚާބެއް ފުރިހަމަނުވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކައާ ގުޅިގެން ޠާރިޤް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނާޒިމް ދެއްކެވި ވާހަކައަކީ ރައީސް ޔާމިންގެ ސަޕޯޓަރުންގެ ވޯޓްލިބޭނެ ކަމަށް ދެއްކެވި ވާހަކައެއްނަމަ ހިތާމަ ހުރި ކަމަށެވެ.

ރައީސް ޔާމިން ކުރައްވަނީ ރާއްޖެ މިނިވަންކުރުމުގެ ޖިހާދުކަން ފާހަގަކުރައްވައި ޠާރިޤް ވަނީ ނާޒިމްގެ ނިޔަތް އޮތް ގޮތެއް އެނގޭނީ އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ނާޒިމް ގޮވައިލެއްވުމުން ކަމަށް ވިދާޅުވެފައެވެ.

“ނާޒިމްއެވެ. ތިއީ ރައީސް ޔާމިންގެ ސަޕޯޓަރުންގެ ވޯޓްލިބޭނެކަމަށް ދައްކަވާ ވާހަކައެއް ނަމަ ހިތާމަހުއްޓެވެ. ރައީސް ޔާމިން ކުރައްވަނީ ރާއްޖެ މިނިވަންކުރުމުގެ ޖިހާދެކެވެ. އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ގޮވާލަބަލާށެވެ. ތިހުރި ދިމާއެއް ސާފުވާނީ އޭރުންނެވެ.“ 

ނާޒިމްގެ ނިޔަތާމެދު ޠާރިޤް ސުވާލު އުފައްދަވާފައިވާއިރު, ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މީގެކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ކަންކޮޅުތަކުގައި އިންޑިޔާ ސިފައިން ގާއިމުވެފައި ތިބުމަށް ނާޒިމް ތާއީދުކުރެއްވި ކަމަށާއި, ބޭރު ޤައުމުތަކުގެ ސިފައިން މި ފަސްގަނޑުގައި ގާއިމުވެ ތިބުމަށް ތާއީދު ކުރެއްވުމަކީ ޣައްދާރުންގެ ސިފައެއް ކަމަށެވެ. ޝުޖާއު އެހެން ވިދާޅުވީ މި ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވީ ރައީސް ޔާމިން ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

މި ސަރުކާރުގައި ރައީސް ޔާމިނަށް އިއްވެވި ފުރަތަމަ ޖަލު ޙުކުމުން މިނިވަންވެވަޑައިގަތް ފަހުން މިދިޔަ ޑިސެމްބަރާ ހިސާބަށް ވެސް އެންމެ އަޑުހަރުކޮށް އެމަނިކުފާނު ދެއްކެވި ވާހަކައަކީ އިންޑިއާ ސިފައިން މި ފަސްގަނޑުގައި ތިބޭތީ ކަންބޮޑުވެވަޑައިގަންނަވާ ވާހަކައެވެ.

ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަންނަން އެއްވެސް ބަޔަކަށް ޗާންސެއް ނުދެއްވާނެ ކަމަށާއި, އެމަނިކުފާނުގެ ސަރުކާރެއްގައި މި ފަސްގަނޑުގައި އިންޑިއާ ސިފައިންގެ ބޫޓު ކިބައެއް އޮތަކަ ނުދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

Loading

One Response

  1. ކަލޯ އަނެއްކާ އިނޑިޔާ އަށް ބޭސްފަރުވާއަށް ދަން ނިޔަތްވެސްނުގައްނާތި އަދި އާއިލާ މީހަކުވެސްނުފޮނުވާތި ތިބޭނެ ފާރަވެރިން ބަލިވީމާދާނީ އެހެން ގައުމަކަށް އެކަމަކު ކާންމިޖެހެނީ އިންޑިޔާ އިން ގެންނަ ފިޔާކޮޅު ދޯ ހާދަ ނުވިސްނޭ ދޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް