ރައީސް ޔާމީނަށް އިއްވި ޙުކުމުގެ އިސްތިއުނާފު ވަނީ ތައްޔާރު ކުރެވިފައި, ދެން މާ ލަހެއްނުވާނެ: ވަކީލު

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރުމަހު އިއްވި ޙުކުމުގެ އިސްތިއުނާފު ތައްޔާރު ކުރެވިފައިވާ ކަމަށާއި, ތައްޔާރު ކުރައްވާފައި އޮތް އިސްތިއުނާފަށް ބަލާއިރު, އެ މަނިކުފާނު މިނިވަންވެވަޑައިގަންނަވާނެކަމީ %100 ޔަޤީންކަމެއް ކަމަށް އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވާ ކަމަށް ނިންމަވައި, ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސް ޔާމީނަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް ދަށު ކޯޓުގެ ޙުކުމް ދެމި އޮތްހައި ހިނދަކު އެ މަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމުގެ ސުންގަޑިއަކީ އޮގަސްޓުމަހުގެ 03 ވަނަ ދުވަހެވެ.

އޭގެ ކުރިން ރައީސް ޔާމީންގެ މައްސަލަ ނިމުމަކީ މުސްތަހީލުކަމެއް ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ.

މިދިޔަ ޖަނަވަރީ 01 ވަނަ ދުވަހު ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ވަކީލު އާދަމް ޝަމީމް ވިދާޅުވީ މައްސަލަ އަދިވެސް ދިރާސާ ކުރަމުންދާ ކަމަށާއި ނަމަވެސް އިސްތިއުނާފަށް ހުށަހަޅާނެ ވަކި ދުވަހެއް އަދި ބުނާކަށް ނެތިން ކަމަށެވެ. އެކަމަކު ކުރިއަށް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އިސްތިއުނާފަށް ހުށަހެޅުން ލަސްވެގެން ރައީސް ޔާމީން ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ ވަކީލުންގެ ޓީމުން ހަމަޖެހިގެން ވީހާވެސް ރަނގަޅު އިސްތިއުނާފެއް ހުށަހެޅުމަށް ކަމަށެވެ.

އޭގެ ފަހުން 10 ދުވަސްވީއިރު ވެސް އެ މައްސަލަ އަދި ހައިކޯޓަށް ހުށަހަޅުއްވައިފައެއް ނުވެއެވެ. 

އެކަމާ ގުޅިގެން “ސަންދާނު“ ނޫހުން މިއަދު ސުވާލު ދެންނެވުމުން އިސް ވަކީލު ޑރ.ޖަމީލް ވިދާޅުވީ ނަމަކަށް ކަމެއް ކުރަން ބޭނުންނަމަ މައްސަލަ ނިމޭ ދުވަހު ނޫން އަނެއް ދުވަހު ވެސް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ޤާނޫނީ ޓީމުން ބޭނުންވަނީ ނަމަކަށް ކަމެއް ކުރަން ނޫން ކަމަށާއި, ބޭނުންވަނީ ފުރިހަމަ އިސްތިއުނާފެއް ހުށަހަޅުއްވަން ކަމަށެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އެއީވަރަށް ބުރަ މަސައްކަތްތަކެކެވެ. އަދި ދުރުގައި ތިބި ބަޔަކަށް އޭގެ ބުރަކަމެއް އިހުސާސެއް ނުވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

“މި ހަފުތާގަ ވެސް އަޅުގަނޑުމެން އުންމީދުކުރީ އިސްތިއުނާފު ކުރެވޭނެ ކަމަށް. ބައެއް އެއްޗެހި ކޯޓުން ނުލިބިގެން ލަސްވީ. މައްސަލައިގެ މަސައްކަތްތައް ނިމިފަ އޮތި. ދެން މައްސަލައިގެ ލިޔުންތަކުގެ ތެރެއިން ރީކޮންފޯމް ކުރަންޖެހޭ ބައެއް އެއްޗެހި ހުރީމަ ލަސްވީ. ކޯޓުތަކުން އެއްބައި އެއްޗެހި ދޭއިރު ވެސް އެކި ގޮތްގޮތަށް މިދެނީ.“ 

ޖަމީލް ވިދާޅުވީ އިސްތިއުނާފަށް ހުށަހެޅުއްވުން ދެން ލަހެއް ނުވާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް ނުދެއްވައެވެ.

އިސްތިއުނާފު ކުރުން ލަސްވާތީ ބައެއް ފަރާތްތަކުން ބުނަމުންދަނީ ޤާނޫނީ ޓީމުގައި އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ. ޖަމީލް ވަނީ އެކަމަށް ވެސް ރައްދު ދެއްވައިފައެވެ.

ޖަމީލް ވިދާޅުވީ އެއީ ކުޑަކުދިން މަގުމަތީގައި ދައްކާ ކަހަލަ ވާހަކަ ކަމަށެވެ.

“މިއަކީ އެއްކަލަ ބުނާހެން ތަނެއްގަ ގަންނަން އޮންނަ އެއްޗެއް ނޫން ދެއްތޯ ގޮސްފަ ހަމަ ނިމުނީމަ ދިޔަ ގޮތަށް ގޮސްފަ ގަނެގެން އޭތި ވައްދާކަށް. މިއީ ހަމަ ބަލާ ބެލުންތަކަކާއި ކަންތައްތަކެއް އިންވޯލްވާ ކަމެއް.“

ޖަމީލް ވިދާޅުވި ގޮތުން ޕާޓީގެ ލީޑާޝިޕުން ފެށިގެން ހަމަ ތިއްބެވީ ޚާލިސްކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުންނެވެ.

މީގެކުރިން ޖަމީލް ވިދާޅުވި ގޮތުން ޢާންމު ގޮތެއްގައި ޝަރީޢަތް ދިގު ދެމިގެންދަނީ ދަށު ކޯޓުގައެވެ. އަދި އިސްތިއުނާފީ މަރުހަލާގައި ދެތިން އަޑުއެހުމުން ވެސް މައްސަލައެއް ނިމިދާނެއެވެ. 

އެހެންކަމުން އުންމީދު ކުރައްވަނީ މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށާއި, އެ ހިސާބުގައި މައްސަލަ ނިންމޭނެ ކަމަށް ލަފާކުރަނީ އެއްވެސް ނުފޫޒެއް ނެތި ހުރިހާ ކަމެއް ވެސް އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށްދާނަމަ ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.

ނަމަވެސް އިސްތިއުނާފަށް އަދިވެސް ހުށަހަޅުއްވާފައި ނުވާއިރު މާޗުމަހު ރައީސް ޔާމީން މިނިވަންވެދާނެތޯ އެއީ އުފެދޭ ސުވާލެކެވެ. 

ޖަމީލު މިއަދު ވިދާޅުވީ ނުފޫޒެއްނެތި ކުރިއަށްދާނަމަ, އެ މުއްދަތުތެރޭގައި ނޫނީ އިންތިޚާބާ ދޭތެރޭ މި އޮތް މުއްދަތުތެރޭގައި ހައިކޯޓުން މައްސަލަ ނިމޭނެ ކަމަށެވެ. އަދި 

ތައްޔާރު ކުރައްވާފައި އޮތް އިސްތިއުނާފަށް ބަލާއިރު, ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެކަމީ %100 ޔަޤީންކަމެއް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

“އަޅުގަނޑަށް ހަމަ ވަރަށް ކޮންފިޑެންޓްލީ މިހާރު އަޅުގަނޑުމެން މި ތައްޔާރުކޮށްފަ އޮތް އިސްތިއުނާފަށް ބަލާއިރު އިރާދަކުރެއްވިޔާ މިނިވަންވާނެކަމަށް.“ ޖަމީލް ވިދާޅުވިއެވެ.

ފޮޓޯ: މިހާރު

Loading

2 Responses

  1. ޖަމީލު ތިކަންތަ ވިޔަކަ ނުދޭނެ އުބައިމީހުންމާކުރިންބުނެފަވަނީ ވަގުކަލޭގެ ހިފާ ހައްޔަރުކޮ ޖަލައް ލައިފަޔޯއެއޮތީ ދެންސަލާމަތެއްނުވެވޭނެ ެ

  2. ޖަމީލު ވިދާޅުވާ ބަސްތައް ގިނަބަޔަކަށް ގަބޫލުނުކުރެވިގެން ތި އުޅެނީ ޔާމީނުގެ ވެރިކަން ދުއްވާލަން ޖަމީލު ޢަމަލީގޮތުން ނަޝީދުއާއި ގުޅިގެން ހިންގިފައިވާ ޖަރީމާތަކާ ހެދިއެވެ. ޔާމީނު މަޢާފުދެއްވައިގެން ޖަމީލު ތިކަމުގެ ހެޑްއަކަށް އުޅެންޏާ އެހެން މީހުން މާބޮދު ޝައްކާއި ވަހުމް ތިކަމުގައި ދޫކޮށްލުން ރަނގަޅުކަމަށް ފެނެއެވެ.

Leave a Reply to މަޖީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް