ހުވާކުރައްވާފައިވާ ދެ ރައީސުން: ރިޔާސީ ބަޔާން އިއްވަވަނީ ކޮން ބޭފުޅެއް؟

Loading

Facebook
Twitter
WhatsApp

’ކޮންމެ އަހަރަކުމެ, ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެއެވެ.“ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތީ މިހެންނެވެ.

ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:00 ގައެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ނަމަވެސް މިހާ ހިސާބުން އުފެދޭ ސުވާލަކީ ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯއެވެ. މި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްތޯއެވެ.

މި ކުރަނީ ސަމާސާއެއް ނޫނެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވި ފަހުން, ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައިފައެވެ.

އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެ ދުވަހު ހެނދުނު 5:30 ގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިޞަލް ނަސީމަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނެވެ. ހުވާކުރެއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ. އެއަށްފަހު ފައިޞަލް ނަސީމް ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވައިފައެވެ.

ރައީސް ޞާލިޙަށް ތައިރޮއިޑް އާލާސްކަންފުޅު ޖެހިވަޑައިގަތުމާ ގުޅިގެން އޮޕަރޭޝަނެއް ކުރައްވާން ޖެހިވަޑައިގަތުމުން, ސިންގަޕޫރުގައި އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތުގައި ރައީސްގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތުމަށް ފައިޞަލް ނަސީމް ރައީސްކަމުގެ ހުވާކުރެއްވުމާ ގުޅިގެން ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ.

މިކަމާ ގުޅިގެން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވީ ޤާނޫނުއަސާސީގެ ހުރި މައްސަލަތައް މިހާރުވެސް އަނެއްކާ ފެނުނީ ކަމަށާއި ޤާނޫނުއަސާސީގެ 123(ހ) ގައި, ރައީސަށް މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތުގައި ނާއިބު ރައީސާ ބާރުތައް ހަވާލުކުރައްވާއިރު ހުވާ ކުރައްވަންޖެހޭ ވާހަކައެެއް ނެތް ކަމަށެވެ.

’އެކަން އޮތީ ސައިލެންޓްކޮށް. ޤަބޫލުކުރެވެނީ ނާއިބު ރައީސްގެ ހުވާގެ މަތީގައި ހުރެ ޒިންމާތައް އަދާކުރުން. ހުވާކުރީމާ ސުވާލު އުފެދެނީ ދެ ރައީސުން ތިބީތޯ. ނުވަތަ ނާއިބު ރައީސްގެ ކުރީގެ ހުވާ ދެމިއޮތްތޯ.“

ޓޮމް ވިދާޅުވީ ޤާނޫނުއަސާސީގެ 126 ވަނަ މާއްދާގައި ކުރާ ވަގުތީ ހުވައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަވާލުވެވަޑައިގަންނަވާއިރު ކުރައްވާ ހުވާ ކަމަށާއި އެ މާއްދާގައި ރަންޔިތުންގެ މަޖިލިސްގެ ރައީސް ކުރިފުޅުމަތީގައި ހުވާކުރައްވާ ވާހަކަ ނެތީ ހުވާކުރައްވާ ބޭފުޅަކީ ރަައްޔިތުންްގެ މަޖިލީހުގެ ރައީސްކަމަށް ވާތީ ކަމަށެވެ.

“އެއީ 125 ވަނަ މާއްދާގައި ބުނާ ރިޔާސީ އިންތިޚާބަށް ގޮވާލާ ވަގުތުގައި.އޭގެ ފަހަތުން 126 ވަނަ މާއްދާ ގެނެސްފައި އޮތީ ސަބަބެއް އޮވެގެން.“ އޭނާ ވިދާޅުވިއެވެ.

ފައިޞަލް ކުރެއްވި ހުވަޔާ ގުޅިގެން ޤާނޫނީ ވަކީލު ޢަބްދުލް މާނިޢު ޙުސައިން ވިދާޅުވީ ވަގުތީ ގޮތުން ރައީސްކަމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަކީ ނައިބު ރައީސްގެ ޙަޤީޤީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤާނޫނުއަސާސީގެ 117 ވަނަ މާއްދާގައި ބަޔާންވެފައިވާ ކަމެއް ކަމަށެވެ. އަދި ވަގުތީ ގޮތުން އެ މަސްއޫލިއްޔަތު ނައިބު ރައީސާ ހަވާލުކުރެއްވުމުގެ އިޖުރާޢަތު, ޤާނޫނުއަސާސީގެ 123 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަން އެހެން އޮތްއިރު ނައިބު ރައީސް ވަކި ޚާއްސަ ހުވައެއް ކުރައްވާާން ޖެހިވަޑައިގަންނަވާ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.

ޤާނޫނުއަސާސީގެ 117 ވަނަ މާއްދާ: އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ވަގުތީ ގޮތުން އުޒުރުވެރިވެވަޑައިގެންފިނަމަ, ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ ނައިބު ރައީސް.

ޤާނޫއަސާސީގެ 123 ވަނަ މާއްދާ: ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަވައި މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ނައިބު ރައީސްއާ ހަވާލުކުރައްވަންވާނެ.

ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށްޓަކައި ނައިބު ރައީސް ރައީސްކަމުގެ ހުވާކުރައްވަން ޖެހޭނެތޯ އުފައްދާ ސުވާލުގެ ޖަވާބުގައި ޤާނޫނީ ވަކީލު ޢަލީ ރަޝީދު ވިދާޅުވީ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވާން ޖެހޭ ފަރާތްތަކުގެ ތަރުތީބެއް އޮތްކަން ޤާނޫނު އަސާސީގެ 124 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ.

“އޭގެ ތެރެއިން އެންމެ އިސްވެގެން ވަނީ ނައިބު ރައީސް. ދެން މަޖިލީހުގެ ރައީސް. އެއާ ވިދިގެން މަޖިލީހުގެ ނައިބު ރައީސް. އެންމެ ފަހަށް މަޖިލީހުން ކަނޑައަޅާ މެންބަރެއް. ވަގުތީ ގޮތުން ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ހަވާލުވާ މީހުން ޤާނޫނު އަސާސީގެ ޖަދުވަލު 1 ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ  ރައީސްކަމުގެ ހުވާކުރަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގެ 126 ވަނަ މާއްދާގައި ކަނޑައަޅާފައިވޭ. އެ މާއްދާގައި އެއްވެސް އިސްތިސްނާއެއް ނެތް.“

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާ ”ކޮންމެ ބޭފުޅަކު“ ވެސް ރައީސްކަމުގެ ހުވާކުރެއްވުން ލާޒިމު ކަމަށެވެ. އެހެންކަމަށްވާނަމަ 117 ވަނަ މާއްދާގެ (ށ) އިންނާއި 124 ވަނަ މާއްދާއިން ނައިބު ރައީސަށް ދެވިފައިވާ ތަރުތީބީ އިސްކަމުގައްޔާއި އެ ނޫން ފަރާތްތައް ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވުމުގައި ފަރަޤެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

“ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވާ ކޮންމެ މީހަކު ވެސް ރައީސްކަމުގެ ހުވާ ކުރާން ޖެހޭނެ. ނައިބު ރައީސް ކޮށްގެން ހުރި ނައިބު ރައީސްކަމުގެ ހުވަޔަކުން ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު ނުއުފުލޭނެ. އެހެންކަމުން ނައިބު ރައީސް ވެސް ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުމުގެ ކުރިން ރައީސްކަމުގެ ހުވާ ކުރާން ޖެހޭނެ.“ ޢަލީ ވިދާޅުވިއެވެ.

ނައިބު ރައީސްގެ ހުވަޔާ ގުޅިގެން ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ރައްޔިތުންނަށް އޮޅުވައިލައްވާ ދެ ރައީސުންނަކީ އޮޅުވައިލެވުނު އިންތިޚާބަކުން މަންފާ ލިބިވަޑައިގެން ހުންނެވި ރައީސް ޞާލިޙާއި, ރައީސް ޞާލިޙަށް ޒިންމާ އަދާނުކުރެއްވޭ ހާލަތެއް މެދުވެރިވުމުން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ރައީސްކަން ދީފައިވާ ފައިޞަލް ނަސީމް ކަމަށެވެ. އަދި ވަގުތީ ގޮތުން ފައިޞަލަށް ރައީސްކަން ހަވާލުކުރެއްވި ކުރުން ރުޖޫޢަކޮށްފައިވޭތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލުކުރައްވައިފައެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާއަށް ތާވަލުކުރެވިފައިވާއިރު ބައެއް މީހުން މިއަދު މީސްމީޑިއާގައި ބުނަމުންދަނީ ރިޔާސީ ބަޔާން އިއްވަވަންޖެހޭނީ ފައިޞަލް ނަސީމާ ކަމަށެވެ.

Loading

8 Responses

  1. ދުނިޔޭގަ ނެތްވަރުގެ ބޮޑެތި ޤާނޫނީ ވަކީލުންނާއި ނުކިޔަވާތިބި ޤާނޫނީ ވަކީލުން ހަދާފައިވާ ފޮނިފޮނިފޮނިމީރު ލާސާނީ ދެވަނައެއް ނެތް ޤާނޫނުލް އަސާސ😂 ކަމަކާ ޖެހުމުން މިވީ އަގުޅިނެތް ކަންނޭލަކަށް. މިކަމެއް ނޭގުނު ދޯ މޮޅު ޔާމީނަކަށްވެސް ދޯ ތޯރިގޫ!!

  2. 2008 ގެ ކުރީގެ މައުމޫނު ހުންނެވީ ރައީސްކަމުގެ މަގާމުގައި ދެމިހުރުމަށް ހުވާކުރަށްވައިގެނެވެ. 2008 ގައި ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުން މައުމޫނު ވެރިކަމުގައި ދެމިހުރުމަށް ކުރައްވައިގެން ހުންނެވި ހުވާވެސް ނިމުމަކަށް އައީއެވެ. 7 ފެބްރުއަރިގައި 2012 ގައި ނަޝީދު އަމިއްލައަށް އިސްތިޢުފާ ދެއްވުމުން އޭނާ ކުރައްވައިގެން ހުންެނެވި ހުވާވެސް ނިމުމަކަށް އައީއެވެ. ހަމަ އެތާރީޚުގައި ނައިބުރައީސް އަކަށް ހުންނެވި ޑރ. ވަހީދު ރައީސުލް ޖުމްހޫރިއްޔޭގެ ހުވާ ކުރެއްވުމުން ނައިބުރައީސްގެ މަގާމު ހުސްވިއެވެ. ވަހީދު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް 2013 ގެ އިންތިޚާބު ޔާމީނު އަބުދުލް ގައްޔޫމު 17 ނޮވެމްބަރު 2013 ގައި ރައީސުލް ޖުމްހޫރިއްޔާގެ ހުވާކުރެއްވުމުން ޑރ. ވަހީދުގެ ރައިސުލް ޖުމްހޫރިއްޔާކަން ނިމުނީއެވެ. ދެންފަހެ، 2018ގެ ރިޔާސީ އިންތިޚާބު އިބްުރާހިމް ކާމިޔާބުކޮށް 17 ނޮވެމްބަރު 2018ވަނަ ދުވަހު ގަލޮޅުބޯޅަ ދަނޑުގައި ރައިސުލް ޖުމްހޫރިއްޔާގެ ހުވާކުރެއްވިއެވެ. މިހުވާގައި ހުންނަވައިގެން 24 ފެބްރުއަރީ 2022 ދުވަހުގެ ރޭ އެ އެންގެވި އެއްޗެއް ސިޓީއަކުން ރައްޔަތުން މަޖިލީސްގެ ރައީސްއަށް އެންގެވުމުން ނައިބުރައީސް އަކަށް ހުންނެވި ފައިސަލް ނަސީމް ރައްޔަތުންގެ މަޖިލީސްގެ އިދާރާއަށް 25 ފެބްރުއަރީ ދުވަހުގެ ފަތިސްނަމާދަށްފަހު އުއްތަމަ ފަނޑިޔާރާއިއެކު ޙާޒިރުކުރައްވައި މަޖިލީސްގެ އިދާރާރައި ރައީސުލް ޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވާ ކުރުވިއެވެ.
    ދެންފަހެ، މިހަމަޔާއި އުސޫލްގެ މަތިން ކަންހިނގައިފާވާއިރު ރައިސުލް ޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމުއެވެ. އިބުރާހިމްގެ ރައީސްކަމުގެ ހުވާ ނިމުމަކަށް އައީއެވެ. މިފަދަ އެއް ހުވަކޮށްގެން ރިބޭ ދެމީހަކު ރާއްޖޭގެ ރައީސުލްޖުމްހޫރިޔާގެ މަގާމުގައި ނުތިބޭނެއެވެ. އެމަގާމަކީ އެއް އުރަޔަކަށް ދެކަނޑި ކޮއްޕާން އޮންނަކަހަލަ އުރައެއް ނޫނެވެ. މިކަން ވަރަށްސާފު!

  3. ކަމަކާމެދު އަޅުގަނޑުމެން ވާހަކަދައްކާއިރު ދިވެހިންގެ ތެރޭގައި ބުނެއުޅޭ މަޝްހޫރު ބަހެއް ހަނދާންކުރަން ޖެހެއެވެ. ތިމާއާއި ނުބެހޭ ކަމެއްގައި ކާޅުކެޔަސް ފައްސާނުލާށެވެ. މި ލިއުމުގައި މިވަނީ އެބާވަތުގެ ވާހަކައެކެވެ. ދިވެހިރައްޔިތުން އޮތީ ރައީސަކާ ނައިބު ރައީސަކު އިންތިޚާބު ކޮށްފައެވެ. އެމީހުން ގޯސްހަދާނަމަ އެކަންރަނގަޅުކޮށް ފައިސަލާ ކުރުން ބަޔަކާ މަތިކޮށްފައެވެ. އެމީހުންނަށް އެކަން ކުރަން ނޭންގިއްޖެނަމަ ދެންހަދާނެގޮތެއް ކަނޑައެޅުމަކީ ރައްޔިތުން ކުރަން ޖެހޭނެ ކަމެކެވެ. ރައްޔިތުންގެ ފަރާތުން އެކަންކުރަން ހަވާލުކޮށްފައި އެޮތީ މަޖިލީހަށެވެ. އެ މަޖިލީހަށްވެސް އެކަން ކުރަން ނޭންގޭ ކަމަށް ހީކުރުމަކީ ތިމަތިމާމެން މަޖިލީހަށް މެމްބަރުން ހޮވުމުގައި ފޭލިވުމެވެ. ދެ ރައީސެއްގެ ވާހަކަ ސުޕްރީމްކޯޓަކަށް ނޭންގެއެވެ. ދެ ރައީސެއްގެ ވާހަކަ މަޖިލީހަކަށް ނޭންގެއެވެ. ދެންވެސް މިކަހަލަ ވާހަކަ ލިއުނީމާ ބުނެވޭނީ ކުކުޅަށްވުރެން ބިސް ދޮށިވީ ކަމަށެވެ. ޢާންމުކޮށް ފެންނަ ސަންދާނުގެ ލިއުންތައް ވަރަށް ރަނގަޅެވެ. އެ މިންގަނޑުގައި ހިފޭއްޓުމުން ނުރަނގަޅު ފާޑުކިއުންތަކުން އެއްކިބާ ވެވޭނެއެވެ.

    1. ފާޑު ކިޔަންވާނެއެވެ. ލިޔާމީހާ އާއި ނިއުސް އެޖެންސީ ބޭނުންވާގޮތަށް ފާޑެއް ނުކިޔޭނެއެވެ. ދެމީހެއްގެ ވިސްނުންވެސް ތަފާތުވާނެއެވެ. ނޫންތޯ؟

  4. Thihaasaabun aharenge suvaalakee maadhamaa ge vaguthu jehea iru vea hama thiya kanthah thihennoi kan ingea nuvatha evaruge roafilaafa thibi bàyaku hama migaumuge netheehea . Enme fahuvaguthu àissa jehumun thikamaa dhen ves rayyithun nah thikan angaadheane vea bayaku mi . Dhen hama ekkala rayyithun hàma thiben veethaagaumuge netheebaae.

  5. މިއަދު މަޖިލީސް ބަލާލީމާ އެނގުނީ މަޖިލީސްގެ ރައީސްއަށްވެސް ގަބޫލު ކުރެވެނީ ގައުމުގައި ދެރައިސުން ތިބެން ޖެހޭކަމާއި އަދި ބޮޑު ރައީސްއަކީ އިބްރާހިމް މުޙައްމަދު ސާލިޙު ކަމެވެ. އެގޮތުން ސާލިޙު ރިޔާސީ ބަޔާން ދެއްވައިފިއެވެ. އެޖެންޑާ19 އަސްލުވެސް ތަފާތުވާނެއެވެ.
    6 ފެބްރުއަރީ 2023

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް