އެންމެ ކުޑަ އުޖޫރަ ދޭން ފާސްކޮށްފި! އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ނިމުމުގެ ކުރިން

Loading

Facebook
Twitter
WhatsApp

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޖެހޭ ދާއިރާތަށް ހިމަނައި، އަންނަ އަހަރުގެ ނިޔަލަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒް ކުރުމަށް ވަޒީފާއާއި ބެހޭ ޤާނޫނުނަށް ހުށައެޅި އިސްލާޙު މަޖިލީހުން ފާސްކޮށްފިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށައެޅި އިސްލާޙް މަޖިލީހުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ދިރާސާކޮށް ނިންމެވިގޮތަށް އިއްޔެގެ މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ.

މިއިސްލާހް މަޖިލީހުން ފާސްވެފައިވަނީ މަޖިލީހުގެ 55 މެމްބަރުންގެ ވޯޓުންނެވެ.

އެންމެ ފުރަތަމަ ހަތްސިނާޢަތަކަށް އަމާޒުކޮށް މިއިސްލާޙު ހުށައެޅި ނަމަވެސް މިހާރުވަނީ ނުވަ ސިނާޢަތަކަށްވަނީ އިތުރުކޮށްފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޖެހޭ ދާއިރާތަކުގެ ތެރޭގައި ހިމަނާފައިވަނީ މަސްވެރިކަމާއި، ދަނޑުވެރކަމާއި، ފަތުރުވެރިކަމާއި، ޢިމާރާތްކުރުމާއި، ދަތުރުފަތުރު، ސިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ކުދި އަދި މެދު ފަންތީގެ ސިނާޢަތްތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި މެރިޓައިމް ސިނާޢަތް ހިމެނެއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޢަމުރުނެރެން ޖެހޭނީ ވޭޖް ބޯޑުގެ ލަފާގެ ދަށުން އިކޮނޮމިކް މިނިސްޓަރު ކަމަށް މިބިލުގައި ވެއެވެ.

މިބިލުގެ ދަށުން ނެރޭ ޢަމުރުތަކަށް އަންނަ އަހަރުގެ ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަން ޖެހެއެވެ. ވޭޖް ބޯޑް އެކުލެވިގެން ދާނީ 11 މެމްބަރުންގެ މައްޗަށެވެ. އެގޮތުން ބޯޑުގެ ޗެއަރޕާސަންއަކަށް ވަނީ އިކޮނިމިކް މިނިސްޓަރ ކަނޑައަޅުއްވާ ފަރާތަކަށްވާއިރު ފިނޭންސް މިނިސްޓަރ ހުށައަޅާ ފަރާތެއް ބޯޑުގައި ހިމެނޭނެއެވެ. އަދި މީގެ އިތުރުން ހަތަރު ދާއިރާއެއް ތަމްސީލް ކުރާ ހަތަރު ޖަމްޢިއްޔާއަކުން ހުށައަޅާ ހަތަރު ފަރާތަކާއި، މަސައްކަތްތެރިން ތަމްސީލް ކުރާ ފަސްފަރާތެއް ބޯޑުގައި ހިމެނޭނެއެވެ.

އެންމެ ކުޑަ އުޖޫރަ ދޭން ލަފާދޭނީ ވޭޖް ބޯޑުން ކަމަށާއި އަދި ލަފާދޭތާ 30 ދުވަހުގެ ތެރޭގައި އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ކަނޑައަޅައި އިކޮނޮމިކް މިނިސްޓަރ އަމުރުނެރެން ޖެޙޭނެ ކަމަށް މިބިލުގައި ވެއެވެ. އަދި މީގެ އިތުރުން ބިލުގައި ވަނީ ދެވޭ އުޖޫރަ ކަނޑައެޅުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކާއި އިޤްތިޞާދީ ކަންކަމަށާއި ޤައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިޢާޔަތްކުރަން ވާނެ ކަމަށް ބުނެފަ އެވެ. އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅުއްވާ މިނިސްޓަރ ނެރުއްވާ ޢަމުރަކީ ފުރިހަމަ ޤާނޫނީ ބާރު ލިބިގެންވާ އެ ޢަމުރު ރައްދުވާ އެންމެހާ ފަރާތްތަކުން އެ ޢަމުރަކަށް ޢަމަލުކުރުން ލާޒިމް ޢަމުރެއްކަމަށް ބިލުގައި ބުނެފައިވެ އެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ނެރޭ ޢަމުރުގައި މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ ވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭ މިންވަރު ކަނޑައަޅަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމަށްޓަކައި ވަޒީފާ ދޭ ފަރާތުން އެ ފަރާތެއްގެ މުވައްޒަފުންނަށް ދޭ އުޖޫރައިގެ މަޢުލޫމާތު ވޭޖް ބޯޑުން ނުވަތަ މިނިސްޓްރީއިން އެދިއްޖެނަމަ ދޭން އެންގުމުގެ ބާރު ބިލުން ބޯޑަށާއި މިނިސްޓްރީއަށް ވަނީ ދީފަ އެވެ.

އެ މަޢުލޫމާތު ނުދީފި ނަމަ 50،000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. ބިލު ފޮނުވުމުގެ ކުރިންވެސް މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގައި ވަނީ ވޭޖް އެޑްވައިޒަރީ ބޯޑެއް އެކުލަވާލައިފައެވެ.

ދިރާސާތަކެއް ހެދުމަށް ފަހު، ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ހުރިހާ ވިޔަފާރިތަކާއި ސިނާޢަތްތަކަށެވެ. ފުރަތަމަ އެންމެ ކުޑަ އުޖޫރަބކަނޑައަޅާއިރު ބިދޭސީން ނުހިމެނުމަށް ވެސް ވަނީ ލަފާދީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް