އިސްރާއީލުގެ ބާރަގަދަ ސިފައިން ޔޫކްރެއިނަށް އެހީ ނުވަނީ ކީއްވެގެން؟

Loading

Facebook
Twitter
WhatsApp


ދުނިޔޭގެ އެންމެ ބާރުގަދަ އެއް މިލިޓްރީ ކަމަށް ބެލެވޭ އަދި ވަގު ނިއުކްލިއަރ ޕަވަރެއްކަމުގައި ހިމެނޭ އިސްރާއީލުގެ ސިފައިން ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށް ނުދެވިގެން ކީއްވެގެންތޯ މިއީ މިއަދު ބައިނަލް އަގްވާމީ މީޑިއާގެ ފަލަ ސުރުޚީ އަކަށް ވެއްޖެއެވެ. 

ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިސްރާއީލުގެ ބަލަދުވެރިޔާ ކަމަށް މުޅިދުނިޔެއިން ގަބޫލުކުރާ އެމެރިކާއާއި އެންމެ ގާތް އެކުވެރިން ކަމުގައި ބެލެވޭ ނޭޓޯގެ ގައުމުތަކުން އިންތިހާއަށް ބާރު އެޅުމާއިއެކުވެސް އިސްރާއީލުން އެ ހަނގުރާމައިގެ ތެރެއަށް ވަންނަން ނުވަތަ މިލިޓަރީ ޙައިސިއްޔަތަކުން ވާގިވެރިވުމަށް ފައުޅުގައި ބޭނުން ނުވާ ސަބަބުތަކެއް ހުންނާނެކަން ކަށަވަރެވެ.

މީގެ އަހަރެއްހާދުވަސް ކުރިން ފެށިގެންއަންނަ މިހަނގުރާމާގައި އިސްރާއީލުން ޔޫކްރެއިނަށް މިލިޓްރީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމެރިކާއާއި ނޭޓޯއިން ގެންދަނީ ބާރު އަޅަމުންނެވެ. އެހެންނަމަވެސް އިންސާނީ ޚިދުމަތް ފޯރުކޮށްދިނުން ފިޔަވައި މި ހަނގުރާމައިގާ އެއްވެސް ކަހަލަ ބައިވެރިމުވެއް އިސްރާއީލުން ބޭނުމެއް ނުވާކަމަށް ބުނެއެވެ. 

ބައިނަލް އަގްވާމީ ނޫސްވެރިކަމުގެ ފުންނާބު އުސްބޭފުޅުން މިކަމުގައި ދެކިވަޑައިގަންނަވާގޮތް ބަލާލަމާ ހިނގާށެވެ. މިއީ އެބޭފުޅުންގެ ވިސްނުމެވެ. އިސްރާއީލުގެ ސަރުކާރުގެ ވިސްނުމެއް ނޫނެވެ. މި ލިއުން ކިއުއްވާއިރު މިކަމަށް ސަމާލުވެ ވަޑައިގަތުމަކީ ބޭނުންތެރި ކަމެކެވެ.                                          

ބައިނަލް އަގްވާމީ މަޝްހޫރު ނޫސްވެރިންދެކޭ ގޮތުގައި އިސްރާއީލުގެ ސިޔާސަތަކީ އެންމެ ފުރަތަމަ އެމީހުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމެވެ. އެހެން ގައުމެއް އެއީ ކިތަންމެ ގާތް ރަޙްމަތްތެރި އަދި ކިތަންމެ ރޮނގަކުން އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ވިޔަސް އިސްރާއީލުގެ ރައްކާތެރިކަމާއި އިސްރާއީލަށް ބޭނުންވާގޮތްތައް އެއްފަރާތް ކޮށްފައި އެމަގާމަށް އެހެން ގައުމެއް ނުގެންނާނެއެވެ.

އަރަބި ދުނިޔެއިންވެސް މި ހަނގުރާމާގައި ވަކި ގައުމަކަށް ތާއީދު ނުކުރާތީއާއި އެކަމުގައި އިސްރާއީލުގެ މަސްލަޙަތުވެސް އޮތުމާއިއެކު މި ވިސްނުމުގައި އަރަބި ދުނިޔެއާއި ހުޅަނގާ ދޭތެރޭ އުފެދެމުންދާ ތަފާތުތަކުގެ ތެރޭގައި އިސްރާއީލުން ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅެނީއެވެ. 

މި ވިސްނުމުގައި ދެން ފާހަގަކުރެވޭ އަނެއް ކަމަކީ ސީރިޔާގައި ގާއިމްވެ ތިބި އީރާނާއި ގުޅުންހުރި މަގާމުތަކަށް އަމާޒުވާގޮތަށް އިސްރާއީލުން ޙަމަލާދިނުމާއި މެދު ރަޝިޔާއިން ދެކޮޅެއް ނުހަދައެވެ. ބެލެވޭ ގޮތުގައި ސީރިޔާގައި އީރާނުން ފައިހަރުކުރާކަށް ރަޝިޔާވެސް ބޭނުމެއް ނުވެއެވެ. އަދި އިސްރާއީލުންސީރިޔާއަށް ދޭ ވައިގެ ހަމަލާތަކުގައި ރަޝިޔާ ލޯމަރާލައިގެން އޮންނަ އޮތުންނެތިދިއުމަކަށް އިސްރާއީލުންވެސް ބޭނުމެއް ނުވާނެއެވެ. 

މެދު އިރުމަތީގެ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި އިސްރާއީލާއި ރަޝިޔާގެ ގުޅުމަކީ ފެންނަ ފެނުމަށްވުރެން މުލައްވިސް (ކޮމްޕްލިކޭޓެޑް) ގުޅުމެކެވެ. މީގެ މިސާލެއް ކުރިން ބުނެވިފައި އެވަނީއެވެ. އެބޭފުޅުންގެ ނަޒަރުގައި އިސްރާއީލަކީ އާދަޔާ ޚިލާފަށް ވަތަނީ ވިސްނުން ގެންގުޅޭ ގައުމެކެވެ. 

އިސްރާއީލުގެ އާބާދީގެ  ގާތްގަނޑަކަށް 15 އިންސައްތައަކީ ރަޝިޔާއިން ހިޖުރަ ކޮށްފައިވާ ޔަހޫދީންނެވެ. އަދި އިސްރާއީލުގައި އެންމެ ބޮޑު ބިދޭސީ އާބާދީ އަކީ ޔޫކްރޭނިއަނުންނެވެ. މި ސަބަބަށްޓަކައި ދާޚިލީ ކޯޅުންގަނޑެއް އުފެދެން އިސްރާއީލުން ބޭނުމެއް ނުވާނެއެވެ. 

މިތާނުގައި ކިއުންތެރިން ފާހަގަކުރައްވާފާނެ ސުވާލެއް އެބައޮތެވެ. އިސްރާއީލަކީ އެހާ ބޮޑަށް ވަތަނީ ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ވީއިރު އެގައުމުގެ އާބާދީގެ  21 އިން ސައްތަ އަރަބިންނާއި ދޭތެރޭ އިންސާނީ ހަމަހަމަ އުސޫލު ނުގެންގުޅެނީ ކީއްވެގެން ހެއްޔެވެ؟ 

މިއީ އުފެދޭނެ ސުވާލެއްކަމަށް ގަބޫލުކުރަމެވެ. ވަކިފަރާތަކަށް ބުރަނުވެ މި ސުވާލަށް ޖަވާބު ދޭނަމަ ބުނަންޖެހެނީ އިސްރާއީލުން އެމީހުންގެ ގައުމުކަމަށް ގަބޫލުކޮށްގެން އެތަނުގައި ދިރިއުޅޭ އަރަބިންނާއި ދޭތެރޭވެސް ފާހަގަކުރެވޭފަދަ ނުރަނގަޅު ތަފާތުކުރުމެއް ނުގެންގުޅެއެވެ. 

އެހެންނަމަވެސް ސިޔާސީ ބޭނުމަށްޓަކައި ވެރިކަމުގެ ފަރާތުން ނުރަނގަޅުއަނިޔާވެރި ކަންތައްތަކެއް ތަންފީޒުކުރަން މަސައްކަތް ނުކުރެއެކޭ ބުނާކަށް ނެތީމެވެ. އަވަށްޓެރި ބައެއް ގައުމުތަކުން ފެންނަ ފަދަ ނަސްލީ ތަފާތުކުރުންތަކެއް އާންމު ރައްޔިތުންގެ ބޮލަށް ވައްދަން މަސައްކަތް ކުރާތަނެއް ނުފެނެއެވެ. ފަލަސްތީނުގެ މައްސަލައަކީ ތަފާތު އެހެން މައްސަލައެކެވެ.        

އެހެންގައުމު ތަކުގައި އުޅޭ ޔަހޫދީންގެތެރޭގައި ސިޔާސީ ފިކުރުގެ ދެކޮޅުވެރިކަން އުފެދިފައިވޭތޯ މެދު އިރުމައްޗާއި އުތުރު އެފްރިކާގެ ދިރާސާތަކުގެ ތަޖްރިބާކާރު ޔޯސީ މެކެލްބާރގަށް  ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވެފައިވަނީ ޔަހޫދީ ދަރިފަސްކޮޅުގެ މީހުންނާދޭތެރޭ އެއްޗެއް ބުނުމުގެ ކުރިން ވަރަށް ގިނަ ދިރާސާތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

އެއްވެސް ޔަހޫދީއަކު އެމީހުންގެ މަސްލަޙތާއި ފުށުއަރާފާނެ ކަމެއް އެހެންގައުމެއްގައި ވިޔަސް މެދުވެރި ވުމަކަށް ނޭދޭނެއެވެ. މެލްބާރގް ވިދާޅުވާ ގޮތުގައި ސިޔާސީ ބަހުރުވައާއި އަދި އެ ބަހުރުވައިގެ މަގްސަދަކީ އަބަދުވެސް އޮޅުވާލުމާއި މަކަރުވެރި ކަމެވެ. 

އެއްވެސް ލީޑަރަކު ދެއްކި ވާހަކައެއް ނުވަތަ އަމަލު ކުރެއްވިގޮތް ފަހަށް ރައްކާ ކުރަން ހެޔޮ ނުވާނެއެވެ. އެއީ އެބޭފުޅާ ބޭނުންވި ކަންތައް ފުރިހަމަ ވުމުން ކުރިންދެއްކި ވާހަކަތަކާއި ކަންތައް ކުރިގޮތުގެ މުއްދަތު ހަމަވެގެން ދިޔައީއެވެ. އެބަސްތަކާއި އެޢަމަލުތައް އަލުން ބޭނުންކުރުމުން ލިބޭނީ ގެއްލުމެވެ.    

2022 ފެބްރުއަރީގައި ހާމަވެފައިވާގޮތުން އިސްރާއީލަކީ އެމެރިކާގެ މިލިޓްރީ މަދަދުއެންމެ ބޮޑަށް ކަށަވަރު ވެފައިވާ ގައުމެވެ. މިލިޓްރީއެއްގައި ބޭނުންވާނެ އެންމެ މި ޒަމާނުގެ ހަތިޔާރު ތަކާވެސް އެކުގައެވެ. އެހެންނަމަވެސް އިސްރާއީލުން މިކަމާބެހޭ ގޮތުން އެއްވެސް އެއްޗެއް އަދިވެސް ނުބުނެއެވެ.                                

އިސްރާއީލުން ޔޫކްރެއިނަށް މަދަދު ކުރުން އެއްފަރާތުގައި ބާއްވާފައި މި ހަނގުރާމައިގާ ރަޝިޔާ ކުށްވެރި ކުރަން އެމެރިކާއާއި ނޭޓޯއިން އިސްރާއިލަށް ކުރިމަތިކުރަމުން ގެންދާ ފިއްތުން ތަކަށްވެސް އިސްރާއީލުން އާނ ބަސް ބުނެފައެއް ނުވެއެވެ.                                                          

މިހުރިހާ ކަމެއްގެ އަމާޒު ގޮސް ނިމެނީ އިރާނަށް ކަމުގައި ބެނެވިދާނެއެވެ. ސިރިޔާގެ ޖައްވުގެ ބޮޑުބައެއް މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ސީރިޔާގައި ހަރަކާތްތެރި ވަމުންގެންދާ ޙިޒުބުﷲގެ އަމާޒުތަކަށް އިސްރާއީލުން ޙަމަލާ ދިނުން ރަޝިޔާއިން ހުއްޓުވަން ބޭނުމެއްނުވާނެ ކަމަށް ބެލެވެއެވެ.

ރަޝިޔާއިން އިސްރާއީލުގެ ޙަމަލާތައް ހުއްޓުވަން ލޯ މަރާލައިގެން ތިބޭ ފަދައިން އިސްރާއީލުންވެސް ރަޝިޔާގެ އަމާޒުތަކަށް (އެއީ ސީރިޔާގައި ހުރި ތަނެއްކަމުގައި ވިޔަސް) ގޯނާކުރާކަށް ބޭނުމެއް ނުވެއެވެ.                                             

ސިޔާސީ ދެބޯގެރި ދުއްވުމުގެ ތެރޭގައި އެއްބައިވަންތަ ކަމާއި އެކުވެރި ކަމަކީވެސް ތިމަތިމާމެންގެ ފައިދާއަށް ބިނާކޮށްފައި އޮންނަ ކަމެކެވެ. ރަޝިޔާއާއި އިސްރާއީލުގެ ގުޅުން މިހާ ވަރުގަދަ ބިންގަލެއްގެ މަތީގައި ޢިމާރާތް ކުރެވިފައިވާ ނަމަވެސް އިސްރާއީލުގެ ޖާނީ ދުޝްމަނުން ކަމުގައި ދެކޭ އީރާނާއި ރަޝިޔާއަކީ ޔޫކްރެއިން ހަނގުރާމައިގާ އެންމެ ގާތް ރަޙްމަތްތެރި ބައިވެރިޔާއެވެ. ރަޝިޔާގެ ޙަމަލާތަކުގައި ބޮޑުބައެއް ހިއްސާކުރަނީ އީރާނުން ފޯރުކޮށްދޭ ހަތިޔާރުތަކެވެ. ހަމަގައިމުވެސް މިއީ އިސްރާއީލުގެ ބޮލުގައި ނުރިހޭނެ ކަމެއްނޫނެވެ. 

މި ހުސްވި ޑިސެމްބަރު މަހުގެތެރޭގައި އިނގިރޭސި ވިލާތުގެ ވަރަށް އިސް ސިޔާސީ ބޭފުޅަކު ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ގެންދަނީ އީރާނުން ގިނައަދަދެއްގެ ބެލިސްޓިކް މިސައިލް ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި ރަޝިޔާގެ ބޭނުންތަކަށް އީރާނުންވެސް އެއްވެސް ހައްދެއްނެތި އެހީ ފޯރުކޮށްދޭނެ ކަމަށް އީރާނުންވަނީ ކަށަވަރު ކޮށްދީފައެވެ. އީރާނަކީ އިސްރާއީލުގެ އެންމެދުވަސްވީ ބޮޑު ދުޝްމާއިމެދު ޝައްކެއްނެތެވެ.                                      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް