މެލޭޝިޔާ އިދިކޮޅުޕާރޓީގެ  އެކައުންޓްތައް ހިފަހަށްޓުވައިފި

Loading

Facebook
Twitter
WhatsApp

ރިޝްވަތާއި ނާޖާއިޒު ފައިދާ ނެގުމާގުޅޭ މައްސަލާގައި  މެލޭޝިޔާގެ އިދިކޮޅު ޕާރޓީގެ އެކައުންޓްތައް ފްރީޒްކޮށްފިކަމަށް ޚަބަރު ދީފިއެވެ. މެލޭޝިޔާގެ އެންޓި ގްރާފްޓް އޮތޯރިޓީން ކުރަމުންގެންދާ ތަޙްގީގާއި ގުޅިގެން ކުރީގެ ބޮޑުވަޒީރު މުޙުޔިއްދީން ޔާސީން ނިސްބަތްވެ ވަޑައިގަންނަވާ މިހާރުގެ އިދިކޮޅު ޕާރޓީގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރުމަކީ އެޕާރޓީގެ ދުވަސް ދުއްވާލަން ހިންގާ ކަންތައްގަނޑެއް ކަމުގައި އެ ޕާރޓީން ގެންދަނީ ބުނަމުންނެވެ.                                                        

ބަރްސަތޫ ޕާރޓީގެ އެކައުންޓުގައި ހުރި 300 މިލިއަން ރިންގިޓްގެ މައްސަލައެއް މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކަމިޝަނުން ތަޙްގީގު ކުރަމުން ގެންދާކަމަށް މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްވެސް ވަނީ މީގެ ކުރީންވެސް ވިދާޅުވެފައެވެ.

އަންވަރުގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވީ އެބޭފުޅުން ވިދާޅުވަމުން ގެންދަވާ ފަދައިން އެބޭފުޅުންނަކީ ސާފުތާހިރު ބަޔަކު ކަމުގައިވާނަމަ  އެބޭފުޅުންގެ ސަރުކާރުން އެހާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި 300 މިލިއަން ރިންގިޓް އެކައުންޓަށް ޖަމާވިގޮތް ތަޙްގީގު އިދާރާއަށް ގަބޫލުކުރެވޭ ފެންވަރަށް އޮޅުންފިލުވާ ދެއްވުމުން ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށެވެެ. އެކަމަކު ސުވާލު އުފެދެނީ 2016 ގައި އުފަންވި ޕާރޓީ އަކުން 2018 ގައި ސަރުކާރު ހިންގަން ލިބުނީމާ 2022 ވަނަ އަހަރާ ހަމަޔަށް 300 މިލިއަން އެކައުންޓަށް ޖަމާވެފާ ހުރި ގޮތެކެވެ.       

އަންވަރުގެ ބައިވެރިނަށް މިހާރު ތާއީދު ލިބިފައިވާ 6 ސްޓޭޓުގެ ދެންއޮންނަ އިންތިޚާބު ކާމިޔާބު ކުރަން ބަރިސަތޫ އިން މިހާރު ގަދައަޅާ މަސައްކަތްކުރަމުންގެންދަނިކޮށް މި ތަހްގީގުން ބަރިސަތޫ އަށް  (ފުޅާ ދާއިރާއެއްގައި ބުނާނަމަ ޕަރިކަތާން ނާސިއޯނާލް ގެ) ބައިވެރިންގެ ބޮލަށް ވަރަށް އުނދަގޫ ކުރާނެއެވެ. މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އަންވަރުވެސް ގެންދަނީ ބައިވެރިންނާއެކު މަސައްކަތްކުރަމުންނެވެ. 

މިއަހަރުގައި ބޭއްވޭ މި އިންތިޚާބަކީ ޕާރލަމެންޓާގުޅުންހުރި އިންތިޚާބެއް ނޫނެވެ. އެހެންނަމަވެސް  މިއީ ސަރުކާރާދޭތެރޭ ރައްޔިތުން ވިންދު ހުރިގޮތެއް ދެނެގަނެވޭނެ އިންތިޚާބެކެވެ.

މެލޭޝިޔާގެ އެމް. އޭ. ސީ. ސީ. ގެ އިސްވެރިޔާ އަޒާމް ބަކީ ވިދާޅުވީ ބަރްސަތޫ ގެ ތަޙްގީގު ކުރެވެމުން ދަނީ މެލޭޝިޔާގެ އެންޓި މަނީ ލޯންޑްރިންގ، އެންޓި ޓެރެރިޒަމް ފިނޭންސިންގ، އަދި ލިބެންޖެހޭ މުއްސަނދިކަމެއް ލިބިގަތުމާއިބެހޭ ގާނޫނުގެ ދަށުންނެވެ. އެ ޕާރޓީގެ އެކައުންޓްތައް ހިފޭއްޓިފަހުން މިހާރު ދެހަފްތާވެއްޖެ ކަމަށާއި ތަޙްގީގްތައް އަދި އޮތީ ވަރަށް ކުރީގެ މަރުޙަލާ އެއްގައި ކަމަށެވެ.                                    

މި ތަޙްގީގުތައް އަވަހަށް ނިންމައި ބަރްސަތޫގައި ޖެހިފައިވާ ލައްގަނޑު ފިލުވާލުމަށްޓަކައި ތަޙްގީގީ އިދާރާތަކަށް ޕާރޓީގެ އެންމެފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް  ޕާރޓީގެ އާންމު ސެކްރެޓަރީ ޙަމްޒާ ޒައިނުއްދީން މިދިޔަ ބުދަދުވަހު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ބަރްސަތޫ އާއި ޕަރިކަތާން ނާސިއޯނަލް އާދޭތެރޭ ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.                                          

ނަމަވެސް ބޮޑުވަޒީރު އަންވަރު ވިދާޅުވީ އެފަދަ ތަޙްގީގުގެ ތެރެއަށް އެމަނިކުފާނުގެ ސަރުކާރުން އަތްބާނާ ކަމަށް ވާހަކަ ނުދެއްކުމަށާއި ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު އިސްތިސްނާ ނުކުރެވޭނެ ކަމަށެވެ. އަދި މެލޭޝިޔާގެ ތަޙްގީގީ އިދާރާތަކުގެ ތެރެއަށް އެތެރޭން ވިޔަސް ބޭރުން ވިޔަސް އެއްވެސް ނުފޫޒެއް ފޯރުވޭނެ ފުރުސަތު ދެވިގެން ނުވާނޭކަމަށެވެ.             

އަންވަރު އިބްރާހިމް ބޮޑުވަޒީރަކަށް ވެވަޑާއިގަތުމާއެކު ކޯވިޑް 19 ގެ ތެރޭގައި އޭރުގެ ސަރުކާރުން އެތައް ބިލިއަން ރިންގިޓެއް އާންމު އުސޫލާ ޚިލާފަށް ޚަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެ ސަރުކާރުގައި ބޮޑުވަޒީރަކަށް ހުންނެވި މުޙްޔިއްދީން ޔާސީން މި އިލްޒާމަތަކަކީ ސިޔާސީގޮތުން ކުރިމަތި ކުރުވާ ޖެއްސުމެއްކަމަށްވަނީ ވިދާޅުވެފައެވެ.                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް