ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ފަހަރަށް އެޖެންޑާކޮށް، ޓުއަރިޒަމް މިނިސްޓަރ ކަމަށް އޭނާއަށް މަޖިލީހުން ރުހުން ދީފި އެވެ.
ޑރ ޢަބްދުﷲ މައުސޫމަށް ރުހުންދިނުމަށް ފާސްކުރީ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެވަގުތު ހާޟިރުވެ ވަޑައިގެން ތިއްބެވި 69 މެމްބަރުންގެ އިއްތިފާޤުންނެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ވަޒީރުކަން ދެއްވި މައުސޫމަށް ރުހުން ދިނުމަށް މީގެ ކުރިން ވެސް މަޖިލީހުގައިނއެޖެންޑާ ކުރިއެވެ. ނަމަވެސް ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކަމާ ގުޅޭ ގޮތުން އެކުލަވައިލައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓު، ރިޔާސަތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ފޮނުވައިލެއްވީ، ޑރ ޢަބްދުﷲ މައުސޫމް ހުވާ ކުރެއްވި އިރު ކުންފުންޏެއްގެ އިސް މަޤާމެއްގައި އޭނާ ހުންނެވި ކަން އެނގިވަޑައިގަތުމުންނެވެ. އެމަޤާމުން އޭނާ ވަކިވެވަޑައިގެންނެވިކަން އިކޮނޮމިކް މިނިސްޓްރީން މަޖިލިހަށް އެންގެވީ އޭގެ ފަހުންނެވެ.
ކޮމިޓީއަށް ރިޕޯޓް އަނބުރާ ފޮނުވައިލުމުން، އެ ކޮމިޓީން ނިންމީ މައުސޫމް އަލުން ހުވާކުރެއްވުމަށް ލަފާދިނުމަށެވެ. އެ ލަފަޔާ އެއްގޮތަށް އޭނާ ވަނީ ފަހުން މަޤާމުގެ ހުވާކުރައްވައިފައެވެ.
ޑރ މައުސޫމަށް ރުހުން ދިނުމުގެ ކަންތަކުގައި ގޮތެއް ނުނިންމައި އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ނުދާން މަޖިލީހުން މިދިޔަ ހޯމަ ދުވަހު ނިންމަވައި، އެގޮތަށް ހުށަހެޅުއްވީ އެ ދުވަހުގެ ރިޔާސަތުން މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ޑރ މައުސޫމް ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމުގައެވެ.