ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ އަނިޔާވެރިންގެ ކުރިމަތީ ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުގެ ރިޔާަސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިހާރު ކުރިއަށްދާ ”ހޯޕް ކޮންފަރެންސް” ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކައިގައި އަދުރޭ ވިދާޅުވީ ޖަލުގައި މިހާރު ހުންނެވި ރައީސް ޔާމީން އެދިވަޑައިގަންނަވަނީ އެ މަނިކުފާނުގެ ސަޕޯޓަރުން މާޔޫސްވެވަޑައި ނުގަތުމަށް ކަމަށެވެ.

”ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކޮށް އަޅުގަނޑު ފުރަތަމަ ދަންނަވައިލަން އޮތީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ އެދިވަޑައިގަތުމެއް. އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދިވެހި ޤައުމުދެކެ ލޯބިވާ އެންމެހާ ޢިއްޒަތްތެރިންގެ އަރިހުން އެއްގޮތަކަށް ވެސް މާޔޫސްވެވަޑައިނުގަންނަވަން.ދިވެހި ޤައުމު އަޅުވެތިކަމުގެ ދަށަށް ދިއުމަށް އާއެކޭ ވިދާޅުނުވުމަށް. އަޅުގަނޑުމެންގެ ބިންތަކާއި ފަޅުތަކާއި ފަރުތަކާއި ހަރުމުދާ އަޅުގަނޑުމެންގެ ބާރު ނުފޯރާ ގޮތަށް ދޫވެގެންދާއިރު ބަލަން ނުތިއްބެވުމަށް. ހަމައެއާއެކީގަ މިނިވަންކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުން އެންމެ ފަހު ނޭވާއާ ހަމައަށް މަސައްކަތް ކޮށްދެއްވުމަށް.” ރައީސް ޔާމީންގެ މެސެޖު ދެއްވަމުން އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ އަނިޔާވެރިންގެ ކުރިމަތީ ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
އަދި ރައީސް ޔާމީން ހުންނެވީ ތަންފުކެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާ ގޮތަށް ކަމަށާއި ޔާމީންގެ ވިސްނުންފުޅު ހުރީ ޤައުމު އަޅުވެތިކަމުގެ ދަށަށް ދިޔަ ނުދެއްވުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޖަލަށް ލައިގެން އުޅެނީ ރައީސް ޔާމީނެއް ނޫން ކަމަށާއި ޖަލަށް ލައިގެން އުޅެނީ ރާއްޖޭގެ ”މިނިވަންކަން” ކަމަށާއި, ޖަލަށް ލައިގެން އުޅެނީ ދިވެހި ޒުވާނުން މާދަމާއަށް ކުރަމުންދާ ”އުންމީދު” ކަމަށެވެ. އަދި ޖަލަށް ލައިގެން އުޅެނީ ދިވެހިން ދިވެހި ޤައުމާ ދޭތެރޭ ކުރަމުންދާ އުންމީދު ކަމަށެވެ.
ފޮޓޯ: ޕީޕީއެމް