ފުއްގިރި މައްސަލަ: ގާޒީ ނަދީމް ވިދާޅުވީ ތަނާޒުލްވާންޖެހޭ ސަބަބެއް ނެތް ކަމަށް

Loading

Facebook
Twitter
WhatsApp

ރ.ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް  ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޚިޔާނަތްތެެރިވެވަޑައިގެންނެވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އެއްވެސް މަސްްލަހަތެއް ނެތް ކަމަށާއި މައްސަލައިން ތަނާޒުލުވެވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ ނަދީމް މިއަދު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލަ ބެއްލެވުމާ ގާޒީ ޢަލީ ނަދީމް ހަވާލުވެވަޑައިގެންނެވީ ކުރިން އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލު އެ މައްސަލައިން ތަނާޒުލުވެވަޑައިގަތުމުންނެވެ.

މައްސަލައާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން މި މައްސަލައިގައި ވަނީ ގާޒީ ނަދީމްގެ މަސްލަހަތު ފުށުއަރާތީ މައްސަލައިން ތަނާޒުލުވެވަޑައިގަންނަވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބެއް ކަމަށް ވަކީލުން ފާހަގަކުރެއްވީ މި މައްސަލައިގައި ދައުލަތުގެ ހެއްކެއް ކަމަށްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ގާޒީ ނަދީމް ކުރިން ހަރަކާތްތެރިވެވަޑައިގެންފައި ވުމެވެ.

އެ ގޮތުން އެ ދުވަހު ގާޒީ ނަދީމް ވިދާޅުވީ އެކަމާ ވިސްނަވާނެ ކަމަށެވެ. ނިންމެވި ގޮތް ހާމަކުރައްވަމުން މިއަދު އޮތް އަޑުއެހުމުގައި ގާޒީ ނަދީމް ވިދާޅުވީ އަދީބުގެ ވަކީލެއްގެ ގޮތުގައި ޝަރީޢަތަށް ވަޑައިގަތީ މީގެ ހަތް އަހަރު ކުރިން ކަމަށާއި, އެއީ އަދީބު ހައްޔަރުކުރި މައްސަލައެއްގައި ބަންދުގެ މުއްދަތު ޖެހުމުގެ މަޖިލީހަށް ކަމަށެވެ. އަދި ނައިބު ރައީސްކަމުން އަދީބު ވަކިކުރި ފަހުން އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އެއްވެސް ޖިނާޢީ މައްސަލައެއްގައި ޤާނޫނީ ޚިދުމަތެއް ދީފައެއް ނުވާނެ ކަމަށް ވެސް ގާޒީ ނަދީމް ވިދާޅުވިއެވެ.

“މައްސަލަ ނިމިގެންދާނީ ދަޢުވާ ސާބިތުވާކަމަށް ނުވަތަ ނުވާކަމަށް ނުވަތަ ޖިނާޢީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް. [ޙުކުމް އަންނަ ގޮތަކުން] އަޙްމަދު އަދީބަށް ލިބޭނެ ފައިދާއެއް ނެތް.“ 

ގާޒީ ނަދީމް ވިދާޅުވީ މައްސަލަތަކުން ތަނާޒުލުވާން އޮންނަނީ ދެ ސަބަބެއް ކަމަށެވެ. އެއީ ދަޢުވާ ކުރެވޭ މައްސަލައިގެ ތަޙްޤީޤު މަރުހަލާއިން ފެށިގެން ދަޢުވާ ކުރުމާ ހަމައަށް ބައިވެރިވުމެއް އޮތުން ކަމަށާއި, ދަޢުވާ ލިބޭ މީހެއްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުން ނުވަތަ ޤާނޫނީ ޚިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް