އީރާނުން ބޭނުންވެއްޖެނަމަ ބައިވަރު ނިއުކްލިއަރ ބޮމް އުފެއްދިދާނެ

Loading

Facebook
Twitter
WhatsApp


އެސޯޝިއޭޓެޑް ޕްރެސް ( ދުބާއި ) އިން ހާމަކޮށްފައިވާ ގޮތުގައި އީރާނުން ބޭނުންވެއްޖެނަމަ މިހާރުވެސް ގިނައަދަދެއްގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސްގެ އެޓޮމިކް އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮއްސީ އިންޒާރު ދެއްވައިފިއެވެ. އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގާ އީރާނުން ރަޝިޔާއަށް ހަތިޔާރުގެ އެހީ ފޯރުކޮށް ދިނުމުގެ މާކުރިންވެސް އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހައްދެއް ކަނޑައެޅުމަށް ބައިނަލް އަގްވާމީ ގޮތުން ކުރެވެމުންދިޔަ މަސައްކަތަށް އެއްވެސް ކާމިޔާބީއެއް ލިބިދާނެ ކަމަށް ހީކުރެވިފައެއް ނެތްކަމަށެވެ.

ޔޫރަޕްގެ ގާނޫނީ ބޭފުޅުން ކުރެއްވި ސުވާލަކަށް ރަފައެލް މަރިއާނޯ ދެއްވި މި ޖަވާބުން  އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ގޮސްފައިވާ ހިސާބު ރަނގަޅަށް ދެނެގަނެވިއްޖެއެވެ. ރަފައެލް މަރިއާނޯ އިތުރަށް ވިދާޅުވީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް މިހާރު ގޮސްފައި އޮތް ހިސާބުން ވަރަށް ފަރުވާތެރިކަމާއި އެކުގައި މެނުވީ ދެން އެކަމާދޭތެރޭ ވާހަކަ ދެއްކޭކަށްވެސް ނެތެވެ.

ޔަގީންވެ ކަށަވަރުވާ އެއްކަމެއް އެބައޮތެވެ. އެއީ އެގައުމުގައި އެތައް ބައިވަރު ނިއުކްލިއަރ ހަތިޔާރު އުފައްދާނެ ޔުރޭނިއަމްގެ ފުނިވަރުތަކެއް މިހާރު އެބަހުއްޓެވެ.

އޭގައި މަދުވެގެން 70 ކިލޯގްރާމް ހުންނާނެއެވެ. އެކަމަކު މިހާތަނަށް އަދި އެ ގައުމުން ނިއުކްލިއަރ ހަތިޔާރު އުފައްދާފައެއް ނުވެއެވެ. އީރާނުގެ ގޮތްދޫނުކުރާ ރައީސް މަހްމޫދު އަޙްމަދިނެޖާދުގެ ވެރިކަމުގައިވެސް މިފެންވަރަށް ޔުރޭނިއަމް ފައްކާކޮށްފައެއް ނުވެއެވެ.

އީރާނުގައ 60% އަށް ފައްކާކޮށްފައިވާ ޔުރޭނިއަމް އެބަހުރިކަމަށާއި އެ ގައުމުން ބޭނުންވެއްޖެނަމަ މަދުވެގެން ނިއުކްލިއަރ ބޮމެއް މިހާރުވެސް ތައްޔާރުކުރެވިދާނެކަމަށް ޔުނައިޓެޑް ނޭޝަންސްގެ އެކްސްޕާޓުންގެ ޓީމުން މީގެ އެތައް މަހެއް ކުރިއްސުރެން އަންނަނީ ބުނަމުންނެވެ.

ނަމަވެސް އީރާނުން ބުނަމުން ގެންދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްޙަވެރި ބޭނުންތަކަށް ހިންގޭ ޕްރޮގްރާމެއް ކަމުގައެވެ. އަދި މިކަމާގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ޔުނައިޓެޑް ނޭޝަންސްގައި ހުންނަވާ އީރާނުގެ ސަފީރަށް ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވީ އެހެންގައުމު ތަކުންވެސް އެއްބަސްވެފައިވާ ގޮތަށް ކަންތައްތައް ކުރަމުން ގެންދާނަމަ އީރާނުންވެސް އެގޮތަށް ޢަމަލު ކުރާނެކަމަށެވެ.

އީރާނުގެ މަދަނީ ނިއުކްލިއަރ ޕްރޮގްރާމުގެ އެންމެ އިސް ވެރިޔާ މުޙަންމަދު އިސްލާމީ އެ ގައުމުގެ ރަސްމީ ޓެލިވިޒަންގައި ވިދާޅުވީ ރަފައެލް މަރިއާނޯ ގްރޮއްސީ އީރާނަށް ވަޑައިގެން ކަންހިނގާގޮތް ރަނގަޅަށް ބެއްލެވުމަށް ދައުވަތު ދެއްވާކަމަށެވެ.

ބައިނަލް އަގްވާމީ ބޮޑެތި ބާރުތަކާއެކު ވެވިފައިވާ އެއްބަސްވުމަށް އަމަލުކުރުން ބައެއް ފަރާތްތަކުން ހުއްޓާލުމާއި ގުޅިގެން އީރާނުން ޔުރޭނިއަމް ފައްކާކުރުން އިތުރުކުރި ނަމަވެސް އެއީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަގްސަދު އޮވެގެން ކުރާކަމެއް ނޫނެވެ.                         

އީރާނުގެ ސަފީރުގެ ވާހަކަ ފުޅަށް ރައްދުދެއްވައި އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އީރާނުން ދެއްކި ތިޔަކަހަލަ ކިތަންމެ ވާހައެއް މިހާރު އަޑު އިވިއްޖެކަމަށާއި ތިޔަހަދަނީ ކަނޑައެޅިގެން ދޮގޭ އަހަރެމެން ނުބުނި ނަމަވެސް ތިޔަވާހަކަތައް އަހަރެމެން ގަބޫލެއް ނުކުރަމެވެ. 

ބައިޑަން ސަރުކާރުގެ އެހެން އޮފިޝަލުންވެސް ވިދާޅުވަނީ މަހްސާ އަމީނީގެ މަރާގުޅިގެން ހިނގަމުންދާ ހަމަނުޖެހުން ތަކާހުރެ އީރާނާއެކުގައި ދެން އެއްމޭޒު ދޮށަށް ދިއުމަށް އެމެރިކާއިން ނުވިސްނާ ކަމަށެވެ. އެމެރިކާއިން އީރާނުދެކެ ރުޅިއަންނަ އަނެއް މައްސަލައަކީ އާންމު ގޮތެއްގައި ރަޝިޔާއާއި އީރާނަކީ ބައިނަލް އަގްވާމީ ކަންކަމުގައި އެއްގަލަކަށް އަރާ ގައުމުތަކަކަށް ނުވެފައި ކުއްލިއަކަށް ޔޫކްރެއިން ހަނގުރާމައިގާ ރަޝިޔާއަށް އީރާނުން ހަތިޔާރު ފޯރުކޮށްދިން ދިނުމެވެ. 

މީގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިކަމާއި ދެތެރޭ އެމެރިކާއިން ކަންބޮޑުވުން ފާޅުކުރެއެވެ. ބޮޑަށް ބުރެވެވޭ ގޮތުގައި އީރާނުގެ އަމާޒަކީ 1979 ގައި އެމެރިކާއިން ދީފައިހުރި އެއަރ ޑިފެންސް ގެ ނިޒާމު މާބޮޑަށް ބާވެފާ ހުރުމުގެ ސަބަބުން އޭގެ ބަދަލުގައި ރަޝިޔާގެ އެންމެ ފަހުގެ އެއަރ ޑިފެންސް ނިޒާމް އީރާނުގައި ގާއިމްކުރުމަށް މަގުފަހިކުރުން ކަމުގައި ވެދާނެއެވެ.              

އެޓޮމިކް އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލްގެ އެންމެ ފަހު ބަހަކީ އީރާނާއެކު ދެކެވެމުންދިޔަވާހަކަތައް މިހާރު އޮތީ އެތެރޭގައި އެއްކޮށް ހޮއި ހެދިފައެވެ. އެހެންނަމަވެސް އަހަރެމެން ދެއަތް އުރާލައިގެން ނުތިބޭނަމެވެ.         

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް