ރާއްޖޭގެ ފުޓުބޯޅައިގެ ވާހަކަ އަޑު އިވޭތަނާ އެންމެ ފުރަތަމަވެސް ހިތަށް އަންނާނީ ޖަރޒީ ނަމްބަރ 7، އަލީ އަޝްފާޤް (ދަގަނޑޭ)ގެ ނަމެވެ. ”އަދިވެސް ދަގަނޑޭ، އަދިވެސް ދަގަނޑޭ، ކައިރިން އައި ތިންކުޅުންތެރިން ކައިރިން ނައްޓާ ގޯލަށަ ފޮނުވާލާ…..“ މިއީ މެޗްތަކުގެ ކޮމެންޓްރީއިން ދިވެހިންގެ ކަންފަތްތަކަށް ފަރިތަ ޖުމްލައެކެވެ. މުޅި ސައުތް އޭޝިޔާގެ ފުޓުބޯޅަޔަށް ބަލައިލިޔަސް ދަގަނޑޭއަކީ އެފަދަ ދެވަނައެއް ނެތް ފޯވާޑެކެވެ. ގޯލާ އެހާމެ ރައްޓެހި ކުޅުންތެރިއެކެވެ. ކޮށްޓާލާ މޮޅު ކޮށްޓުންތައް ހުއްޓުވަން ފައުލް ކުރުން ނޫން ގޮތެއް ޑިފެންޑަރުންނަށް ނުފެންނަ، ހުނަރުވެރި ކުޅުންތެރިއެކެވެ. އިއްޔެ އުމުރުން 35 އަހަރު ފުރުނު ދަގަނޑޭގެ ނަމަށް އަދިވެސް ދިވެހި ފުޓުބޯޅައި ފަނޑުވުމެއް ނެތެވެ.
ދަގަނޑޭ ވަނީ އޭނާގެ ކެރިޔަރުގައި ރާއްޖޭގެ ފެންވަރުގަޔާއި، ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.
މިގޮތުން ޤައުމީ ފެންވަރުގެ އެވޯރޑް ލިސްޓެއް އަތުރާލާނަމެވެ. ދަގަނޑޭވަނީ 10 ފަހަރު ދިވެހި ލީގުގެ ތަށި އުފުލާލައިފައެވެ. އެފްއޭކަޕް 6 ފަހަރު، އަދި ޕްރެޒިޑެންޓްސް ކަޕް 4 ފަހަރު ދަގަނޑޭ އުފުލައިލިއެވެ. މީގެ އިތުރުން ޕޯމިސް ކަފާއި ކްލަބް ވިނާސް ކަޕް ވަނީ ދެފަހަރު އުފުލާލައިފައެވެ. އަދި ޗެރިޓީ ޝީލްޑްވަނީ 3 ފަހަރަށް އުފުލާލައިފައެެވެ.

އިންޑިވިޖުުއަލް އެވޯޑް ލިސްޓުގައި ދަގަނޑޭ އުދުހެނީ އަދި މާ މަތީގައެވެ. އޭނާއަކީ މިހާތަނަށް ސާފް ޗެމްޕިއަން ޝިޕްގައި އެންމެ ގިނަ ގޯލްޖެހި ރެކޯޑް އޮތް ކުޅުންތެރިޔާއެވެ.އޭނާ ވަނީ ހަވީރު ރަން ބޫޓު، އަދި ސީޒަން ޓޮޕް ސްކޯރަރގެ މަޤާމު 7 ފަހަރު ކާމިޔާބު ކޮށްފައެެވެ. އަދި އޭނާއަކީ އައި.އެފް.އެފް.އެހް.އެސް ގެ 2013 ވަނަ އަހަރުގެ ދުނިޔެއިން ދެވަނައަށް ހޮވުނު ޓޮޕް ސްކޯރާއެވެ. އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ޓޮޕް ސްކޯރަރ ކަމާއި، އޭޝިޔާގެ ގަދަ 10 ކުޅުންތެރިންގެ ލިސްޓުގައި 2 ފަހަރަށް ހިމެނިފައެވެ. ހަމަ އެހެންމެ އޭނާއަކީ 2009 ވަނަ އަހަރު ސައުތް އޭޝިޔާގެ ސަޕޯޓަރުންގެ މެދުގައި އެންމެ މަޝްހޫރު ކުޅުންތެރިޔާއެވެ.
ހަމައެހެންމެ އޭނާއަކީ ޖުމްލަ 464 ގޯލާއިއެކު ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޤައުމީ ޓީމަށް އެކެނިވެސް 53 ގޯލު ކާމިޔާބު ކޮށްދީފައެވެ. އޭނާއަކީ އޭއެފްސީ ކަޕްގެ ރާއްޖޭގެ ޓޮޕް ސްކޯރާއެވެ. އަދި އޭނާއަކީ ބޭރު ކްލަބެއްގައި ކުޅެ، ކެޕްޓަންކަން ކޮށް ތަށްޓެއް އުފުލާލި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 18 އަހަަރުގައި ޤައުމީ ޓީމަށް ހެޓްރިކް ހަދައިދީފައެވެ. އަދި ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ ކަޕްގެ ޝަރަފުވެރި މަޤާމުތަކެއް އޭނާވަނީ ހޯދައިފައެވެ.
ކޮޅުން ނުލާވަރަށްވެސް ދަގަނޑޭގެ ކާމިޔާބީތައް ލިސްޓު ކޮށްލެވިދާނެއެވެ. އެއީ މިޤައުމުގެ ކުޅިވަރުގެ ފަޚުރެކެވެ. ޤައުމުގެ ގިނަ ބައެއްގެ ލޯބި ހޯދި ފިސާރި ދަރިއެކެވެ. ދިވެހި ޖައްވުގައި ދަގަނޑޭގެ ނަން ފިލައިގެން ނުދާނެއެވެ. އެއީ ހަމަ ޤައުމީ ލެޖެންޑެކެވެ!