''ދީނަށް ފުރައްސާރަކުރި އެމްޑީއެން އުވައިނުލާނެ ކަމުގެ ޔަޤީންކަން ރައީސް ދެފަހަރު ދެއްވި''

Loading

Facebook
Twitter
WhatsApp

އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިނުލައްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެފަހަރެއްގެ މަތިން ދެއްވި ކަމަށް އެމްޑީއެން ހިންގުމުގައި އަދި މިހާރު ވެސް ހިންގަމުންދާ ޝަހިންދާ އިސްމާޢީލް ބުނެފިއެވެ.

ރައީސް ޞާލިޙަށް ފާޑު އަމާޒުކޮށް ކުރި ޓުވީޓެއްގައި ޝަހިންދާ ބުނީ އެމްޑީއެން އުވައިލަން ގޮވާލައި ރައްޔިތުން އިހުތިޖާޖުކުރި ދުވަސްކޮޅު ދެ ދުވަހެއްގައި ރައީސް އޮފީހުން އޭނާއަށް ގުޅުއްވި ކަމަށެވެ. އޭނާ ބުނި ގޮތުގައި ގުޅުއްވީ ސެކެޓްރީއަކާއި  ޗީފް އޮފް  ސްޓާފް ޢަލީ ޒާހިރެވެ.

“އަޅުގަނޑުގެ ތަޖުރިބާގައި ރައީސް ޞާލިޙަކީ ކަނޑައެޅިގެން ދޮގުހަދާ މީހެއް. 2019 ގައި އަޅުގަނޑުމެންނާ ދިމާކޮށްގެން އުޅުނުއިރު ސީދާ ރައީސްގެ މެސެޖެއް ދިނުމަށް ރައީސް އޮފީހުގެ އިސް ދެބޭފުޅަކު އަޅުގަނޑަށް ފޯނުން ގުޅި. ސެކެޓްރީއަކާއި ޗީފް އޮފް ސްޓާފް. ‏ދެ ކޯލުގައި ވެސް ބުނީ އެމް.ޑީ.އެން އުވާނުލާނެކަމުގެ ޔަޤީންކަން ދޭކަމަށް. ދެން ބުނީ އުވާލާނަމަ އެ  ދެެވެނީ ތިޔަ އެންމެން މަރާލަންކަން އެނގޭކަމަށް. އުވައިލީ ދެވަނަ ކޯލުގެ 5 ދުވަސް ފަހުން.“  

އެމްޑީއެންއިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް“ ގެ ނަމުގައި ރިޕޯޓެއް ނެރުމުން ރާއްޖޭގެ ދީނީ ޢިލްމުވެެރިންނާއި ރައްޔިތުން ނުކުމެ ވަރަށް ބޮޑަށް އަޑުއުފުލިއެވެ. ދެތިން ކައުންސިލެއް ފިޔަވައި ހުރިހައި ރަށެއްގެ ކައުންސިލުތަކުން އެމްޑީއެން އުވައިލަން ގޮވާލައްވައި ބަޔާން ނެރުއްވިއެވެ.އެ ގޮތުން އެމްޑީއެން އުވައިލަން ސަރުކާރުން ނިންމެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހުއެވެ.

މި އުންމަތަށް އެންމެ މަތިވެރި ނިޢުމަތްދެއްވި ދަތުރުފުޅުކަމަށްވާ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ ޚިޔާލީ ވާހަކައެއްކަމަށް ސިފަކޮށްދޭން އެމްޑީއެންއިން މަސައްކަތް ކުރިއެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރު ކުރެވުނު ތަޙްޤީޤެއް, އެޅުނު ފިޔަވަޅެއް ފެންނާން ނެތެވެ. އެ ޖަމްޢިއްޔާގައި އިސްކޮށް ތިބި މީހުން މިހާރު ތިބީ ސަރުކާރުގެ އިސް މަޤާމުތަކުގައެވެ. 

2021 ވަނަ އަހަރު މާޗު 10 ގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އެމްޑީއެންގެ މައްސަލަ ފުލުހުން ކުރިއަށް ގެންދާ ކަމަށާއި, ނަމަވެސް ތަޙްޤީޤު މަޑުޖެހިފައި އޮތީ އެމްޑީއެންގެ އިސް ފަރާތްތައް ރާއްޖޭގައި ނެތުމުން ކަމަށެވެ. އަދި އެ މީހުން ރާއްޖެ އައިހާ އަވަހަކަށް އެ ތަޙްޤީޤު ކުރިއަށްދާނެކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ތަޙްޤީޤު ހިންގިފައިނުވަނީ ރިޕޯޓު ލިޔުނި ފަރާތްތައް ދިރިއުޅޭ ތަނެއް ނޭނގޭތީ ކަމަށެވެ.

ނަމަވެސް ޝަހިންދާ ދިިރިއުޅޭ ތަނާއި ހުރިހައި މަޢުލޫމާތެއް ދިވެހި ސަރުކާރަށް އެނގޭ ކަމަށާއި, ތަޙްޤީޤަށް ހާޒިރުވާން އޭނާއަށް އަންގާފައިނުވާ ކަމަށް އޭނާގެ ބޭބެ އިބްރާހިމް އިސްމާޢީލް (އިބްރާ) އެ އަހަރުގެ ޖޫންމަހުގައި ވިދާޅުވެފައިވެއެވެ.

“އޭނާ އުޅޭ ތަނާއި, އެޑްރެހާއި, ފޯނު ނަންބަރާއި, އީމެއިލްއާއި, ދިވެހި ސަރުކާރަށް އެނގޭ“ އިބްރާ އޭރު ވިދާޅުވިއެވެ.

އެމްޑީއެންގެ މައްސަލައާއި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އުތެމައިގެ މައްސަލައިގެ ތަޙުޤީޤުކުރިއަށް ގޮސްފައިވާ ހިސާބު ސާފުކުރަން މަދަނީ ޖަމްޢިއްޔާތަކުން އެތައް ފަހަރަކު ފުލުހުގައި އެދިފައިވެއެވެ. ނަމަވެސް އެކަމަށް ޖަވާބެއް ވެސް ދީފައެއް ނުވެއެވެ.

Loading

One Response

  1. މިރާއްޖޭގައި އިސްލާމުދީނާ ޚިލާފް ޚިޔާލޔތަކާއި ޝުއޫރު ފާޅުކުރުން އޮތީ ގާނޫނުން މަނާ ކޮށްފައެވެ. ވީމާ، އެފަދަ ޚިޔާލުތަކާއި ޝުއޫރުތައް އުވާލުމުގެ ކުރިންވެސް އޮންނަން ޖެހޭނީ އުވާލެވިފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް