ރައީސް ޞާލިޙްގެ އިންޒާރާ އެއްގޮތަށް ''ނުލަފާކަން'' ދައްކާލައިފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ.މާޅޮހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާނީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ޝުޢޫރު ފާޅުކުރުމާއި, އެއްވެ އުޅުމަކީ “ބޮޑު ބިރެއް“ ގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު އެއްވެސް ހުރަހެއްނެތި ޚިޔާލު ފާޅުކުރުމަށް “ތަންމިނަށް“ ހުޅުވާލައިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“ތިމާ ފާޅުކުރާ ޚިޔާލެއްގެ ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށްވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތުގެ ތޫރި ފޫއަޅުވައިލާ އެއްޗަކަށެއް. އެ ހިސާބަށް ގޮސްފިއްޔާ ދެންޖެހޭނީ ވެރިކަމުގެ ތިބި ބަޔަކު އެއާ ދޭތެރޭ ވިސްނަން.“ އިންޒާރު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅާ އެއްގޮތަށް ރޭ ފެނިގެންދިޔައީ އަމަލު ކުރެއްވި މަންޒަރެވެ. 

ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މައްޗަށް ދައުލަތުން އުފުލި ދެ ދަޢުވާ ސާބިތުވާކަމަށް ނިންމައި އެ މަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ކޮންމެ ރެޔަކު އަންނަނީ އެމަނިކުފާނު މިނިވަން ކުރަން ގޮވާލައްވައި އިހުތިޖާޖު ކުރަމުންނެވެ.

އެ ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައެވެ. އިހުތިޖާޖުގެ ބައިވެރިންގެ ލޮލަށާއި, އަނގައަށް ޕެޕަރ ސްޕްރޭ ޖަހައި ހެދިއެވެ. އޭގެއިތުރުން ބައެއް މީހުން ހައްޔަރުކުރިއިރު, އެ މީހުން ބިންމައްޗަށް ވައްޓައިލާ “އޮބިއަޅުވައި“ އަނިޔާކޮށް ހެދިއެވެ. 

ހައްޔަރުކުރި އެއް ބޭފުޅަކީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަޙްމަދު އައިފާނެވެ. ފުލުހުން ވަނީ އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. މިރޭ އިރާކޮޅުގެ ވަގުތެއްގައި އައިފާން ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ބަންދުން ދޫކޮށްލުމުން ނިކުމެވަޑައިގެން މަގުމަތީގައި ހުންނަވައި ޗެނަލް 13 އަށް ދެއްވި ބަސްދީގަތުމެއްގައި އައިފާން ވިދާޅުވީ ރޭ ފެނިގެންދިޔައީ ރައީސް ޞާލިޙްގެ އިންޒާރާ އެއްގޮތަށް އަމަލުކުރެއްވި މަންޒަރު ކަމަށެވެ.

“އިބްރާހިމް މުޙައްމަދު ޞާލިޙް އިހަކަށް ދުވަހު ރަށެއްގަ ގޮސް ދެއްކީ ސުލްހަވެރިކަމާއެކީ އިހުތިޖާޖުކުރާ މީހުންގެ އުނދަގޫ މާބޮޑުވެގެން އެ ވާހަކަ ދެއްކިތާ މާގިނައިރުތަކެއްނުވެ އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ފުލުހުންގެ ފަރާތުން ވަރަށް އަނިޔާވެރިކޮށް ކަންތައްތައް ހިންގި މަންޒަރު. ފުލުހުން ރޭގަ މުސްކުޅިންނެއް, ބަލި މީހުންނެއް ނުބަލައި އެއެއްމިއެއް ނުބަލައި ޕެޕަރ ސްޕްރޭ ބޭނުންކުރަމުންދިޔަ މަންޒަރު ފެނިގެން މި ދިޔައީ.“ ފުލުހުން އޭނާއަށް ކޮށްފައި ހުރި އަނިޔާތައް ދައްކައިލައްވަމުން އައިފާން ވިދާޅުވިއެވެ.

“އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެތަނަށް ދިޔައީކީ ޤާނޫނާ ޚިލާފުކަމެއް ކުރާކަށް ނޫން. ޤާނޫނުއަސާސީގަ ލިބެދޭ ސުލްހަވެރިކަމާއެކު ޚިޔާލުފާޅު ކުރުމުގެ ޙައްޤު ބޭނުން ކުރުމަށް.“ އޭނާ އިތުރަށް ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ ފުލުހުން ލައްވައި އަނިޔާކުރުމަށް ފުލުހުންގެ ވެރިންނަށް އޯޑަރު ދެއްވެވިދާނެ ކަމަށެވެ. އެކަމަކު ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ކުރަމުން އަންނަ އިހުތިޖާޖުތައް ނުހުއްޓުވޭނެ ކަމަށާއި ދާނީ ކުރިއަށް ކަމަށް އައިފާން ވިދާޅުވިއެވެ.

ރޭގެ އިހުތިޖާޖާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނީ ފުލުހުން މެދުވެރިކޮށް ހަރަކާތުގެ ބައިވެރިންނަށް އަނިޔާވެރިވުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައީސް ޞާލިޙްގެ އެންގުމަށް ފުލުހުން ނުކުމެ ރައްޔިތުންނަށް އަނިޔާވެރިވެ, ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމާއި, ރައްޔިތުންގެ ލޮލަށާއި އަނގަޔަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ޢަމަލުތައް ހިންގާފައިވާކަން ފާހަގަކޮށް ކޯލިޝަނުން ވަނީ އެ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި, ހިޔުމަން ރައިޓްސް ކޮމިޝަން ފަދަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް