އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް 100 އަށްވުރެ ގިނަ މަޝްރޫޢު

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ހިންގަން އިއުލާނުކޮށް, ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެފަހުން, ޚާއްސަކޮށް ޖަނަވަރީ ފެށުނު ފަހުން ސަރުކާރުގެ ހަތަރު މިނިސްޓްރީއަކުން ވަނީ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް އިއުލާނުކޮށް, ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށް އެެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ޔޫތު މިނިސްޓްރީން 40 މަޝްރޫޢު އިއުލާނުކުރިއެވެ. އެއާއެކު 11 މަޝްރޫޢުއެއް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ހައުސިންގ މިނިސްޓްރީން 27 މަޝްރޫޢުއެއް ކޮންޓްރެކްޓަރުންނާ ހަވާލުކުރިއެވެ. އަދި ތިން ރަށެއްގައި ހައުސިންގ ޔުނިޓުތައް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ބިންގާ ވަނީ އަޅައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން 13 މަޝްރޫޢު ކޮންޓްރެކްޓަރުންނާ ހަވާލުކުރިއިރު, ހެލްތު މިނިސްޓްރީން 18 މަޝްރޫޢުއެއް ހަވާލުކުރިއެވެ. 

އެހެންކަމުން އެ މިނިސްޓްރީތަކުން ކޮންޓްރެކްޓަރުންނާ ހަވާލުކުރި މަޝްރޫޢުތަކުގެ ޢަދަދަކީ ޖުމްލަ 69 އެވެ. އިއުލާނު ކުރި މަޝްރޫޢުތަކުގެ ޢަދަދަކީ ޖުމްލަ 40 އެވެ.

އޭގެތެރެއިން ގިނަ މަޝްރޫޢުތައް އިއުލާނުކޮށްފައިވަނީ  އިބްރާހިމް މުޙައްމަދު ޞާލިޙް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުތަކާ ދިމާކޮށްކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓާއި, ފުވައްމުލަކުގައި 400 ހައުސިންގ ޔުނިޓާއި, ކުޑަހުވަދޫގައި 50 ހައުސިންގ ޔުނިޓު ޢިމާރަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. 

ހަމައެއާއެކު ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުގައި ނެތް މަޝްރޫޢުތައް ވެސް އިއުލާނުކޮށްފައެވެ. އެ ގޮތުން ކެމްޕޭނަށް ލ.އަތޮޅަށް ވަޑައިގެން އެ އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވަން ވިސްނަވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ އަނެއް މުހިންމު ނުކުތާއަކީ މި ހުރިހާ މަޝްރޫޢުއެއް ސަރުކާރުން އިއުލާނުކުރިއިރު, ފަށާފައި ހުރި ގިނަ މަޝްރޫޢުތައް މަޑުޖެހިފައި އޮތް އޮތުމެވެ. ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެ ކަންކަމާ ކަންބޮޑުވުން ފާޅުކުރައްވައި ކެމްޕޭން ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވައިފައެވެ.

އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ މަގެއް ހަދަން ނަގަނީ ގިނަވެގެން ދެތިން މަސް ކަމަށާއި, ނަމަވެސް ފަސް އަހަރު ނިމިގެން މިދަނީ މަސައްކަތްތައް ނުނިމި ކަމަށެވެ. އައްޑޫ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް އެންމެ މުހިންމު އެއްކަމަކީ އެއާޕޯޓު ތަރައްޤީ ކުރުން ކަމަށާއި, ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި ސާކު ސަމިޓަށް ހެދި ވީއައިޕީ ލައުންޖު ފިޔަވައި އެ ތަނުގައި އިތުރުކަމެއް ވެގެންދާ ތަން ނުފެންނަ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ އެމްޑީޕީގެ އަމާޒަކަށްވީ އައްޑޫގައި ފަތުރުވެރިކަމަށް 8,000 އެނދު ހުޅުވައިލުން ކަމަށާއި, ނަމަވެސް އެކަމެއް ވެސް ނުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އެއީ 2018 ވަނަ އަހަރަށް ނުކުތްއިރު ވެފައި އޮތް ވަޢުދެއް. އެ ވަޢުދު އޮތީ ނުފުއްދި. މިހާރު މި ދައުރު ނިމުނީ.“ ކުރީގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރަން މި ދައުރުގެ މެދުތެެރޭގައި ބޭއްވި ބައި-އިލެކްޝަނުގެ ކެމްޕޭނު ތެރޭގައި ސަރުކާރުން ވަނީ ދެ ކޮމަންޑޫ ގުޅުވައިލަން ވަޢުދުވެފައެވެ. އެކަމަށް ޢިޝާރަތް ކުރައްވައި ވެސް ރައީސް ނަޝީދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

“ރަނގަޅަށް ވޯޓުލައި ނުނިމޭ ޖައްރާފު ގެންގޮސްފި. މިހާރު އެޅި ވެލިކޮޅު ހިނގައްޖެ. ޙަޤީޤަތުގަ މީ ކޮމަންޑޫ މީހުންނަށް ވަރަށް ބޮޑު ހިތާމައެއް.“ މާލޭގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ނަޝީދު ވިދާޅުވިއެވެ

ވިލިފުށި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓު އަޅަން ޝައުޤުވެރިވާ ފަރާތްތަކަށް ސަރުކާރުން ފުރުސަތު ހުޅުވައިލީ 2021 ވަނަ އަހަރު ތެރޭގައެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް ފެށިފައެއް ނުވެއެވެ. އެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ވިލިފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް