ރާއްޖެއިން ކޯވިޑް19 އަށް އިތުރު 125 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 19 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 106 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 112 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 13 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 8468 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2629 އެކްޓިވް ކޭސް ހިމެނޭއިރު، 168 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1235 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 38 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ ތެރޭގައި 20 ރިސޯޓް ހިމެނެެެވެ. ރިސޯޓްތަކުން ވަނީ 45 މުވައްޒަފުންނާއި، 17 ފަތުރުވެރިޔަކު މިބައްޔަށް ފައްސިވެފައެވެ.
ކޯވިޑް19 ގެ އެންމެ ފަހުގެ އަދާހަމަތައް ހާމަކުރުމަށް އެހްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮންޓެކްޓް ޓްރޭސިންގ ޓީމުންނާއި، އަތޮޅުތެރޭގެ ޓީމްތަކުން ބޭފުޅުން ބައިވެރިވެފައެވެ.