"ރީޑިސްކަވާ މޯލްޑިވްސް" ގެ ނަމުގައި ވެބިނާ ސީރީޒެއް ފަށައިފި

Loading

Facebook
Twitter
WhatsApp

”ސޭފް ހޭވަން“ އެއްގެ ގޮތުގައި ރާއްޖެ ދައްކަން އެމްއެމްޕީއާރްސީން ”ރީޑިސްކަވާ މޯލްޑިވްސް“ ނަމުގައި ވެބިނާ ސީރީޒެއް ފަށައިފި އެވެ.

އެމްއެމްޕީއާރްރްސީން މިދިއަ ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވުމާ ގުޅިގެން ”ރީޑިސްކަވާ މޯލްޑިވްސް“ ނަމުގައި ވަނީ ކެމްޕޭނެއް ލޯންޗުކޮށްފަ އެވެ. ވެބިނާ ސީރީޒް ތަކެއް ފެށީ އެ ކެމްޕޭނުގެ ދަށުންނެވެ.

މި ވެބިނާ ސީރީޒަކީ ”ސޭފް ހޭވަން“ އެއްގެ ގޮތުގައި ރާއްޖެ ދައްކާ ބަލިމަޑުކަމުގެ ދަނޑިވަޅުގައި ވެސް ޒިޔާރަތް ކުރަން އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރާނެ ސީރީޒެކެވެ. އަދި މިއީ ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑެތި މާކެޓްތަކުގެ ޓްރެވަލް ޓްރޭޑާއި މީޑިއާތަކަށް ހާއްސަ ކުރާނެ ވެބިނާ ތަކެކެވެ.

ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށް ކުރިއަށްގެންދާ މިވެބިނާ އަކީ އެއް މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ރާއްޖޭގައި ކޮވިޑްގެ އަދަދު 8،000 އަށް ވަނީ އަރާފައި ވީނަމަވެސް ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އިއްޔެ ވަނީ ފަތުރުވެރިން ރާއްޖެ އަންނަ އުސޫލަށް ބަދަލު ގެނެސްފަ އެވެ.

ކޮވިޑް ޓެސްޓުން ނެގެޓިވްކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެއަށް ޓޫރިސްޓުންނަށް ނާދެވޭ ގޮތަށް، ބަދަލު ކުރި އިރު، ރީއޯޕަނިންއަށް ފަހު މިހާތަނަށް އައިސްފައިވަނީ 12،000 ޓޫރިސްޓުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް