ދިވެހީންގެ ޤައުމިއްޔަތު ތެރެއިން އިސްލާމް ދީން ބަލިކަށި ކުރަން ބަޔަކު އުޅޭ

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެން ދިވެހީން މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތްލިބި އެދީނުގެ މަތީގައި ދިރިއުޅެމުން މިދަނީ ﷲ ތަޢާލާ އަޅުގަނޑުމެނަށް ހެޔޮގޮތް އިރާދަ ކުރެއްވުމުން ކަމުގައި އަޅުގަނޑު ހަމަގައިމުވެސް ޤަބޫލު ކުރަމެވެ. 

އެވޭލާގައި އަޅުގަނޑުމެންގެ ކާބަފައިން، ޔައުނީ އިސްލާމް ދީން ޤަބުލު ކުރުމުގެ ކުރިން އުޅުނީ ކޮންފަދަ އަކުންތޯއެވެ؟ ބުދަށް އަޅުކަން ކުރުމާ، އިރަށް އަޅުކަން ކުރުމާ، އިންސާނުންގެ ޖިންސީ ގުނަވަނަށް އަޅުކަން ކުރުމާ މިފަދަ އެތަކެއް ނުބައި ޢަމަލު ތަކެއްގެ ތެރޭގައެވެ. 

އެހެނަސް މާތް ﷲ އަޅުގަނޑުމެނަށް އިސްލާމް ދީނުގެ ހިދާޔަތް އިރާދަކުރެއްވި އަޅުގަނޑުމެނީ ދެދުނިޔޭގެ ބާއްޖަވެރިން ކަމުގެ ނަސީބު ލިބިގަތުމަށެވެ. މީގެ 800 އެތަކެއް އަހަރުކުރިން ދިވެހިރާއްޖޭގެ މީސްތަކުން އިސްލާމް ދީން ޤަބޫލު ކުރުމަށް ފަހުގައި މިއަދު މިވަނީ އަޅުގަނޑުމެން ތެރެއިން ބައެއް މީހުން އިސްލާމް ދީނާ މެދު ދެކޭގޮތް ބަދަލުވާން ފަށައިފި ކަމުގެ ރަނގަބީލު އަޅަން ފަށާފައެވެ. މާއްދިއްޔަތަށް ގޮސް ހުސްވުމުން ކުރެވޭ ނުބައި ކަންކަމެވެ. 

ދިވެހިރާއްޖޭގެ ސިޔާސީ  ބައެއް ލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމް ދީން ކޮންޕްރޮމައިސް ކޮށްފައިވެސް ޤައުމުތަކާއި 1 ނަންބަރު ކީއްކުރަންތޯ ބެޑްރޫމް ޝެއަރ ކުރުމުގެ ފޮރިން ޕޮލިސީވެސް ގެންގުޅެން ޖެހެއެވެ. އެމީހުން ދެކޭ އެގޮތް ގަބޫލު ނުކުރާ މީހުނަކީ އެއީ އިސްލާމް ދީނުގެ ހަރުކަށި ފިކުރު ގެންގުޅޭ ބަޔަކަށް ވެދެއެވެ. މިކަންމިމަގުން ހިނގުމުގެ ނަތީޖާ އަކީ މިއަދު ދިވެހިރާއްޖޭގެ ރަށްރަށުގައި ފަތުރުވެރިން އޮރިޔާން ޙާލު މަގުމަތީގައި މިނިވަންކޮށް އެބައުޅެއެވެ. އަދި މިވަރުން ފުދުނިކީނޫނެވެ. ރާއްޖޭގެ ބައެއް ޒުވާނުންވެސް މާލޭގެ މަގުމަތީގައިވެސް ފަތުރުވެރިންނެކޭ އެއްބިދައިން ހެދުންއަޅާ މަންޒަރު މަދުން ނަމަވެސް ފެންނާން ފަށައިފިއެވެ. ތިމާގެ މީސްމީހުންގެ ގޭގެއަށް ވަންނަ އިރުވެސް ލަދުން ބޯފަޅައިގެންދާ ކަހަލަ މަންޒަރުތައް ފެންނަމުން ދެއެވެ. ކީއްތޯ ކުރާނީ ޑިމޮކްރެސީ މިއޮށްގެން ފައްކާ ވަނީއޭ ބަޔަކު ބުނެއެވެ. 

މިފަދަ ފާޙިޝު ޢަމަލުތައް މަދުވާނެކަމަށް ޢަދާލަތު ޕާޓީއަށް ބައިޢަތުހިފާ މިސަރުކާރު ގެނުވި ބަޔަކުވެސް މިހާރު ހޯހޯއޭ ބުނާހިސާބަށް ހުރިހާ ފާޙިޝު ނުބައި ޢަމަލެއް މިގައުމުގައި މެކުހަށް ޖައްސުވާފިއެވެ. އެ ޝެއިޚުންގެ ދެނީ ކަނުލޮލަކާއި ބީރުކަންފަތެކެވެ. ނަމަވެސް ދެއިރު ދެދަޅައަށް ޙައްގުބަސް ބުނާކަމަށް ދަޢުވާކުރެއެވެ. މީގެން ކަމަކާ އަޅައެއް ނުލައެވެ. ދީނީ ކަންތައް ބަލަހަށްޓާ ހަމަ މަގަށް އެޅުވުމުގެ މިނިސްޓްރީ އިސްލާމިކް އާއި ޕްރޮޓެކްޓް އެންޑް ސާރވް މިނިސްޓްރީ ހޯމް ވަނީ ދީންވެރި ޢަދާލަތަށް ލިބިދެއްވާފައެވެ. ގައިމުވެސް ރައީސް އިބްރާހީމް ސޯލިޙްތާއެވެ. އެނޫންނަމަ އެ ދެމިނިސްޓްރީ ދީންވެރި ބަޔަކާ ޙަވާލު ކުރެއްވުމުގެ ބޭނުމެއް ނޯންނާނެކަމަށް ގަބޫލުކުރެވެއެވެ.

މިއަދުގެ ރައްޔަތުންގެ މަޖިލީސްގެ ރައީސް ވެސް ވިދާޅުވަނީ މިޤައުމުގައި އިސްލާމް ދީނުގެ ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމުގައެވެ. އެކަމަކު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފެށުމަށް މިފަހަރު އެ ވިދާޅުވާ ދިވެހިރާއްޖޭގައި އިސްލާމިކް ސްޓޭޓެއް ޤާއިމް ކުރާނެ ކަމަށް ބުނެވޭ ބުނުން އެއީ ހަރުކަށި ފިކުރަކަށް ނުވެއެވެ. ދެންތިބީ ދެފަރާތުގެ މިފަދަ ވާހަކަތައް އަޑުއަހާ ކޮޑު ހުޅުން ނެއްޓެންދެން އަތްޖަހާ މީހުނެވެ. 

ސުވާލަކީ އިސްލާމްދީނުގެ ހަރުކަށި ފިކުރު އެއީ ކޮން ފިކުރެއްތޯއެވެ. އަޅުގަނޑު ޤަބޫލު ކުރަނީ އެމީހުން ހަރުކަށި ފިކުރޭ މިބުނާ ބަހުގެ މާނަޔަކީ ރީތިބަހުން އެއީ ޓެރަރިސްޓުން ކަމުގައެވެ. ދެން ވިސްނާލުމުންވެސް މިވެސް ބޮޑު ސުވާލެކެވެ. ޓެރަރިސްޓުންނަކީ ކޮބައިތޯއެވެ؟ 15 މާރިޗް 2019 ގައިނިއުޒީލެންޑް ގެ މިސްކިތެއްގައި މުސްލިމުންތަކެއް މަރާލުމުން އެ ޓެރަރ ގާތިލުމީހާ ޓެރަރިސްޓަކަށް ނުވިއެވެ. އެއީ އެމީހާއަކީ މުސްލިމަކަށް ނުވީތީއެވެ. 

އެމެރިކާގެ ކަނެކްޓިކަޓްގައި ސްކޫލް ކުދިންތަކެއް މަރާލިތާ 10 އަހަރު ވެގެންދިޔައީއެވެ. އެއްވެސް ވެރިޔަކަށް އެޓެރަރ ހިންގީ ޓެރަރިސްޓުންތޯ ބުނި ހެއްޔެވެ؟ ނޫނެކެވެ. އެއީ އެކަންކުރި މީހުންނަކީ ކްރިސްޓިއަނުން ކަމުގައިވާތީ ކަމަށްވެސް ވެދާނެއެވެ. އެމެރިކާގައި ވޭތުވި މަދު އަހަރުތަކުގެ ތެރޭގައި ސްކޫލްތަކަށް އަމާޒުކުރެވި 189 ނުވަ ބަޑިޖެހުމުގެ ހާދިޘާ ހިނގާފާވާއިރު، 279 ނުވަ މީހުން މަރުވެ އަދި ޒަޚަމްވެފައި ވެއެވެ. މިއީ އެކްޓިވް 17 ޝޫޓަރުން ކުރިކަންކަމެވެ. މިޝޫޓަރުން ކުރެ އެކަކުވެސް ޓެރަރިސްޓަކަށްބްރޭންޑެއް ނުވިއެވެ. އަޅުގަނޑު ހިތަށް އަރަނީ ޓެރަރިޒަމް ޢަމަލަކީ މިއީ މުސްލިމުން އެކަނި ކުރާ ކަމެއްތޯއެވެ؟

މަތީގައި މިދެންނެވި ކަންކަމާ ޚިލާފަށް މުސްލިމް ނަމެއްގެ ވެރިއެއް ދުނިޔޭގެ އެއްވެސް ތަނެއްގައި އެފަދަ ކަމެއް ހިންގައިފިނަމަ ވަގުތުން އެއީ ޓެރަރިސްޓަކަށް ނޫނީ ހައްދު ފަހަނައަޅާފައިވާ މުސްލިމަކަށް ވެދެއެވެ. އަދި މިވަރުން ނިމުނީކީ ނޫނެވެ. މުސްލިމް ނަމެއް ކިޔާ މީހަކު އިންޑިއާ އަދި އެމެރިކާ ފަދަ ޤައުމުތަކަށް ދިއުމުން، އެމީހުން އޮރިޔާންކޮށް ބަލާފާސްކޮށް ހަދަނީ ހުރިހާ މުސްލިމުންނަކީ ޓެރަރިސްޓުން ކަމުގައި ބަލއިގެންނެވެ. މިސާލަކަށް އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ ޝާހުރުކް ޚާން އަށްވެސް މި މުސީބާތް ދިމޭކުރުވިއެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 9/11 ވަނަ ދުވަހުގެ އެމެރިކާގައި ބަޔަކު ރާވައިގެން (މިހާރު ބުނެވޭ ގޮތުގައި އެމެރިކާގެ ސަރުކާރުން ކުރުވިކަމެއް، އެކަމާ އެމެރިކާ ސަރުކާރުން އަދިވެސް އެއްވެސް ތަނެއްގައި ދެކޮޅު ނުހަދާ) ހިނގި ޓޭރަރިޒަމް ޢަމަލުތަކަކީ އުސާމާ ބިން ލާދިން ކުރުވި ކަމެއްކަމަށް ބުނެ އަފްގާނިސްތާނަށް އަރައި މުޅި އެޤައުމު ސުންނާފަތިކޮށްލީ ކޮން އުޞޫލަކުން ހަމައަކުންތޯއެވެ؟ ހަމަ އެހެންމެ އެގޮތުން އިރާގުވެސް ސުންނާފަތި ކޮށްލީއެވެ.

ރިފަރެންސް

https://www.nbcnews.com/news/world/new-zealand-mosque-shootings

https://www.bbc.com/news/world-us-canada-63911172

https://www.hindustantimes.com/bollywood/thrice-in-7-years-shah-rukh-khan-detained-again-at-us-airport/story-inJ668Q4o3t4CbF0rgS3pL.html

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް