ގޭގައި އެއްޗެހި ހަދައިގެން ވިއްކާ މީހުން ހުއްޓުވާކަށް ނޫޅެން: ރޭމް

Loading

Facebook
Twitter
WhatsApp

ގޭގައި އެއްޗެހި ހަދައިގެން ވިއްކާ މީހުން ހުއްޓުވަން ނޭޅޭ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފިއެވެ.

ރަޖިސްޓްރީ ނުކޮށް ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގުމައި ގުޅިގެން ރޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެޗްޕީއޭގެ އިއުލާނަކީ އެ ޖަމިއްޔާ އިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ބުނެފަ އެވެ. އެޗްޕީއޭއާ އެކު މިދިޔަ މަހު 22ގައި ބޭއްވި ބައްދަލުވުމެއްގައި އެ ޖަމިއްޔާ އިން މި ކަމުގެ ޝަކުވާ ހުށަހެޅިކަން ރޭމްގެ އިސް ބޭފުޅަކު ”މިހާރު“ އަށް ކަށަވަރުކޮށްދެއްވި އެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާއި ގުޅިގެން އާމްދަނީ އިތުރުކުރަން ގޭގޭގައި ގިނަބަޔަކު ތަކެތި ހަދައިގެން ވިއްކާ މި ދަނޑިވަޅުގައި އެޗްޕީއޭއިން ނޫސްވެރިންނާއި ވާހަކަދައްކަމުން ބުނީ، ގަވާއިދާ ހިލާފަށް ކާބޯތަކެތި ވިއްކާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެފަދަ މީހުންނަށް އެއްޗެހި ވިއްކޭނީ ހުއްދަ ނަގައިގެން ކަމަށާއި ރަޖިސްޓްރީކުރަން އެދި ހެލްތު މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

ރޭމްގެ ވައިބާ ގްރޫޕުގައި ދައްކާފައި ހުރި ވާހަކަތަކެއް ސޯޝަލް މީޑިއާގައި ރޭ ލީކުކޮށްލާފައިވެ އެވެ. ރޭމްގެ ރައީސް އިބްރާހީމް އާމިރު (ސަލްސާ އާމިރު) އެ އިއުލާން ވައިބަ ގްރޫޕުގައި ހިއްސާކުރެއްވުމުން ބައެއް މީހުން އުފާފާޅުކުރި އިރު އެކަކު ވަނީ، ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ކާބޯތަކެތި ވިއްކާ މީހުންނާއި ފިހާރަތަކަށް ކާބޯތަކެތި ލައިގެން ވިއްކުން ”ނައްތާލަން“ ރޭމް އިން އެޗްޕީއޭ އަށް ބާރުއެޅުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ރޭމްގެ އިސް ބޭފުޅެއް ވިދާޅުވީ ގޭގެއިން ކާބޯތަކެތި ވިއްކާ މީހުން ރަޖިސްޓްރީކުރަން އެޗްޕީއޭ އިން އެންގީ ރަނގަޅު އެންގުމެއް ކަމަށާއި އެފަދަ މީހުން އަމަލުކުރަން ޖެހެނީ ކޮން އުސޫލުތަކަކަށްތޯ ވެސް އެ ޖަމިއްޔާ އިން ބަލާނެ ކަމަށެވެ.

އެޗްޕީއޭގެ އިއުލާނުގައި ބުނީ ރަޖިސްޓްރީ ނުކުރާ ބަދިގެތަކުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގަ އާއި އެހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވެރީގެ ހިދުމަތް ދެމުންގެންދާ ކަމުގެ މައުލޫމާތާއި ޝަކުވާ އެ ތަނަށް ލިބެމުންދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް