އިސްރާއީލުން ހިންގަމުންގެންދާ އުދުވާނާމެދު ދުނިޔޭގެ ކަންބޮޑުވުން

Loading

Facebook
Twitter
WhatsApp

އިސްރާއީލުން އަތުލާގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ފައި ހިއްޕާލައިގެން ތިބުމުގެ އިންސާފަކީ ކޮބައިތޯ ޔުނައިޓެޑް ނޭޝަންސް އިން ދުނިޔޭގެ ކޯޓުގައި އިސްތިޝާރީ ލަފައަކަށް އެދިފައިވާ މިދަނޑިވަޅުގައި ފަލަސްތީނުން އަތުލާގެންފައިވާ އެ ބިންތަކުގައި ފަލަސްތީނުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ އުދުވާނާދޭތެރޭ އިންތިހާއަށް ކަންބޮޑުވުން ހާމަކޮށް ނުވަދިހައަށަކަށްވުރެން ގިނަ ގައުމާއި މަދަނީ ޖަމާއަތްތަކުން އަޑު އުފުލަމުން އެބަ ގެންދެއެވެ.

އެގައުމުތަކުގެ ތެރޭގައި އަރަބި ގައުމުތަކާއި އަދި އޯ. އައި. ސީ. ގެ މެމްބަރު ގައުމުތައް ހިމެނެއެވެ. އޭގެ އިތުރުން ޖަރުމަނާއި ފަރަންސޭސި ވިލާތާއި އިޓަލީވެސް ހިމެނޭ ގޮތަށް ޔޫރަޕްގެ 27 ގައުމެއްވެސް ހިމެއެވެ. އަދި ދެކުނު އެފްރިކާއާއި މެކްސިކޯއާއި ޖަޕާނާއި ސައުތުކޮރެއާއާއި ބްރެޒިލްވެސް ހިމެނެއެވެ. އ. ދ. ގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ވިދާޅުވީ ދުނިޔޭގެ ކޯޓަށް މައްސަލަ ފޮނުވުމާމެދު ވަކިގޮތަކަށް ވޯޓުދޭން ބޭނުންނުވި ގައުމުތަކުންވެސް މިކަމުގައި ބައިވެރިވަމުންދަތީ އުފާކުރައްވާކަމަށެވެ.

މިދިޔަ ބުދަދުވަހު ފަލަސްތީނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އ. ދ. އިން ދުނިޔޭގެ ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމުން އެއީ އިސްރާއީލުން ރުޅިއައިސްގެން ފަލަސްތީނުންނަށް އަނިޔާވެރިކަން ހައްދުފަހަނަޅާ ދާންވީ ސަބަބެއްކަމުގައި އެ ގައުމުތަކަށްވެސް ގަބޫލު ނުކުރެވޭ ކަމަށެވެ.

އަދި އެ އަމަލުތައް ވަގުތުން ހުއްޓުވަން ޖެހޭކަމަށެވެ. އިސްރާއީލުގެ އަނިޔާވެރިކަން ހައްދު ފަހަނަޅާފައިވާ ސަރުކާރުން މިހާރު ގެންދަނީ އަނިޔާވެރިކަމުގެ ހުރިހާ އިމެއް ކަޑައްތު ކުރަމުންނެވެ. މި އަނިޔާވެރިކަމަށް އެނެމެ ފަހުން އެޅުނު ބޮޅުތަކުގެ ތެރޭގައި ފަލަސްތީނަށް ލިބެންޖެހޭ 39 މިލިއަންޑޮލަރު އިސްރާއީލުގެ ބޭންކުތަކުގައި ހިފޭއްޓުމަށްފަހު މިހާރު އެފައިސާ ޚަރަދުކުރަން ނިންމާފައިވަނީ ފަލަސްތީނުގެ އެކިއެކި ޙަމަލާގައި ގެއްލުން ލިބުނު ޔަހޫދީންނަށް ބަދަލު ދިނުމަށް ކަމަށްބުނެފިއެވެ.                                  

ފަލަސްތީނުގެ ސަފީރު ވިދާޅުވީ އިސްރާއީލް ފަލަސްތީނުގެ މައްސަލާގައި ކޮންމެ މަހަކު އޮންނަ ސެކިއުރިޓީ ކައުންސިލްގެ ބައްދަލު ވުމުގައި އިތުރު ގައުމުތަކުން ފަލަސްތީނަށް ތާއީދުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

މިސްރުގެ ގާހިރާގައި ހުންނަވާފައި ޗައިނާގެ ޚާރިޖީވަޒީރު ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ގޯސްވަމުންދާތީ ޗައިނާއިން ވަރަށް ކަންބޮޑުވާކަމަށެވެ.އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ އެ ސަރަހައްދުގެ ސުލްޙައާއި އަމަންއަމާންކަން ދެހެމެއްޓުމަށްޓަކައިބައިނަލް އަގްވާމީ ސުލްޙައާއި ޢަދުލު އިންސާފުގެމަގުން މިހާރުން މިހާރަށް ޙައްލު ކުރަން ޖެހިފައިވާ މައްސަލައެކެވެ.

އިސްރާއީލުން ހިންގަމުންގެންދާ އުދުވާނާ ގުޅިގެން މައްސަލަ ގޯސް ނުކުރަން ޗައިނާގެ ޚާރިޖީ ވަޒީރު ވަނީ އިސްރާއީލަށް ގޮވާލާފައެވެ. އަދި ޗައިނާއިން ތާއީދުކުރާނީ ސުލްހަވެރިގޮތުގައި މައްސަލަ އަށް ނިމުމެއް ގެނައުމަށެވެ.                                                            

ޚާރިޖީ ވަޒީރު ވިދާޅުވީ ދެ ދައުލަތުގެ މައްޗަށްބިނާކޮށް މައްސަލައަށް ރަނގަޅު ނިމުމެއް ގެނައުމަށްޓަކައި ތަފާތު ހުށައެޅުންތައް މިހާތަނަށް ޗައިނާއިންވެސްހުށައަޅާފައި ވާނެކަމަށާއި  މި ހުށައެޅުންތަކުގެ މައްޗަށް ރިއާޔަތް ކޮށް ސުލްހަވެރި ދެދައުލަތެއް ގާއިމުކޮށް މައްސަލަ ނިންމާދިނުން ބައިނަލް އަގްވާމީ ބާރުތަކުގެ ކިބައިން ޗައިނާ އެދޭކަމަށެވެ.

މިދިޔަ ހަފްތާގައި އޮތް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައިވެސް ޗައިނާއިން ޢަރަބިންގެ ހުށައެޅުމަށް ތާއީދުކޮށް އެ މައްސަލަ އަވަހަށް ނިންމުމަށް ބާރު އަޅަމުން ގެންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް