ނިއުޒީލޭންޑުގެ ބޮޑުވަޒީރުގެ ޙައިރާންކުރަނިވި އިސްތިއުފާ

Loading

Facebook
Twitter
WhatsApp

ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާރޑާރން މިއަހަރު އޮކްޓޯބަރުގައި އޮންނަ އާންމު އިންތިޚާބޔގައި ވާދަކުރައްވަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވެ އެކަމަނާ ނިސްބަތްވާ ލޭބަރ ޕާރޓީން މިދިޔަ ބުރާސްފަތިދުވަހު ބޭއްވި ބައްދަލުމުގައި ވިދާޅުވުމުން ޕާރޓީއަށް ކުއްލި ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އިންތިޚާބު ބޭއްވުމަށް އެކަމަނާ ކަނޑައަޅުއްވައި ޢިއްލާން ކުރެއްވީ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހެވެ.                         

އުމުރު ފުޅުން 42 އަހަރުގެ ޖަސިންދާ ވިދާޅުވީ އެކަމަނާގެ ކިބައިގާ ދެން އިތުރަށް ވެރިކަންކުރާނެ ހަކަތަ ނެތްކަމަށެވެ. އަހަރެންގެ ކިބައިގާ ހުރި ހުރިހާ ހަކަތައެއް ބޮޑުވަޒީރުގެ ޙައިސިއްޔަތުން ގައުމަށް ހޭދަކޮށް ދެވިއްޖެ ކަމަށެވެ.

ތާންގީ ފުރިފާ ހުރެގެން ނޫނީ މިކަހަލަ ވަޒީފާއެއް އަދާނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮންމެވެސް ވަރަކަށް ތާންގީގައި ރިޒާވްވެސް ހުންނަން ޖެހޭނެއެވެ. އަހަރެންނަށް އެނގޭ ކަމަކީ އަހަރެންގެ ރިޒާވް ތާންގީވެސް ހުރީ މިހާރު ހުސްވެފައި ކަމެވެ. މިއަށްވުރެން ސާފުކޮށް ބުނެދޭނެ އެހެން ގޮތެއް އަހަންނަކަށް ނޭގެއެވެ. އެކަމަނާ ވިދާޅުވިއެވެ.                                                               

ޖަސިންދާއަކީ ދުނިޔޭގެ ތާރީޚުގައި އެންމެ ހަގު އުމުރުގައި ގައުމެއްގެ ވެރިޔަކަށް ހޮވުނު އަންހެން ބޭފުޅާއެވެ. 2017 ވަނައަހަރު އެކަމަނާގެ ލީޑަރޝިޕްގައި ލޭބަރ ޕާރޓީން އިންތިޚާބު ކާމިޔާބު ކުރިއިރު އެކަމަނާގެ އުމުރުފުޅަކީ އެންމެ 37 އަހރެވެ. އެކަމަނާ ވިދާޅުވީ އެކަމަނާ ނެތަސް ލޭބަރ ޕާރޓީން އާންމު އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ލޭބަރ ޕާރޓީ އަކީ ފަޚުރުވެރި ޕާރޓީއެކެވެ. ފާއިތުވެ ދިޔަ ދެ ދައުރުގެ ވެރިކަމުގައި އެކަންވާނީ ސާބިތު ކޮށްދީފައެވެ. އަހަރެންގެ ޕާރޓީގައި ހިންގުންތެރި އަދި ޗެލެންޖާ ކުރިމަތިލާން ކެރޭނެ ތަޖްރިބާކާރު ބޭފުޅުން މަދެއް ނޫނެވެ.                                            

2019 ވަނައަހަރު މާރޗް މަހުގެ ތެރޭގައި ކްރިސްޗާރޗްގެ މިސްކިތެއްގައި ހިނގާދިޔަ ގަތުލު އާންމުގައި އެކަމަނާ ބުރުގާ އަޅުއްވައިގެން ހުންނަވާ އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކޮށްދިޔަ މީހުންގެ ޢާއިލާތަކާއިއެކު ވަގުތުހޭދަކުރެއް ވުމުން މުޅިދުނިޔޭގެ ލޯތައް އަމާޒު ކުރެވިގެން ދިޔައެވެ. އަދި އެ ޙާދިސާއާއި ގުޅިގެން ބަޑި ގެންގުޅުމުގެ ގާނޫނު ބަދަލުކުރައްވައި ސެމީ އޮޓޯމެޓިކް ހަތިޔާރު ގެންގުޅުން ގާނޫނުން މާނާ ކުރެއްވިއެވެ.         

އެކަމަނާގެ ހިންގުންތެރިކަން ދެވަނަ ފަހަރަށް ފާހަގަވެގެން ދިޔައީ 2019 ވަނައަހަރުގެ ކޯވިޑްގެ  ބަލިމަޑުކަމާއި އަދި ހަމަ އެއަހަރު މެދުވެރިވި ނިއުޒީލޭންޑުގެ އަލިފާން ފަރުބަދައެއްގޮވައި 22 މީހުން މަރުވި ހާދިސާގައެވެ. ކޯވިޑްގެ ބަލިމަޑުކަން ފެތުރެމުންދިޔަ ވަގުތު މުޅި ނިއެޒީލޭންޑް އެއްކޮށް ބަންދުކޮށް ޙާލަތަށް ބައްލަވައި ބަދަލުގެންނަވަމުން ތަންފީޒް ކުރެއްވި ސިޔާސަތުގެ ސަބަބުން އެ ގައުމު ވަރަށް އަވަހަށް އާންމު ޙާލަތަކަށް ރުޖޫޢަވެ ހަމަޖެހުމަކަށް އައުން ފާހަގަކޮށްލެވެއެވެ.                                     

ލޭބަރ ޕާރޓީން އެހެން ބޭފުޅަކު ޚިޔާރުކުރުމަށް މި ޖެނުއަރީގެ 22 ވަނަ ދުވަހު ވޯޓުލުން އޮންނާނެއެވެ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޕާރޓީގެ ތެރެއިން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް ހޯދަން ޖެހޭނެއެވެ.

އެހެން ބޭފުޅަކު ޚިޔާރު ކުރުން ފެބްރުއަރީ މަހުގެ 7 އާއި ހަމަޔަށް ކުރިޔަށް ދާނެއެވެ. ޖަސިންދާގެ ވަރަށް އަރިސް ބޭފުޅަކު ކަމުގައި ހުންނެވި ބޮޑުވަޒީރުގެ ނައިބު އަދި މާލީ ވަޒީރު ގްރާންޓް ރޮބަރޓްސަން ވިދާޅުވަނީ އެބޭފުޅާގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.                                                  

ނިއުޒީލޭންޑަށްވެސް ކުރިއަށް ދުވަސްތަކުގައި އިގްތިސާދީ ދަތިތަކާއި ކުރިމަތިލާން ޖެހުން ވަރަށް ކައިރިކަމުގައި އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ.                                             

Loading

2 Responses

  1. އެކަމަނާ އެ ވިދާޅުވީ ރަނގަޅުވާހަކައެކެވެ. އުމުރު ކިތަންމެ މައްޗަށް ދިޔަސް ވިހިތިރީސް އަހަރު ވެރިކަންކުރެވުނީމާވެސް ހަކަތައިގެ ތާންގީ އަދިވެސް ހުރީ ފުރިފައޭ ރިޒާވް ތާންގީގައި އަދި އަތްވެސްނުލަމޭ ބުނެ ކިހާދުވަހަކަު ހިފާއްޓާލެވިދާނެ ހެއްޔެވެ. ކިތަންމެ ކަންކުރެވޭ ބޭފުޅެއް ކަމަށް ހީކުރިއަސް ކޮންމެ ގައުމެއްގައިވެސް ކޮންމެ ވެރިޔަކުވެސް ފެޔަށްޖެހި އެހެން މީހަކަށް ފުރުސަތު ލިބުން އެދޭނެ 49 އިން ސައްތަ މީހުންތިބޭނެއެވެ. މަގުމައްޗަށް ނިކުމެ ވެރިމީހާ ބޭރު އަރުވާލަންދެން ގަދަފައި ވިއްދާފައި ހުރުމަކީ ހުތުރު ގޮތެެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް