ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ބިދޭސީ ވަކީލުންނަށް ދެން ލިބޭނެ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ކޯޓުތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދީފިއެވެ.

ބިދޭސީ ވަކީލުންނަށް ހުއްދަ ދިން ކަމަށް އަންގާ ބާ ކައުންސިލުން ނެރުނު ގަވާއިދުގައި ބުނެފައި ވަނީ، ރާއްޖޭގެ ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރެވޭނީ ކޯޓެއްގައި ހިނގަމުންދާ މައްސަލަތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އަދި ވަކި މުއްދަތެއް ވަންދެން ކަމަށެވެ. އަދި ބިދޭސީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ ލޯ ފޯމްތަކަށް ކަމަށެވެ.

މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، ބިދޭސީ ގާނޫނީ ވަކީލު އައްޔަނުކުރަން ބޭނުންވާ ފަރާތުން، ބާ ކައުންސިލުން އެ ކަމަށް ކަނޑައަޅައި، ބާ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ފޯމުންނެވެ.

މި ގަވާއިދުގެ ދަށުން ބިދޭސީ ގާނޫނީ ވަކީލު ޝަރީއަތުގައި ވާހަކަ ދެއްކުމަށް ގަސްތުކުރާ ބަހުން ވާހަކަ ދެއްކުމާމެދު މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިއުތިރާޒެއް ނެތްކަން އެނގޭނެ ލިޔުމެއް ނުވަތަ ބިދޭސީ ގާނޫނީ ވަކީލަށް ޝަރީއަތުގެ މަޖިލީހުގައި ހިނގާ ކަންކަން ތަރުޖަމާ ކޮށްދިނުމާއި، އަދި ދައްކާ ވާހަކަތައް ޝަރީއަތަށް ތަރުޖަމާ ކޮށްދިނުމަށް ޓަކައި ތަރުޖަމާނެއް އައްޔަނު ކޮށްފައިވާކަން އަންގައިދޭ ލިޔުމެއް ކޯޓަށް ހުށަހަޅާންޖެހެ އެވެ. އަދި ވަކީލަށް ހުއްދަ ދިނުމުގައި އިތުރު ލިޔުންތަކަށް ބަލަންޖެހޭ ކަމަށް، ބާ ކައުންސިލަށް ފެންނަ ހާލަތުގައި، އެ ލިޔުންތައް ހޯދުމަށް، ބާ ކައުންސިލަށް އެދެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ބިދޭސީ ވަކީލު ރާއްޖެއަށް އެތެރެވެފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަކީ ވަކީލު އައްޔަނު ކުރަން ބޭނުންވާ ފަރާތުގެ ޒިންމާއެއް ކަންވެސް މި ގަވާއިދުގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ވަކާލާތު ކުރުމަށް ހުއްދަ ދެވޭނީ ރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި، ބިދޭސީ ވަކީލަކީ ވަކާލާތު ކުރުމުގެ ސައްހަ ހުއްދައެއް ލިބިފައިވާ ވަކީލެއްކަން ކަށަވަރު ކުރުމާއި، ކުށުގެ ރެކޯޑެއް ނެތް ވަކީލެއްކަން ކަށަވަރުކުރުމުންނެވެ.

މި ގަވާއިދުގައި އިތުރަށް ވަނީ، ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައަކީ ރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަމުގައި ވާނަމަ، ވަކާލާތު ކުރުމުގެ ހުއްދަ ލިބުނުތާ ފަސް އަހަރު ދުވަސް ވެފައިވާ ވަކީލަކަށްވުމާއި، އެ ވަކީލަކު ވަކާލާތުކުރާ ޖުރިސްޑިކްޝަނެއްގެ އެންމެ މަތީ މަރުޙަލާގެ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ވަކީލަކަށް ވާންޖެހޭނެ ކަމަށްވެސް ގަވާއިދު ބުނެ އެވެ. އަދި ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައިގެ ބާވަތަކީ، ދިވެހިރާއްޖެއިން އެ ކަމުގެ ފަންނީ އަދި ގާބިލު ވަކީލުން ލިބެން ނެތް ނުވަތަ އެފަދަ ވަކީލުން މަދު ދާއިރާއެއް ކަމުގައި ވުމުން ނޫނީ އެކަމުގެ ހުއްދަ ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި ގަވާއިދުގެ ދަށުން ބިދޭސީ ވަކީލުންނަށް ހުއްދަ ދޭނީ އެއް އަހަރުގެ މުއްދަތަށް ކަމަށާއި ހުއްދަ އާ ނުކުރާ ނަމަ ނުވަތަ ވަކާލާތު ކުރަން ހުއްދަ ދިން މައްސަލަ ކޯޓުން ނިމުމާ އެކު އެ ހުއްދަ ބާތިލްވާނެ އެވެ.

Loading

One Response

  1. ރާއްޖޭގެ ޢަދުލު އިންސާފު ފާލުންނެއްޓި ރައްޔަތުން ހާސްކަމެއްގެ ތެރެއަށް ދާނެ 2023 ނިމުމުގެ ކުރިން. ޖާބިރު ބުނާހެއް ޖޭއެސް ގެ ރައީސް އާއި މަޖިލިސްގެ ރައީސް މޭޒުމަތީގައި ޖިމޢު ވާނަމަ އެއީ ވަރަށް ބިރުވެރި ޢަމަލެކެވެ. އެހެނީ އެ ޙާލަތުގައި ފަނޑިޔާރުގެއަށް ކޮންމެފަދަ އޯޑަރެއްވެސް މިދެމީހުން ބައިވެގެން ނެރެފާނެތީއެވެ. ބޭރުމީހުން ގެނެސްގެން މާރަނގަޅަށް ހިލާލެވެނެއެވެ. އެހެނީ މިވެރިންނާއިއެކު ހެޕީ އަވާރސް ހަދަން އެވެރިން ބައިވެރިވެވިދާނެތީއެވެ. އެހެންވެއްޖެނަމަ ދެން ޖާބިރު އެބުނާ ހުރިހާގޮތެއް ވުން އެކަށީގެން ވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް