މިވަގުތު ރާއްޖޭގައި ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފެދުން މުހިންމީ

Loading

Facebook
Twitter
WhatsApp


 ވަގުތާއި ޙާލަތަށް ބަލައި  ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްވުރެ މިވަގުތު ރައްޔިތުންނަށާއި ގައުމަށް ފައިދާ ބޮޑީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުން ކަމުގައި ދެކޭ މީހުން ވަރަށް ގިނައެވެ.

ސަބަބުތަކެއް ނެތިއެއް ނޫނެވެ. ގައުމީ އެއްބައި ވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށްޓަކާ ފެންނަ ނުފެންނަ ވޯޓަކަށްގޮސް ފައިސާ ޕްރިންޓްކޮށްގެން ރައްޔަތުންނަށް ފޫނުބެއްދޭވަރުގެ ބޮޑު ޚަރަދެއް ކުރާކަށް ނުޖެހެއެވެ. ރައްޔަތުން އަތާއި އަނގަޔާއި ދިމާނުވެ މިތިބި ދަނޑިވަޅުގައި އެފަދަ ޚަރަދެއް ރައްޔަތުންގެ ޖީބުން ކުރުމަކީ ހެޔޮވާވަރުގެ ކަމެއްވެސް ނޫންތާއެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާ ލުމަށްޓަކާ ގާނޫނީ އެއްވެސް ހުރަހެއް ނެތްކަން އޮތީ ވަރަށް ސާފުކޮށް އެނގޭށެވެ.

މިހާރު ހިންގެމުންދާ ކޮލިޝަން ސަރުކާރު ތަކަކީ ރައްޔަރުންނަށް އޮތް ބޮޑު ވޭނެކެވެ. ޚަރަދުބޮޑު އަދި ކުދިކުދި ޕާޓީތަކަށް ބައި އަޅައިގެން އެމީހުންގެ ލާބަޔާއި މަންފާއަށް ރުއްސަން ހިންގޭ ޖަރީމާ ފާސިގު ބޮޑު ވިޔާފާރިއެވެ.

 ރާއްޖޭގައި އުފައްދާފައިވާ ގިނަ ސިޔާސީ ޕާޓީތަކަކީ އާބާދީގެ %02 އިންސައްތަ ވެސް ލިބިފައި ނުވާ ޕާޓީ ތަކަކަށް ވާއިރު ކޯލިޝަން ސަރުކާރެއް އެކުލަވާލާ ސަރުކާރު ބާރުތައް ބޯކިބަލެއް ފަޅާބީދައިން ފަޅިފަޅި ކޮށް އެމީހުނަށް ދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ވަމުން އަންނަ ވަޢުދުތަށް ފުއްދުމަށް އެޅިގެންދާ އެންމެ ބޮޑު ހުރަސްކަން މާޟީގެ ތަޖްރިބާތަކުން ވަރަށް ސާފުކޮށް އެނގިއްޖެއެވެ. ދީނަށްޓަކާ ގައުމަށްޓަކާ ރައްޔަތުންނަށްޓަކާ ގޮވައި ބުހުތާން ދޮގުގެ މައްޗަށް ދޮގު ހަދައިގެން ރައްޔަތުންނަށް ވެވޭ މިއީ ވަރަށް ބޮޑު ޚިޔާނާތެކެވެ. އަދި ދީނީ ހަމަތަކުން ބެލިނަމަވެސް ޙަރާމްކަން ބޮޑުގޮތެއްގައި ހިންގޭ ނުބައި ޙަރާމް ކޯލިޝަނެކެވެ.

ކޯލިޝަނުގެ ބޭނުމަކީ ދައުލަތުގެ ޚަޒާނާއިން ބައި އެޅި ރަނގަޅަށް، ލިބުނު ފުރުސަތުގެ ބޭނުން ހިފުމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ބައިހަދާފައި ދޮލަނގުގެ ދެފަރާތުގައި އިށީދެ ދެބަނޑަށް ކާލުމެވެ. މިހެން ވުމުން ރައްޔަތުމީހާ ދަރައި ވިކުނީއެވެ. ދައުލަތްވެސް ދަރާ ސުންނާފަތިކޮށް ލެވުނީއެވެ.

    މިނުބައި ޙަރާމް ތަޖުރިބާއާއި އެކީ މިހާރު ގައުމު ހަމަމަގަށް އެޅުވުމަށް ނުވިސްނާނީ ކާކުތޯއެވެ. ހަމަގައިމުވެސް ނިކަމެތީން އިތުރަށް ނިކަމެތި ވެއްޖެކަން ކަށަވަރެވެ. މަތިބަރު ސަރުކާރެއް ނުހިންގަން ވަޢުދުވެ ކުރިން ދެންނެވި ތިން ”ޓަކާ“ ގެ މަތިން އުފެދުނު މިސަރުކާރު ރައްޔަތުން ރޮއްވާލައިފިއެވެ.

އެހެންކަމުން 2023ގައި އަވަސް ހެޔޮބަދަލަކަށް ވިސްނުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެއްކަމުގައި ދެކެމެވެ. މި މުސީބާތުން ސަލާމަތް ވުމަށް ޙައްލަކާ ދޭތެރޭ ވިސްނުމަކީ ކޮންމެހެން ކުރަންޖެހި ލަސްވެފައިވާ ކަމެކެވެ.

 ޝައްކެއް ނެތެވެ! ރާއްޖޭގައި ގާއިމް ވެފައިވާ އެންމެ ބޮޑު ސިޔާސީ ދެޕާޓީ އަކީ އެމްޑީޕީ އާއި ޕީޕީއެމް އެވެ. ވުމާއި އެކު ގައުމު ހުރިހާ ގޮތަކުންވެސް އިސްލާމް ދީނަށާއި ރައްޔަތުންނަށް ފައިދާކުރަނިވި ހަރުދަނާ ސިޔާސަތުތަކެއް ބިނާކޮށް އެސިޔާސަތުތަށް ތަންފީޒް ކުރެވޭނީ ރައްޔަތުންގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިދީފައިވާ މިފަދަ ބަޔަކަށެވެ. އެހެނީ އެ ދެ ޕާޓީ އެކުވުމުން ގައުމުގެ 75% ވޯޓް ކަށަވަރު ވީއެވެ. 

  މިއިން ކޮންމެ ޕާޓީއަކީ ރާއްޖޭގެ އާބާދީގެ %40 އިންސައްތައަށްވުރެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ 2 ޕާޓީކަމަށް ވުމުން މިދެންނެވި 2 ޕާޓީ ގުޅިގެން ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލެވުމަކީ މުސްތަގުބަލަށް އޮތް އެންމެ ރަނގަޅު ގޮތްކަމުގައި ގަބޫލު ކުރަން ޖެހެއެވެ. މިސާލެއްގެ ގޮތުން މެލޭޝިޔާގައި މިހާރު އުފެދިފައި އެވާ ސަރުކާރު ނަމޫނާއަކަށް ފުދެއެވެ. މެލޭޝިޔާ ގައިވެސް އެވަނީ އެތަކެއް އަހަރުތަކެއް ވަންދެން ސިޔާސީ ސަކަރާތްގަނޑަކަށް ފަހު އެންމެ ބޮޑު ދެ ޖަމާޢަތް ގުޅިގެން ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލައިފައެވެ.

    ރައްޔިތުންގެ ސަރުކާރެއް ގާއިމްކުރެވޭނީ ރައްޔިތުން ރުހޭގޮތެއްގެ މަތިން ކަމަށް ވާއިރު ރިޔާސީ ނިޒާމުގެ ތެރެއިން އުފެދޭ ކޯލިޝަން ސަރުކާރަކީ ރައްޔިތުން ގަބޫލު ކުރާ ސަރުކާރެއް ނޫނެވެ. މި ނިޒާމުގެ ތެރެއިން ވެރިކަމަށް ކޯލިޝަން ސަރުކާރެއް ނުގެނެވޭނެއެވެ. 

ރައްޔިތުން ވޯޓު ދެނީ ރައްޔިތުންނަށް އެންމެ ބޭނުންތެރި މެނިފެސްޓޯއެއްގެ މަށްޗަށް ބިނާކޮށް އެމެނިފެސްޓޯ ހުށަހަޅާ ޕާޓީއަކުން ނެރޭ ކެންޑި ޑޭޓަކަށެވެ. ކަން މިހެން ހުރުމާއެކު އާބާދީގެ %02 އިންސައްތަ ތާޢީދު ލިބިފައި ނުވާ ޕާޓީ ތަކަކަށް ދައުލަތް ބޯކިބަލެއް ފަޅާ ބީދައިން ފޮތިފޮތިކޮށް ދެވޭނޭ އެއްވެސް ގާނޫނީ ހަމައެއްވެސް ނެތެވެ. އަދި އަމުދުން ރައްޔަތުންގެ ޓެކްސް ފައިސާއިން މިފަދަ ޕާޓީތަކަށް ފައިސާދެވި ދިވެހި މި ކުޑަކުޑަ މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެއްދުމަށް އެމީހުނަށް ޖާގެދެވިގެން ނުވާނެވެސް މެއެވެ.

ކަން މިހެން ހުރުމުން ރިޔާސީ އިންތިޚާބު ރައްޔިތުންގެ ސަޕޯޓެއް ނެތް ކިރިޔާ ގާނޫނީ ޢަދަދު ހަމަކުރަން ބައިވަރު ޕާޓީތަކެއް އެއްކޮށްގެން ކޯލިޝަނެއްގެ ތެރެއިން ވެރިޔަކު ހޯއްދަން އުޅުން ހުށްޓުމަކަށް ގެންނަން ޖެހިއްޖެއެވެ.

      މިގޮތުން ކޯލިޝަން ސަރުކާރެއް ގެނައުމަކީ ރައްޔިތުންގެ ތާޢީދު ލިބިފައިނުވާ ޕާޓީތަކެއް އެއްކޮށް ދައުލަތް ފަޅިފަޅި ކޮށް ލޫޓްވަން، ރައްޔިތުން ވޯޓު ނުދޭބަޔަކު ވެރިކަމުގެ ބާރުތަކުގެ ތެރެއަށް ދާޚިލް ކުރުމެވެ. 

މިއީ ސަބަބުވެރި ވިސްނުމަކުން ވިސްނީމާވެސް މުޅީން ޑިމޮކްރަސީގެ ރޫޙާއިޚިލާފަށް ރައްޔުތުންދޭ ވޯޓު ކޯލިޝަނެއް އުފައްދައިގެން ފެލާލުމުގެ ޙީލަތްތެރި ޢަމަލެކެވެ. އަދި މިހެންވުމުން އެފަދަ ކުދިކުދި ޕާޓީތަކުގައި ބޯކިބާ ބަހާލައިގެން ލިބޭ ޕަސެންޓޭޖް ފުރުމަށް ވަޒީފާ އަދާކުރާނެ ތަޢުލީމީ ހުނަރުވެރި ތަޖުރިބާކާރުން ނެތުމުން ދައުލަތް ހިންގުމުގެ ފެންވަރުވެސް ވަރަށް ދަށުދަރަޖައަކަށް ދެއެވެ. 

މިހާރު ފެންނިގެން ދަނީ މިދެންނެވި ނާގާބިލު ވެރިކަމެވެ. ހަލާކަކީ ހަމަ މިދެންނެވި ކޯލިޝަންގެ ވަބާއެވެ.

      ވެރިކަމުގެ ބާރަކީ ރައްޔިތުންގެ ބާރެކެވެ. އެބާރު ލިބޭންޖެހޭނީރައްޔިތުންގެ އަޣުލަބިއްޔަތު އޮތް ރައްޔިތުން ސަޕޯޓްކުރާ ބަޔަކަށެވެ.މިރާއްޖޭގައި މިވަގުތު އޮތީ ގިނަ ރައްޔިތުންގެ ރުހުން ލިބިފައިވާ ދެޕާޓީއެވެ. އެ ދެޕާޓީއަށް ގައުމުގެ މުހިންމުވެ، އުދަނގުވާ ބައެއް ތަފާތުތަށް ނައްތާލެވި މަޝްވަރާކުރެވި ރައްޔަތުންގެ ޙައްގުގައި ގުޅިގެން މަސައްކަތް ކުރަން މަޖުބޫރު ޙާލަތަކަށް މިރާއްޖެ މިވަނީ ގޮސް ފައެވެ. މިދެޕާޓީ ބޭނުން ވެއްޖެނަމަ އެހެން އެއްވެސް ކުދިކުދި ޕާޓީތައް ބައިވެރި ނުކޮށް ގައުމީ އެއްބައި ވަންތަކަމުގެ ބާރުވެރި ސަރުކާރެއް އުފެއްދޭނެއެވެ.

      މިނިޒާމުގެ ތެރެއިން ނާއިބު ރައީސަކަށް އިތުރު އެހެން ވަޒީރުކަމެއް ކުރުމަކަށް ހުރަހެއްވެސް ނާޅައެވެ. އެގޮތުން ގައުމީ އެއްބައިވަން ތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ފަހު ރާއްޖޭގެ ރައްޔިތުން ބޭނުންވާ ޢަދުލު އިންޞާފުހަމަހަމަކަން ގާއިމް ކުރެވިދާނެ ކަމަށް ދެކެމެވެ. 

    މިހާތަނަށް ރާއްޖޭގައި އެކުލަވާލެވޭ ކޯލިޝަންސަރުކާރު ތަކުގެ ސަބަބުން ވަގުންނާއި ގާތިލުންގެ މައްސަލަތަށް ބެލުމުގެ ބާރު، ކަމާއިބެގޭ ފަރާތްތަކުގެ ނުފޫޒުގެ ތެރޭގައި ތާށިވަމުން އަންނަ އައުމަށްވެސް ޙައްލެއް ލިބިދާނެކަމުގައި ދެކެމެވެ.

     މިހާރު ރާއްޖޭގައި މިހިނގާ ސަރުކާރުގެ ތެރޭގައި ރައްޔިތުން އިންޞާފުގެ ކުރިމަށްޗަށް ގެންނަން ބޭނުންވާ ފަރާތްތަށް ގިނައެވެ. އެހެން ކަމާއިއެކު 2023 ގައި ރާއްޖޭގައި އުފެދިފައިވާ އާބާދީގެ %02 އިންސައްތަ ތާޢީދު ނެތް ޕާޓީތައް ބައިވެރިވާ ކޯލިޝަން ސަރުކާރަކަށް ރައްޔަތުން ވޯޓު ނުދެއްވާށެވެ. ހުރިހާ ވަގުންނާއި ގާތިލުން ތިބީ މިކޯލިޝަންގެ ޕްރޮޓެކްޝަންގެ ތެރޭގައިކަން ވަރަށް ސާފުކޮށް އެނގެއެވެ. ރައްޔިތުން މިގައުމު ހަމަމަގަށް ރުޖޫޢަކުރުމަށް ޕީޕީއެމާއި އެމްޑީޕީ ގުޅެން އެދެން އެބަ ޖެހެއެވެ. މިހާރު ރައްޔިތުންނަށް އެންމެ ފައިދާ ބޮޑީމިމަގުން އެއްބައިވަންތަ ކަމުގެ ސަރުކާރެއެް ހިނގަން ރައްޔިތުން ރުހި ނިންމުމެވެ. ޔަގީނުންވެސް އެނގޭ ކަމަކީ ޕީޕީއެމް އާއި އެމްޑީޕީ ގުޅިގެން އުފެދޭ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގުޑުވައެެއް ނުލެވޭނޭކަމެވެ. 

ސިޔާސީ ހެޔޮލަފާ ވެރީންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ އިގޯ ދޫކޮށްލަން ކެރޭ ރަައްޔަތުންނަށްޓަކައި ގުރުބާނީތަކެއް ވާން ކެރިވަޑައިގަންނަވާ ގަޓް ލީޑަރުން ކަމުގައި ދެކެމެވެ.

     މިހާރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ސިޔާސީ ކުދި ކުދި ޕާޓީތަކުގެ ނުފޫޒުން ދިވެހީން ސަލާމަތްވުން ލާޒިމް ކުރެތެވެ. އެއީ ގައުމަށް އަދުލް އިންސާފު ގެނެވި ހަމަމަގަށް އެޅުވެންއޮތް ހަމައެކަނި މަގުކަމުގައި ދެންނެވީމެވެ.

Loading

One Response

  1. ގައުމީ އެއްބައިވަންތަ ސަރުކާރެއްގެ ވާހަކަ ދައްކަވާއިރު މި ރާއްޖޭގައި މިއުޅެނީ ސިޔާސީ ވިސްނުން ގޭތެރޭގައިވެސް އެއްގޮތް ނުކުރެވިގެންނެވެ. ދެން ވެރިކަމަށް ބޫތު ހިފާފައި ތިބި ބަޔަކުގެ ވިސްނުން އެއްގޮތް ކުރާނީ ކިހެނެއްހެއްޔެވެ ؟ މިދޭތެރެއަކުން ކޮންމެވެސް ސިޔާސީ ބޭފުޅަކު ހުންނެވީ ބޮޑުމީހާ ވިދާޅުވުމުން ފާޚާނާ ސާފުކޮށްދޭންވެސް ތައްޔާރަށޭ ވިދާޅުވި އެވެ. އެކަމަކު އެފަދަ އިޚްލާސްތެރި ބައިވެރިޔާގެ ބޭނުން ނެތުމުން ހޮސްޕިޓަލުގައި ހޭނެތިފައިއޮއްވާ ޖަލަށް ހުކުމް ކޮށްލީއެވެ. މިއީ ސިޔާސީ ވިސްނުމުގައި ދިވެހިންގެ ވިސްނުންހުރިގޮތުގެ މިސާލެކެވެ. އަޅުގަނޑު މިބުނީ އޭނާ ރަނގަޅު ވީނާ ނުބައި ވާހަކައެއް ނޫނެވެ. ވިސްނުން އެއްގޮތް ކުރާނެ ފޯރމިއުލާއެއް ނޭންގޭ ވާހަކައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް