މި ސަރުކާރުން އެމްބަސީތަކުގެ ޑިޕްލޮމެޓިކް ހުރުމަތް ކަނޑާލައިފި: ދުންޔާ

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން އެމްބަސީތަކުގެ ޑިޕްލޮމެޓިކް ހުރުމަތް ކަނޑާލައިފައިވާކަމަށް ވިދާޅުވެ ކުރީގެ ޚާރިޖީ ވަޒީރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް ދުންޔާ މައުމޫން ފާޑުވިދާޅުވެއްޖެއެވެ.

“ރައްޔިތުންގެ އުދާސް“ ގެ ނަމުގައި އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ދުންޔާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން މިއަދު ވަނީ ބޭރުގެ ޤައުމަކަށް ހިލޭ އެހީއެއްގެ ގޮތުގައި ވެދުންކޮށްފައި ކަމަށެވެ. އަދި ބޭރުގެ ޤައުމެއްގެ ރުުހުން ހޯދައިގެން މެނުވީ ދިވެހި ސަރުކާރަށް ބޭރުގެ އެހެން ޤައުމަކަށް “ހަލޯ“ ވެސް ބުނެލަން ނުކެރޭކަމީ މިއަދުގެ ހާލަތުކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. 

“ރާއްޖޭން ބޭރުގަ ހުންނަ އެމްބަސީތަކުގެ ހާލަތު ބަލާލާއިރު އެ ހާލަތު ވެސް ރަނގަޅެއް ނޫން. ވަރަށް ވެސް ގޯސް. ދިވެހިންނަށް ލިބެންޖެހޭ ޚިދުމަތްތައް ވެސް ލިބުން ދަތި. ރާއްޖޭން ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަކީ އެ ޤައުމުތަކުގައި ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށް, ރާއްޖެއަށް ފައިދާއާއި މަންފާ ހޯދުމަށް ހުންނަ ދިވެހި ދައުލަތުގެ ވަރަށް މުގައްދަސް މުއައްސަސާތަކެއް. މި ސަރުކާރުންވަނީ އެ އެމްބަސީތަކުގެ ޑިޕްލޮމެޓިކް ހުރުމަތް ވެސް ކަނޑާލާފަ. އެެއީ ރައީސްއާއި ޚާރިޖީ ވަޒީރަށް ސަނާކިޔާ އެކްޓިވިސްޓުންނަށާއި އެ މީހުންގެ ޢާއިލާތަކަށް ޚަރަދުކުރަން ހުންނަ ތަންތަނަށްވެފަ.“

ދުންޔާ ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިއްބަވާނީ ޕްރޮފެޝަނަލް ޑިޕްލޮމޭޓުން ކަމަށާއި ރާއްޖޭގެ ދިފާޢުގައި ވަކާލާތުކުރަން ކެރޭ, ވަކާލާތުކުރަން އެނގޭ ތަޢުލީމީ ދިވެހިން ކަމަށެވެ.

“އެމްބަސީތަކުގެ މިހާރުގެ ހާލަތަކީ ބޭރުގެ އިންވެސްޓަރުން ހޯދުމުގެ ބަދަލުގައި އެމްބަސީތަކަކީ ދިވެހިންގެ ލާރި ބޭރު ޤައުމުތަކުގައި އިސްރާފުކުރާ ތަންތަނަށްވެފައިވާ ކަމީ އަޅުގަނޑު ހިތާމަކުރާކަމެއް. މިސާލެއް ދަންނަވައިލާނަން. 2013 ވަނަ އަހަރާ އަޅާބަލާއިރު އެމްބަސީތަކުގެ ޚަރަދުތައް 2023 ގަ މިވަނީ %185 އިންސައްތަ އިތުރުވެފަ. މިއީ 10 އަހަރުތެރޭގަ އައިސްފައިވާ ބަދަލު. ސްރީލަންކާގައި ހުންނަ އެމްބަސީއަށްކުރާ ޚަރަދު %355 ވަނީ އިތުރުވެފަ.“ 

ދުންޔާ ވިދާޅުވީ އެމްބަސީތަކުން މިވަރަށް ފައިސާ އިސްރާފް ކުރާއިރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ރާއްޖޭގަ މުހިންމު އިދާރާތަކުގަ ފައިސާއެއް ނުހުންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް