ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނު ޚާން ގެ ސިޔާސީ ޕާރޓީއިން އަނެއްކާވެސް ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑުޕަންޖާބު އަތުލައިފިއެވެ. ބަންޖާބުގެ ޗީފް މިނިސްޓަރުގެ ގޮނޑި އިންތިޚާބުގައި ކާމިޔާބު ކުރެއްވުމުންނެވެ. ޕަރްވޭޒް އިލާހީ އެގޮނޑި ކާމިޔާބު ކުރެއްވީ 371 ގޮނޑީގެ ތެރެއިން 186 ގޮނޑި ހޯއްދަވައި ގެންނެވެ.
އިތުބާރުނެތް ކަމުގެ ވޯޓު ކާމިޔާބު ނުކުރެވުމުގެ ސަބަބުންކަމަށްބުނެ 2022 ޑިސެމްބަރ 23 ވަނަދުވަހު ޕަންޖާބުގެ ގަވަރނަރު ބާލިޣުއްރަޙްމާނު ވަނީ ޗީފް މިނިސްޓަރު އިލާހީ މަގާމުން ދުރުކުރައްވައި ފައެވެ.

ނަމަވެސް އޭގެ އެއްދުވަސްފަހުން ޕާކިސްތާނުގެ އެންމެ މަތީކޯޓުން ވަނީ އިލާހީގެ ވަޒީފާ އަލުން ކަށަވަރުކޮށްދެއްވާފައެވެ. އަދި އަލުން އެ މަގާމުގައި ދެމިހުރުމަށް ގަވަރނަރުވެސް ވަނީ މިހާރު އިލާހީއަށް އަންގަވާފައެވެ.
މިވޯޓު ނަގާފައިމިވަނީ އާންމު އިންތިޚާބު އަވަސްކުރުމަށް އިމްރާން ޚާނާއި ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން އެ ޕާރޓީތަކުން ކޮންޓްރޯލްކުރާ ދެ އެސެމްބްލީ އުވާލާނެ ކަމުގެ އިންޒާރުދެމުން ގެންދަވާ ދުވަސްވަރެއްގައެވެ.
އެހެންނަމަވެސް އިމްރާން ޚާން ބޭނުންފުޅުވާ ގޮތަށް ޗީފް މިނިސްޓަރ ޕަރްވޭޒް އިލާހީ އެސެމްބްލީ އުވާލާނެކަން ނުވަތަ ނޫންކަން އަދި ކަށަވަރުކޮށް ނުދެއްވައެވެ.
އެސޯޝިއޭޓެޑް ޕްރެސް އިން ސިފަކުރާގޮތުގައި ޕަރްވޭޒް އިލާހީގެ މި ކާމިޔާބީއަކީ ޝާހްބާޒް ޝަރީފުގެ ފެޑެރަލް ސަރުކާރަށް އަމާޒުވެގެންއައި ވަރުގަދަ އެތިފަހަރެކެވެ. އިލާހީ ނިސްބަތްކުރެވޭ ޕާކިސްތާނު މުސްލިމް ލީގު ޕާރޓީއަކީ ޕަންޖާބުގައި ސަރުކާރުގެ އިދިކޮޅު ޕާރޓީއެވެ.