ބަޣާވާތް ދިވެހީންނަށް އޮޅުވާލުން ނުވަތަ އޮޅުނީ

Loading

Facebook
Twitter
WhatsApp

އާދެ! ތާރީޚް އެއީ އެއިރެއްގައި ލިޔުނު ބަޔަކު ލިޔުނީމަ ލިޔުނު އެއްޗަކަށް ވެދެއެވެ. އެހެނަސް ލޮލަށް ފެންނާން ހުރި ޙަޤީޤަތްތައް ނުވަތަ އަމާނަތްތެރި ޚަބީރުންގެ ކިބައިން ލިބޭ ޚަބަރުތަކަކީ ކޮންމެ ޒަމާނެއްގައިވެސް ބަޔަކު ލިޔެ ފޮރުވާ ނުވަތަ ދެން އަންނަން އޮތް ޖީލުތަކަށް ކިޔައިދޭ ނުވަތަ ނަގުލުކޮށްދޭ ވަރަށް މުހިންމު ތަކެއްޗެވެ. 

ދިޔަމިގިލީ ރަސްކަމުގެ ދުވަސްވަރު ޤާޟީ ޙަސަން ތާޖުއްދީންގެ ދެބެއިން ވެރިކަމުގެ ދަހިވެތިކަމުގައި މިޤައުމަށްކުޅަ ދެރައިގެ ސަބަބުން ދިމާވި ކަންތަކުގެ ނަތީޖާއެވެ. މުރުތައްދުވި 9 ވަނަ ޙަސަނުގެ ކްރިސްޓިއަން ދަރިކޮޅުގެ އަހުލުވެރިންނަށް ދިވެހިރާއްޖޭގެ ވެރިކަން ނަގުލުވުމުގެ މަގު ފަހި ވުމެވެ. (ފަހުން މިއީ ހުރަވީންނެވެ، އަޅުގަނޑު ކިޔާނީ ފަރަންސީސި ޕޯޗުގީޒު ހުރަވީން މިހެންނެވެ.)

ޤާޟީ ޙަސަން ތާޖުއްދީންގެ ދެދަރީން ކަމުގައިވާ މުޙައްމަދު ޝަމްސުއްދީން އަދި އަޙްމަދު މުޙުޔިއްދީން ކަންނަންނޫރު ޢަލީ ރާޖާއަށް އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން އިސްލާމް ދީނާއި ޚިލާފް ކަންކަން ކުރައްވާކަމާ މިހާރު އައިސްފިނަމަ ރާއްޖެ އަތުލައި މިލްކް ކޮށްދޭނޭކަމަށް ވައުދުވެ ސިޓީ ފޮނުވައި ޢަލީ ރާޖާ ކޮންވިންސްކޮށް ނުވަތަ ރުއްސައިގެން ޢަލީ ރާޖާ ރާއްޖެއަށް ނާފަހަރު ފޮނުވިއެވެ. ކަން ހިނގާދިޔަމަގީ މިދެބެންވެސް މަރުވުމެވެ. ކަނޑުފައްތާ މަރާލީއެވެ. އެހެނީ ޢަލީ ރާޖާ އަށް ވިސްނުނީ ޤައުމަށް ގައްދާރުވި ބަޔަކު ޢަލީ ރާޖާއަށް ވަފާތެރި ނުވާނެ ކަމުގައެވެ. ތިމާ ފޭހުނު އިލޮށި ތިމާ ލޮލަށް ހެރުނީއެވެ. 

މަލާބާރީން ދިވެހިރާއްޖެ ހިފުމަށްފަހު އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން އަދި އެއިރުގެ ވަލީއަހުދު ހައްޔަރުކޮށްގެން އެމީހުންގެ އެބައިމީހުންގެ ކަރަޔަށް ގެންދެވުނެވެ. މިގެންދިއުމުގައި ދޮންބަންޑާރައިންގެ ބައްޕާފުޅު، އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ވަޒިރެއްކަމުގައިވާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރިތަކުރުފާނުވެސް އަމިއްލަފުޅަށް އެދިގެން ގެންދެވުނެވެ. ރަސްގަފާނަށް ހުރި ވަފާތެރިކަމުގެ ގޮތުންނެވެ. 

ދޮންބަންޑާރައިންނަށް (ފަހުން އައްސުލްޠާން ޣާޒީ ހަސަން ޢިއްޒުއްދީން (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ) ދިވެހި ޤައުމުދެކެ ލޯބިފުޅުވެ މިޤައުމު ބޭރު މީހުން (މަލާބާރީން) ގެ ކިބައިން ސަލާމަތްކުރުމަށް އަހުދު ކަށަވަރު ހިއްޕަވައި އެމަގުގައި ކަންކުރާން ނިންމަވައި 03 ޖުމާދިލްއާޚިރާ 1166 ގައި (07 އޭޕްރީލް 1753) މިޤައުމު ދުޝްމަނުންގެ ކިބައިން ސަލާމަތް ކުރެއްވިއެވެ. 

މަލާބާރީން ބަލިކުރެއްވުމަށް ފަހުގައި ޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނު ރަސްކަން ހިންގަވަމުން ގެންދެވީ ދިޔަމިގިލީ ޢާއިލާގެ ދެ އަންހެންބޭފުޅުންގެ ނަންފުޅުގައެވެ. އެއީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުންގެ ދަރިކަނބަލުން އާމިނާ ކަނބަފާނު އަދި އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ދަރިކަނބަލުން އާމިނާ ރަނިކިލެގެފާނުގެ ނަންފުޅުގައެވެ. 

އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން އަވަހާރަވެ، 3 އަހަރު ފާއިތުވުމަށްފަހު 15 ރަބީޢުލްޢާޚިރު 1173 ވީ ބުރާސްފަތި ދުވަހު ޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނު ދިވެހިރަސްކަން ޤަބޫލު ކުރައްވައި އައްސުލްޠާން ޣާޒީ ހަސަން ޢިއްޒުއްދީން (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ ނަންފުޅުގައި ރަސްކަންފައްޓަވައި ކުރިއަށް ގެންދެވިއެވެ. 

ދޮންބަންޑާރައިންގެ ބައްޕާފުޅު ފަދައިން ދޮންބަންޑާރައިންނަކީވެސް ވަރަށްވެސް ޚުލްޤްފުޅުހެޔޮ އަމާނަތްތެރި ބޭފުޅެއްކަމުން ދޮންބަންޑާރައިންގެ ރަސްކަމުގެ ތަރޭގައި މަލާބާރީން ގެންދިޔަ ވަލީއަހުދު ހެޔޮޙާލުހައި ރާއްޖެ އައުމުން ވަލީއަހުދުގެ ދަރަޖައިގައި މަޤާމް ދެއްވައި ކަމޭ ހިއްތެވިއެވެ. ދޮންބަންޑާރައިން 02 ރަމަޟާން 1180 ގައި ފުރައުއްތަވުމުގެ ކުރިން އަވަހާރަވުމުގެ އާލާސްކަންފުޅުގެ ތެރޭގައި، ރަސްކަމުގެ ބޮޑުން އެއްކުރައްވައި އެރަދުން އަވަހާރަވުމަށްފަހުގައި މުޙައްމަދު މަނިކުފާނު ރަސްކަމަށް އިސްކުރަން ބައިޢަތުހިއްޕަވައި ވަޞިއްޔަތް ކުރެއްވިއެވެ.

މުޙައްމަދު މަނިކުފާނު ދިވެހިރާއްޖޭގެ ރަސްކަމާ ޙަވާލު ވެވަޑައިގަތީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންގެ ނަންފުޅުގައެވެ. (ޝަޙީދު ކުޅަ ބަންޑާރައިންނެވެ) މިރަދުންގެ ރަސްކަން ނިމުމަކަށް އައީ ރަސްކަމުގައި 7 އަހަރާއި 35 ދުވަސް ހެދަކުރެއްވުމަށްފަހު ޙައްޖަށް ފުރާވަޑައިގަތުމުން ގެނެވުނު ބަޣާވާތަކުންނެވެ. މިބަޣާވަތް ގެނައީ ފަރަންސޭސި ޕޯޗުގީޒު ހުރަވީ ދަރިކޮޅުގެ މިހެއްކަމުގައިވާ މުޙައްމަދު މަނިކުފާނެވެ. މިއީ ހުރާގޭ ދަރީން ދޮންބަންޑާރައިންގެ ވަޞިއްޔަތާއި ޚިލާފަށް ވެރިކަމުގެ ދަހިވެތިކަމުގައި ކުޅަ ވަރަށް ނުބައި ޢަމަލެކެވެ. (މިކަން ހެންވޭރު ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނު ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ ރަހުންނާއި ރަނީންގެ ފޮތުގެ 212 ވަނަ ޞަފުޙާގައި ވާނެއެވެ)

ހެންވޭރު ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނު ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ ރަހުންނާއި ރަނީންގެ ފޮތުގެ 197 ވަނަ ޞަފުޙާގައި ހުރާގޭ ދަރިކޮޅުގެ މަތިވެރި ވާހަކަ ލިޔުއްވާފައި އޮތްއިރު ދިޔަމިގިލީ ދަރިކޮޅު ނައްތާލަން އެބައިމީހުން ކުރިކަންކަމުގެ ވާހަކަ ލިޔުއްވާފައި ނެތުމުން މިބަޣާވާތުގެ ވާހަކަ ލިޔާން ޖެހުނީއެވެ. ދޮންބަންޑާރިންނަކީ ދިޔަމިގިލީ ދަރިކޮޅުގެ ވެރިކަން ދެމެހެއްޓެވި އަމާނަތްތެރިއެކެވެ. ފަސްދާނުވެޑުވުނީވެސް ދިޔަމިގިލީ ރަސްރަސްކަލުންގެ ޒިޔާރަތުގައެވެ. ވީމާ މިބުނެވުނު ބަޣާވާތުގެ ވެރިޔާ މުޙައްމަދު މަނިކުފާނާއި ހިސާބުން މުޙައްމަދު ފަރީދު އާއި ހަމައަށް ރަސްކަންކުރެއްވި އަދި ބޮޑުވަޒީރުކަން ކުރި ހުރާގޭ މީހުންނަކީ ޚާއިނުންނެވެ. 

ތެދު އެނގޭއިރުވެސް ތެދުބަހުން އެއްޗެއް ނިލުޔުމަކީ ކުށެކެވެ. އަދި އަމުދުން މިޤައުމުގެ އާދެ ދިވެހިރާއްޖޭގެ ތާރީޚުގެ ހުންނާންޖެހޭ ތެދާއި ދޮގު އޭގެ ގޮތުގައި ލިޔާން ޖެހެއެވެ. ނަންގަނެވުނު މުރުތައްދު 9 ވަނަ ޙަސަނުގެ ކިބައިން އައި ފަރަންސޭސި ޕޯޗުގީޒު ހުރަވީން އޭރުއްސުރެން ދިޔައީ މިދިވެހި ޤައުމުގައި އޮތް އިސްލާމް ދީނުގެ ކަންކަމަށް ކޮކަޑިލައި ވަރަށް ހުޝިޔާރު ކަމުގައި ދިވެހީންގެ އެއްބައިވަންތަކަން ނަގާލައި އަދި އެވަރު ނުވެގެން އިޖުތިމާޢީ ފޭރާން ވީދާ ކުނޑިކުނޑި ކުރަމުންނެވެ. އަޅުގެ ދުޢާއަކީ ފަރަންސޭސި ޕޯޗުގީޒު ހުރަވީންގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ގެއްލުމުން ސަލާމަތްވެ މިޤައުމުގައި އަލުން އެއްބައިވަންތަކަން ޤާއިމުވެ އިޖުތިމާޢީ ފޭރާން ދުޅަހެޔޮވުމެވެ. 

ރިފަރެންސް

ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން / ހ. ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނު

ދިވެހި ތާރީޚަށް އައު އަލިކަމެއް  / ފުރަތަމަ ޗާޕު 1958-1966 ދެވަނަ ޗާޕު 1980 

Loading

One Response

  1. ވަރަށް ޝައުޤުވެރި މަޒްމޫނެއް، މީގެން މިއެނގެނީ މިޤައުމުގައި ޖަރީމާތައް ހިންގާފަހުރިކަން، އެވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި ވަޑައިގަތް ރަސްކަލެއް ކަނޑުފައްތާ މަރާލުން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް