އަލްމަރުޙޫމް ހުސައިން މުޙައްމަދު: ދެވަނައެއް ނެތް ޚިދުމަތްތެރިއެއް!

Loading

Facebook
Twitter
WhatsApp

އިއްޔެގެ ވަޤުތެއްގައި ނިޔާވި، ގ.ލިއެނާ، ޙުސައިން މުޙައްމަދަކީ ގިނަ ބަޔަކު ދަންނަ މޫނެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެމަނިކުފާނުގެ ޤައުމީ ޚިދުމަތް ވަނީ އެކިއެކި ރޮނގުރޮނގުން ފުޅާ ދާއިރާއެއްގައި ޤައުމަށް ލިބިފައެވެ. ނޫސްވެރިކަމުގެ ރޮނގުންނެވެ. ސިޔާސީ ރޮނގުންނެވެ. ތަޢުލީމީ ރޮނގުންނެވެ. އިއްޔެ އެމަނިކުފާނު މިފަނާވަނިވި ދުނިޔެއިން ވަކިވެގެން ދިޔަ ޚަބަރަކީ ގިނަ ބަޔަކު ރޮއްވާލި ޚަބަރެކެވެ.

ޓީވީއެމްއާއި، ވީމީޑިޔާ އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުގައި ގިނަ ދުވަސްތަކެއް އުޅުއްވި މުހައްމަދު އާސިފް (މުންދު) ވަނީ މަރުޙޫމް ހުސައިންބެ އާއި ބެހޭގޮތުން އޭނާގެ ޝުޢޫރުތައް ސޯޝަލް މީޑިޔާގައި ބަންޑުން ކޮށްލައިފައެވެ. އެބޭފުޅާ މަރުޙޫމް ހުސައިންބެ ސިފަ ކުރައްވައިފާ ވަނީ ބްރޮޑްކާސްޓިންގ ދާއިރާގެ ބައްޕަގެ ގޮތުގައެވެ. ރާއްޖޭގައި ބްރޮޑްކާސްޓިން ދާއިރާގާއި ހިފަހައްޓަމުން އަންނަ މިންގަނޑުތައް އުފެއްދެވި މޭސްތެރިއަކީ ހުސައިންބެ ކަމަށް އެބޭފުޅާ ލިޔުއްވާފައި ވެއެވެ. ޒަމާނީ ބްރޯޑްކާސްޓިން އުފެދިގެން އައިއިރު އެކަމަށް މަގު ދައްކަވާ، ހިތްވަރު ދެއްވާ އެކަމުގައި ޢަމަލީ ގޮތުން އުޅެއްވި ކަމަށް އެބޭފުޅާ ހާމަ ކުރެއްވިއެވެ. ސްކްރިޕްޓް ލިޔުއްވުމާއި، ތަރުޖަމާކުރެއްވުމުގައި އެހާ އަވަސް ބޭފުޅަކު ދެކި ވަަޑައި ނުގަންނަވާ ކަމަށާއި، އެއީ ދިވެހި ބަހާއި، ތާރީޚާއި ޤައުމިއްޔަތު ދިރުވަން ޚާއްސަ ސަމާލުކަމެއް ދެއްވި ބޭފުޅެއް ކަމަށް ވެސް ފާހަގަ ކުރައްވާފައި ވެއެވެ.

ބްރޮޑްކާސްޓިން ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގައި ވެސް މުހިންމު މަޤާމުތަކެއް އެމަނިކުފާނު ފުރުއްވިއެވެ. އެގޮތުން 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަމާއި، ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް އެމަނިކުފާނު ފުރުއްވިއެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ އީޑީސީގެ އެކިއެކި މަޤާމުތަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރ ކަންވެސް ކުރައްވައިފައެވެ.

މަރުޙޫމް ހުސައިން މުޙައްމަދު އަވަހާރަވެފައިވަނީ، ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އުމުރުފުޅުން 71 އަހަރުފުޅުގައެވެ. ދުޢާއަކީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް