އިންސާނުންގެ ލޮލުގެ ކުރިމަތީގައި ފާޅުވަމުންދާ ރީތި މީހުންނާއި ރީތި ތަންތަކާއި ރީއްޗަށް ހިތްކިއުމަކީ އިންސާނީ ތަބީޢަތު ކަމާމެދު ދެބަސް ނުވެވޭނެއެވެ. އަދި އެއްޗެއްސާއި ތަންތަނުގެ ރީތިކަން ލޮލުގެ ކުރިމަތީގައި ފެނިފެނި ހުރުމުގެ ސަބަބުން އެ ރީތިކަމަށް ހިތްކިއުމަކީ ނުވެ ނުދާނެ ކަމެކެވެ.
ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ކަނޑުތަކަކީ ގުދުރަތުގެ ވަރަށްރީތި އުފެއްދުމެކެވެ. އެ ރީތިކަން ދުނިޔެއަށް ހާމަނުވެ ފޮރުވިފައި އޮތް އިރުވެސް އެއީ ގުދުރަތުގެ ރީތީ އުފެއްދުމެކެވެ.

އެރީތި ކަމަކީ އަޅުގަނޑުމެންގެ ގައުމުގައި ދިރިއުޅޭނެ ރައްޔިތުންނަށް މާތްﷲ ދެއްވާފައިވާ މަތިވެރި ވެގެންވާ ރިޒުގެކެވެ. ދިވެހިރައްޔިތުންގެ އަތުގައި ކާނެއެއްޗެއް ނެތިގެން އުޅުނު ޒަމާން ތަކުގައިވެސް އެރަށްތަކުން އެމީހުންގެ ބަނޑުހައި ހޫނުކަމުން މިންޖުކުރިއެވެ.
މިއަދު އެރަށްތަކަކީ މުޅިދުނިޔެއަށް ތައާރުފް ވެފައިވާ ރަށްތަކެކެވެ. ރީތިކަމުން މިސާލު ނަގަމުންނެވެ. ދުނިޔޭގެ އެތަންމިތަނަށް ދަތުރުކޮށްއުޅޭ މީހުން އުމުރުން އެންމެ ފަހަރަކުނަމަވެސް ދެކިލަން ހިތް އެދޭ ރަށްތަކެކެވެ. މިފުރުސަތުގައި އެރަށްތައް ދުނިޔެއަށް ތަޢާރުފެ ކުރެއްވުމުގެ ބުރަމަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް ސަލާންދަންނަވަމެވެ.
ރީތި ތަންތަނާއި މަޝްހޫރު ތަންތަނުގެ ނަން ތަކުރާރު ކުރުމަކީވެސް ކުރަމުން އަންނަ ކަމެކެވެ. ބައެއްފަހަރު އެއީ މަޝްހޫރު ތަންތަން ކޮޕީކޮށްގެންނެވެ. މިފަހަރު މިއޮތީ ކެރީބިއަންގެ ރަށްތަކުން އެއްރަށަކީ ދިވެހިރާއްޖެ ކަމުގައި ނަންދީފައެވެ.
ތޫފާނުތައް ދަތުރުކުރާ މިސްރާބުން އެއްފަރާތުގައި އޮންނަ ޕާމް އައިލެންޑަކީ ކެރީބިއަންގެ ދިވެހިރާއްޖެއެވެ. އެރަށް ތައްޔާރުކުރަނީ ދިވެހިރާއްޖޭގެ ރަށްތައް ނަމޫނާއަކަށް ބަލައިގެންނެވެ.

އެ ޖަޒީރާގެ މައުސޫމް ގޮނޑުދޮށްތަކާއި ސާފު މޫދަކީ ދިވެހިރާއްޖޭގެ ރަށްތަކަށްވެސް ލިބިފައިވާ ފަދަ ރީތީ ތަންތަނެވެ. އެ ރަށް ތަރައްގީ ކުރާ ފަރާތުން ބުނެފައިވަނީ ޓޫރިސްޓުންނަށް ޚާއްސަ ޖަޒީރާއެއްގެ ގޮތުގައި މިރަށް ތައްޔާރު ކުރުމަކީ ވަރަށްފަސޭހަކަމެއް ކަމަށެވެ. އަޅުގަނޑުމެން ފަޚުރުވެރިވަނީ ދިވެހިރާއްޖޭ ނަމޫނާއަކަށް ބަލައިގެން އެކަން ކުރާތީއެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ އަޅުގަނޑުމެންގެ ރަށްތަކުގެ ރީތިކަން ދުނިޔެއަށް ތަޢާރުފްވެ ތަރުޙީބު ލިބެމުންދާ ފަދައިން އަޅުގަނޑުމެންގެ ރައްޔިތުންގެ ނަފުސުގެ ރީތީކަންވެސް ދުނިޔެއަށް ހާމަވެގެން ދިއުމެވެ.
އަޅުގަނޑުމެންގެ އެވޭލާ ރިވެތި އާދަކާދައާއި އަޚްލާގަކީވެސް ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި ނަމޫނާ މިސާލަކަށް ވެގެންދިއުމެވެ.